ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: ހެންވޭރުގަނޑުވަރު މަނިއްޕުޅުގެ ސަބަބުން ދިވެހި ދައުލަތަށް ކުރިމަތިވި ބޮޑު ލަދު!

އިމާދު ލަތީފު

މީގެ 101 އަހަރު ކުރިން 1921 ވަނަ އަހަރު އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް އެޑްވަޑް ރަސްމީ ދަތުރުފުޅެއްގައި ސިލޯނަށް ވަޑައިގެންނެވިއެވެ. އެދުވަސްވަރު ސިލޯނު އޮތީ އިނގިރޭސީންގެ ވެރިކަމުގެ ދަށުގައެވެ. ދިވެހިރާއްޖެވެސް އޮތީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައެވެ. ޕްރިންސް އެޑްވަޑް މި ދަތުރުފުޅެއް ކުރެއްވިއިރު އިނގިރޭސި ރަސްކަމުގައި އިންނެވީ ކިންގް ޖޯޖް ފަސްވަނައެވެ. ޕްރިންސް އެޑްވަޑަކީ މިދެންނެވި ކިންގް ޖޯޖް ފަސްވަނައިގެ ދޮށީ ދަރިކަލުންނެވެ. ދިވެހި ތަޚުތުގައި އޭރު އިންނެވީ ސުލްތާން މުހައްމަދު ޝަމްސުއްދީން ތިންވަނައެވެ. އެރަދުންގެ ވަލީއަހުދަކީ ދަރިކަލުން ޕްރިންސް ހަސަން އިއްޒުއްދީނެވެ. ހެންވޭރުގަނޑުވަރު މަނިއްޕުޅެވެ. މި ދެ ވަލީއަހުދުންގެ ކިބައިގައިވެސް ހަވާނަފުސަށް ތަބާވުމުގެ ސިފަ ވަރަށް ބޮޑެވެ.

ޕްރިންސް އެޑްވަޑްގެ ސިލޯނު ދަތުރުފުޅަކީ އިންޑިޔާވެސް ހިމެނޭގޮތުން ވަރަށް ދުރާލާ ތައްޔާރުކުރެވިގެން ޕްލޭން ކުރެވިގެން ކުރެއްވި ދަތުރުފުޅެކެވެ. އެދުވަސްވަރު ދިވެހިރާއްޖޭގެ ކަންކަން ބަލަހައްޓަވަނީ ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރެވެ. ޕްރިންސް އެޑްވަޑް ސިލޯނަށް ވަޑައިގެންނެވި ދުވަސްވަރު ގަވަރުނަރަކީ ވިލިއަމް ހެންރީ މޭނިންގެވެ. ދަތުރުފުޅުގެ ތާރީޚުތައް ހަމަޖެހުމުން ސިލޯނުގައި ހުންނެވި ދިވެހި ސަފީރު އަބްދުލްހަމީދު މެދުވެރި ކުރައްވައި ދިވެހި ސަރުކާރަށް ގަވަރުނަރު މޭނިންގ އެންގެވިއެވެ. އިނގިރޭސި ވަލީއަހުދު ޕްރިންސް އެޑްވަޑް މިވެނި ދުވަހަކުން މިވެނި ދުވަހަކަށް ސިލޯނަށް އެބަވަޑައިގަންނަވައެވެ. ދިވެހިރާއްޖޭގެ އިސްވެރިޔަކާ ބައްދަލުކުރައްވަން ބޭނުންފުޅުވެއެވެ. އެހެންވީމާ ސަރުކާރުން ކަނޑައަޅާ ވެރިޔަކު އަވަހަށް ސިލޯނަށް ވަޑައިގަންނަވާށެވެ.

ދިވެހި ރަސްކަމުގައި ޝަމްސުއްދީނު ރަދުން އިންނެވިޔަސް ދައުލަތް ހިންގުމުގެ ހަގީގީ އާރާއިބާރު އޮތީ ބޮޑުވަޒީރު އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށެވެ. އެކިލެގެފާނަށް ފެނިވަޑައިގަތީ ދިވެހިރާއްޖޭގެ ވަލީއަހުދު ޕްރިންސް ހަސަން އިއްޒުއްދީނު ސިލޯނަށް ވަޑައިގެންނެވުމަށެވެ. މި މަނިއްޕުޅުގެ ކަންކަން އޭރު ހުންނަގޮތަކީ މުލީއާގޭގައި ރޭގަނޑު ކުޅިސަމާ ޖައްސަވައި ދުވާލު ހަތަރުދަމު އަވަހާރަފުޅު ލެއްޕެވުމެވެ. އައްޔާޝީ ކަންކަން ނުހަނު ބޮޑެވެ. މިވަރުގެ ބޭފުޅަކު ސިލޯނަށް ފޮނުވުމަކީވެސް ބިރެކެވެ. އެހެންވީމާ މި މަނިއްޕުޅު ސިލޯނަށް ފޮނުވީ އެމަނިއްޕުޅުގެ ޕްރައިވެޓް ސެކްރެޓަރީގެ ނަމުގައި އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ އެއްބަނޑު ކޮއްކޯފުޅު އަހުމަދު ކާމިލްދީދީއާ އެކުގައެވެ. ކާމިލްދީދީއަށް މި މަނިއްޕުޅު ކޮންޓްރޯލްކޮށް ބެލެހެއްޓޭނޭކަމަށް ހީކޮށްފައެވެ.

ދެ ވަލީއަހުދުންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިއޮތީ ކޮޅުނބުގެ ކުއީންސް ހައުސްގައެވެ. އެއީ އޭރު ގަވަރުނަރުގެ ރަސްމީ ގެއެވެ. މިހާރު އެއީ ސްރީލަންކާގެ ރައީސްގެ ރަސްމީ ގެއެވެ. ކޮންމެއަކަސް ދިވެހި ވަފުދު ސިލޯނަށް ގޮސް ކުއީންސް ހައުސްއާ ވަރަށް ކައިރި ހިސާބަކުން ވަރަށް ފައްކާ ބޮޑު ގެޔެެއް ކުއްޔަށް ނަގައިގެން އެގޭގައި ހަމަޖެހިލައިފިއެވެ. ޕްރިންސް އެޑްވަޑް ސިލޯނަށް ވަޑައިގެންނެވުމާއެކު ދިވެހި ސަފީރު މެދުވެރިކޮށް ބައްދަލުވުމުގެ ވަގުތާއި ތާރީޚު ދިވެހި ވަފުދަށް އަންގައިފިއެވެ. މި އެންގުމެއް އެންގީ ބައްދަލުވުމުގެ ދެދުވަސް ކުރިންނެވެ. އެހިސާބުން މި ބައްދަލުވުމަށް އިއްޒުއްދީނު މަނިއްޕުޅު ހާނުވައި ތަމްރީނު ކުރެއްވުމުގެ މަސައްކަތްޕުޅު އަހުމަދު ކާމިލްދީދީ ފައްޓަވައިފިއެވެ. ތަންކޮޅެއް އިރާކޮޅު އަވަހާރަފުޅު ލައްޕަވައި ފަތިހު ތެދުވެވަޑައިގަތުމަށް ދަންނަވައިފިއެވެ.

ޕްރިންސް ހަސަން އިއްޒުއްދީނަށް ސިލޯނަކީ އައުތަނެއް ނޫނެވެ. އެ މަނިއްޕުޅު ކިޔަވައި ވިދާޅުވީ ސިލޯނުގެ ރޯޔަލް ކޮލެޖުންނެވެ. އެތަނުގައި ރަހުމަތްތެރިންނާއި ލޯބިވެރިންވެސް ނުހަނު ގިނައެވެ. އެހެންވީމާ އެމަނިއްޕުޅަށް ސިލޯނުގައިވެސް ދުވާލަކީ ރޭގަނޑެވެ. ރޭގަނޑަކީ ދުވާލެވެ. ހޭލައި ހުންނަވާ ވަގުތެއްވިއްޔާ ކޮންމެވެސް ކުޅިވަރެއްގައެވެ. ދެ ވަލީއަހުދުންގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައި އޮތީ ހަވީރު ހަތަރެއްޖަހާއިރުއެވެ. ބައްދަލުވުމުގެ ކުރީރޭ މި މަނިއްޕުޅުގެ ކުޅިވަރުގެ ކަންކަން އެހެން ރޭރެޔަށްވުރެވެސް ބޮޑެވެ. އަވަހާރަފުޅު ލައްޕަވާން ވަޑައިގަންނަވާން ދެންނެވީމާ މިދަނީ، މިދަނީއެއްގައި ގޮސް އިރުއަރައިފިއެވެ. މަނިއްޕުޅަށް އަވަހާރަފުޅު ލެއްޕެވުނީވެސް ހެނދުނު ނުވައެއް ޖެހިފަހުންނެވެ. ދާންމަތިކޮޅުގައިވެސް ދެތިން ޒުވާން ފިރިހެނުން އަރިހުގައި ތިބިކަމަށް ބުނެވެއެވެ.

ދުވަހުގެ އިރު އަސުރަށް ލަނބައިލިއިރުވެސް މަނިއްޕުޅު އޮތީ ގަދަޔަށް އަވަހާރަފުޅުގައެވެ. ކޮޓަރީގެ ދޮރު ވައްޓައިލިއިރުވެސް މަނިއްޕުޅަށް ރޭކާލުމެއް ނެތެވެ. އެންމެފަހުން އަހުމަދު ކާމިލްދީދީޔާއި އަބްދުލްހަމީދުދީދީޔާއި ދެބެއިން ކުއީންސް ހައުސްއަށް ވަޑައިގެން ގަވަރުނަރުގެ ސެކްރެޓަރީއަށް އަންގަވައިފިއެވެ. ވަރަށްވެސް ދެރައެވެ. ދިވެހިރާއްޖޭގެ ވަލީއަހުދު އޮންނެވީ މާވަރުގަދަ ހުންފުޅެއްގައި އާލާސްކަންފުޅާއެވެ. ތެދުވެވަޑައިގަތުމަށް ޑޮކްޓަރުގެ އިޒުނައެއްވެސް ނެތެވެ. ކޮންމެއަކަސް މިހިސާބުން ދެ ވަލީއަހުދުންގެ ރަސްމީ ބައްދަލުކުރެއްވުން ކެންސަލްވީއެވެ. އަހުމަދު ކާމިލްދީދީ ވިދާޅުވިކަމަށް އަބްދުލްހަކީމު ހުސައިން މަނިކު ލިޔުއްވިއެވެ. އެވަރުގެ ލަދެެއް ދުވަހަކުވެސް ނުގަނެއެވެ. އެއޮތް ރަގަޅު އިއްޒަތްތެރި ބައްދަލުވުންވެސް މުޅިން ގެއްލުނީއެވެ.