އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 01

އަބްދުﷲ ފާރޫގް ހަސަން

އަޅުގަނޑަކީ ވަރަށް ކުޑައިރުއްސުރެ އިސްލާމީ ތާރީޚަށް ޝައުޤުހުންނަ މީހަކީމެވެ. އިސްލާމީ ތާރީޚުގެ ތަފާތު މައުޟޫޢުތަކަށް ލިޔެއުޅޭވެސް މީހަކީމެވެ. އެހެންކަމުން އިސްލާމީ ފުތޫޙާތު ފެތުރިގެންދިޔަގޮތް ފޮތްފޮތުގެ ޞަފްޙާތަކުގެ އިތުރަށް ހަމަލޮލުން ދެކެލުމުގެ ޝައުޤުވެރިކަންވެސް އަޅުގަނޑުގެ ކިބައިގައި ހުރެއެވެ. ނަސީބު ރަނގަޅުކަމުން އަޅުގަނޑަށްވަނީ އިސްލާމީ އެމްޕެޔަރގައި ހިމެނުނު ބައެއް ޤައުމުތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތުވެސް ލިބިފައެވެ. އެހެންކަމުން ޢިރާޤުކަރަޔާއި އީރާނާއި ޝާމްކަރަޔާއި އުތުރު އެފްރިކާއާއި ސްޕޭނުގައި އިސްލާމީ ފުތޫޙާތުގެ ރަޙުމަތުގެ ސައިލު ދެމިގެންދިޔަގޮތް ހަމަލޮލުން ބަލައިލާހިތްވެއެވެ. ނަމަވެސް ޒަމާނުގެ ތަފާތާއި ދަތުރުފަތުރުގެ އަގުބޮޑުކަމާއި ޢުމުރާއި ޞިއްޙަތު ތަންނުދޭތީ މިހާރު އަޅުގަނޑު ހުންނަނީ އެ ޚިޔާލު ހިތުންފިލުވައިލައިގެންނެވެ. އަޅުގަނޑުގެ ޙަޔާތުގެ އިސްވެދެންނެވި ޚިޔާލީ ސިޔާޙަތުގެ ދަތުރުގައިވެސް ތުރުކިއޭއަށް ދިޔުމުގެ ވިސްނުމެއް ނުގެންގުޅެމެވެ. ނަމަވެސް މާތް اللّــه ކަމަކަށް އިރާދަކުރައްވައިފިނަމަ އެކަމެއްގެ ސަބަބުތައް މެދުވެރިކުރައްވައެވެ.

ދަތުރުގެ ފަސްމަންޒަރު

ތުރުކިއޭއަކީ އިސްލާމީ ދުނިޔޭގެ އެންމެ މުހިންމު އެއްޤައުމެވެ. އެންމެބޮޑު އެއްޤައުމެވެ. ޢިލްމާއި ސައެންސާއި ފަންނިއްޔާތުގެ މައިދާނުގައި އެންމެ ކުރިއަރައިފައިވާ އެއްޤައުމެވެ. އެންމެ ބާރުގަދަ އެންމެބޮޑަށް އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ޤައުމެވެ. ތުރުކިއޭގެ އާބާދީގެ 99 އިންސައްތަޔަށްވުރެ ގިނައީ މުސްލިމުންނެވެ. ސުންނީ މުސްލިމުންނެވެ. ތުރުކިއޭގެ އިސްތަންބޫލް އޮންނަނީ ޖޯގްރަފީގޮތުންނާއި އިސްތިރާތީޖީގޮތުން ދުނިޔޭގެ އެންމެ މުހިންމު އެއްނުކުތާގައެވެ. އިސްތަންބޫލަކީ އޭޝިޔާއާއި ޔޫރަޕާ ދެބައްރު ގުޅުވައިދޭ ނުކުތާއެވެ. އެދެބައްރުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ އެންމެމައި މަރުކަޒެވެ.

އަޅުގަނޑުގެ އަންހެނުން ހ.ފަތަނގުމާގޭ آمــنــــة މަނިކެއަށް ބޮޑުދައިތަކިޔާ ކުއްޖެއް ކަމުގައިވާ آمــنــــة عـاصمـة سـليــم އާއި އޭނާގެ ފިރިކަލުން عــبـد اللّـــه نشيد މިހާރުވަނީ ތުރުކިއޭގައި ދިރިއުޅުމެއް ފަށައިފައެވެ. އެހެންކަމުން عـاصمـة ބޭނުންވީ އޭނާގެ މަންމަޔާއި ބައްޕައާއި އޭނާގެ ދެފަރާތުގެ ދެބޮޑުދައިތައިން ކަމުގައިވާ عــارفـــــــة عـلـــى (ބައްޕަ ފަރާތުގެ ބޮޑުދައިތަ) އާއި آمــنــــة މަނިކެ (މަންމަ ފަރާތުގެ ބޮޑުދައިތަ) އޭނާގެ އައު ދިރިއުޅުމުގައި ހިއްސާ ކުރުވާށެވެ. އެހެންކަމުން އަޅުގަނޑަށްވެސް ތުރުކިއޭއަށް ދެވޭގޮތްވީއެވެ. މިދަތުރުގެ ބައިވެރީންނަކީ:

1. الـفـاضـل آدم سـليــم ހ.މާވެލް
2. الـفـاضـلـة فـاطـمــة މަނިކެ (ހ.ފަތަނގުމާގެ) ހ.މާވެލް
3. الـفـاضـلـة عــارفـــــــة عـلـــى ވައިޖެހޭގެ، ކ.މާފުށި
4. آمــنــــة މަނިކެ ހ.ފަތަނގުމާގެ
5. عـبـد اللّــه فــاروق حسـن ގ.ކޮއްކިރި
6. نسيـبـة فــاروق حسـن ހ.ފިޔަރެސް

މި ހަމީހުންނެވެ. އަޅުގަނޑުމެންނާއެކު މާލެއިން ތުރުކިއޭއަށް ދަތުރުކުރެއްވީ عـاصمـة ގެ ފިރިކަލުން عــبـد اللّـــه نشيد ހ.އޯޝަންވިލާ އެވެ. އަޅުގަނޑުމެން ދަތުރުކުރީ ޓާކިޝް އެއަރލައިންސްގެ TK0731 ފްލައިޓުންނެވެ. އަޅުގަނޑުމެން ދެމަފިރިންނަށް ގޮނޑި ލިބުނީ އިކޮނޮމީ ކިލާހުގެ ދިހަވަނަ ގޮނޑިބަރީންނެވެ. އަރިމަތީގައި ޖެހިޖެހިގެންހުރި ދެގޮނޑިއެވެ. އަޅުގަނޑުމެން މާލެއިން ފުރީ 16 މޭ 2022 ދުވަހުގެރޭ މާލޭ ގަޑިން 9:15 ގައެވެ. އިސްތަންބޫލް އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސީ 17 މޭ 2022 ދުވަހުގެ ތުރުކިއޭގެ ގަޑީން ފަތިހު 5:05 ގައެވެ. (މާލޭ ގަޑީން 7:05 ގައެވެ.)

މި ވައިގެ ބަނދަރަކީ މީގެ ތިންއަހަރު ކުރީން ތުރުކިއޭގެ މިހާރުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ހުޅުއްވައިދެއްވި ވައިގެ ބަނދަރެކެވެ. އިސްތަންބޫލުގެ ކުރީގެ ވައިގެ ބަނދަރުކަމުގައިވާ އަތާތުރުކު އިންޓަރނޭޝަނަލް ވައިގެ ބަނދަރު މިހާރަކު ބޭނުމެއް ނުކުރެއެވެ.

އަޅުގަނޑުގެ އަންހެނުންގެ ކޮއްކޮ عـاصمـة ގެ ދެމަފިރީން ދިރިއުޅެނީ ތުރުކިއޭގެ ރަށެއްކަމުގައިވާ ބުރުސާ (ޢަރަބިބަހުން ކިޔާގޮތުގައި ބުރޫޞާ) ގައެވެ. އެއީ ތުރުކިއޭގެ ހަތަރުވަނަޔަށް އެންމެ ބޮޑު ރަށެވެ. ދަތުރުމަތީގައި عــبـد اللّـــه نشيد ގެ ފަރާތުން އަޅުގަނޑަށް މަޢުލޫމާތު ލިބުނުގޮތުގައި ޢުޘްމާނީ އެމްޕަޔަރުގެ ބާނީ عـثمــان غــازى ގެ މަޤްބަރާ ހުންނަނީ ބުރުސާގައެވެ. އަޅުގަނޑަށް ލިބުނީ ވަރަށް އުފާވެރި ހައިރާންކަމެކެވެ. އެހެންކަމުން އަޅުގަނޑު ބަލައިލާން ޝައުޤުވެރިވާ ތަންތާނގެ ލިސްޓަށް عـثمــان غــازى ގެ މަޤްބަރާ އިތުރުކޮށްލީމެވެ. ހެނދުނުގެ ނާސްތާއަށް މަޑުކޮށްލުމަށްފަހު އަޅުގަނޑުމެންނަށް ބުރުސާއަށް ދެވުނީ 12:30 ގައެވެ. ބުރުސާއަށް ދެވުނީ ބޮސްފަރަސް ދާލަމާއި عـثمــان غــازى ދާލަން ހުރަސްކޮށްފައެވެ. އިސްތަންބޫލުގެ ވައިގެ ބަނދަރު އޮންނަނީ އިސްތަންބޫލުގެ ޔޫރަޕް ފަޅީގައެވެ. ބުރުސާއަށް ދެވެނީ ބޮސްފަރަސް ބްރިޖް (ޔަވޫޒު ސުލްޠާން ސަލީމުގެ ދާލަން) ހުރަސްކޮށް އޭޝިޔާ ފަޅިޔަށް ގޮސްގެންނެވެ. ހަމަ އެފަދައިން ގެބްޒޭ އިން ޔަލޯވާ ޕްރޮވިންސަށް ދެވެނީ އިޒްމީތު ގަލްފުގެ އެއްފަރާތުން އަނެއްފަރާތަށް ގޮސްގެނެވެ. އާދެ، އުސްމާން ޣާޒީ ދާލަން ހުރަސް ކޮށްގެންނެވެ. އަޅުގަނޑުމެން ގެޔަށް ދިޔައިރު ދަތުރުގެ ބައިވެރީންގެ އިންތިޒާރުގައި عـاصمـة ހުއްޓެވެ. عـاصمـة ގެ ދަރިފުޅު محمّـد نـبـيــل އާއި އޭނާގެ އަންހެނުން މަރްޔަމް ޒެއިނަތު ޝިހާބާއި ފިރިހެން ދަރިފުޅު ޒާވިޔާ މުޙައްމަދު ނަބީލު ޢަބްދުاللّـــه އާއި އަންހެން ދަރިފުޅު ލިލީ ޖަމާލީ ނަބީލު ޢަބްދުاللّـــه ވެސް ގޭގައި ތިއްބެވެ.

ތުރުކިއޭއިން އިސްލާމްވުން

ތުރުކިސްތާނުގައި އިސްލާމީ ފުތޫޙާތު ފެތުރޭންފެށީ أميـــرالمـؤمـنــيـن عـثمــان رضـى اللّــه عــنـــه ގެ ޚިލާފަތުގެ ދައުރުގައެވެ. އެއަށްފަހު أميـــرمــعـــاويـــــة އާއި ولــيد بـــن عـبــد المـك ގެ ވެރިކަމުގައްޔާއި ޢައްބާސީންގެ ދައުރުގައިވެސް ތުރުކިސްތާނުގައި އިސްލާމީ ފުތޫޙާތު ކުރިޔަށްދިޔައެވެ. އެކަމަކު ޖުމުލަކޮށް އެ ސަރަޙައްދަކީ ދާދިފަހަކާ ޖެހޭންދެން ރަޝިޔާގެ އަޅުވެތިކަމުގެ ދަށުގައިހުރި (މިހާރު މިނިވަންކަން ލިބިފައިވާ) އިސްލާމީ ޖުމްހޫރިއްޔާތަކޭ ދެންނެވިދާނެއެވެ. ތުރުކިއޭއިން އިސްލާމީ މިއްލަތުގައި ހިމެނުމުގައި ފުތޫޙާތުތަކަށްވުރެ ބޮޑަށް ސަބަބަކަށްވެފައިއޮތީ އިސްލާމްދީނަށް ގޮވައިލައްވާ ސާދާ މިޒާޖުގެ މުބައްލިޣުންގެ މަސައްކަތްޕުޅޭ ދަންނަވާކަށް އަޅުގަނޑު ޖެހިލުމެއް ނުވަމެވެ. އިސްލާމީ އުންމަތުގެ ތާރީޚަށް ނަޒަރު ހިންގާއިރު ތުރުކިއޭއިންގެ ޝަރަފުވެރި ދެ ދައުލަތެއްވަނީ އުފެދިފައެވެ. ސަލްޖޫގީ ދައުލަތާއި ޢުޘްމާނީ ދައުލަތެވެ. އިސްލާމީ ޚިލާފަތުގެ މައްޗަށް ޢަރަބީންގެ ބާރު ހިނގި ދުވަސްވަރަކާއި ފާރިސީންގެ ބާރުހިނގި ދުވަސްވަރަކާއި ތުރުކިއޭއިންގެ ބާރުހިނގި ދުވަސްވަރެއްވެސްވަނީ ތާރީޚު ދެކެފައެވެ. މިހާރުގެ ތުރުކިއޭއަކީ ތުރުކިއޭއިންގެ ތެރެއިން ޢުޘްމާނީ ތުރުކިއޭއިންގެ މަސައްކަތުން ވުޖޫދަށްއައި ހައިބަބޮޑު މަތިވެރި ދައުލަތުގެ ބައިކުޅަ ބައެކެވެ. މިހާރުގެ ތުރުކިއޭއަކީ އޭޝިޔާގެ ބަޔަކާއި ޔޫރަޕުގެ ތަންކޮޅެއްގެ މައްޗަށް އެކުލެވިފައިވާ ޤައުމެއް ކަމުގައިވިޔަސް އެއްޒަމާނެއްގައި އެއީ އެފްރިކާއާއި އޭޝިޔާއާއި ޔޫރަޕާ ތިންބައްރުގެ ވަރަށްބޮޑު ބައެއްގެ މައްޗަށް ވެރިކަން ހިންގި އާރާއި ބާރާއި ޝާނުޝައުކަތުހުރި ދައުލަތެކެވެ. އެއްޒަމާނެއްގައި ދުނިޔޭގައި އޮތް އެންމެ ބާރުގަދަ އެއްޤައުމެވެ. ޔޫރަޕަށް ވިސްނައިލާއިރުވެސް ހަންގެރީއާއި، ޔޫގޯސްލޭވިޔާއާއި ރޫމޭނިޔާއާއި ބަލްގޭރިޔާއާއި ގްރީކުގެ ސަރަޙައްދުގެ ބޮޑުބައެއްގައި ކީރިތި މޫރިތިކަމާއި ޝާނުޝައުކަތާއެކު ވިހުރުވެމުންދިޔައީ އެބައިމީހުންގެ ހަނދުފަޅިއާއި ތަރީގެ ޒަރީޢާއިން އިސްލާމީވަންތަކަން ފާޅުކޮށްދޭ ލޭރަތްކުލައިގެ ދިދައެވެ. އެތަންތާނގެ ފަރުބަދަތަކާއި ޖަންގަލިތަކާއި އާބާދީތަކުގައި އެތައް ޒަމާންތަކެއް ވަންދެން اللّــه أكـبــــــر ގެ ނައުރާގެ އަޑު ގުގުމަމުން ދިޔައެވެ.

ތުރުކިއޭއިންނަކީ ކޮންކަހަލަ ބައެއްތޯއެވެ! މަޝްހޫރު މުއައްރިޚު ސްޓޭންލީ ލޭންޕޫލް އޭނާގެ ފޮތެއްކަމުގައިވާ "ތުރުކީ" ގައި ތުރުކިއޭއިންގެ ހިތްވަރުގަދަކަމަށް ތާރީފުކުރައްވަމުން ލިޔުއްވައިފައިވެއެވެ. "ތިބާއަށް ކިތަންމެ ކަންފަސޭހަ ކިތަންމެ ޙިއްސެއްނެތް، ކިތަންމެ މަސްތުވެފައި ހުރިކަމުގައި ފެނިވަޑައިގަންނަވާ ތުރުކިއޭއެއްގެ އަތަށްވެސް ނިކަން ކަނޑިޔެއް ދެއްވަބައްލަވާށެވެ. ވަގުތުން އޭނާގެ ކިބައިގައި ޖޯޝާއި ފޯރި އުފެދިދާނެއެވެ. އޭނާ ބަޠަލެއް ފަދައިން ހަނގުރާމަކުރާން ފަށައިފާނެއެވެ. ހަނގުރާމަވެރިކަމާއި ހަނގުރާމަކުރުމަކީ އެބައިމީހުންގެ ނަސްލީ ތަރިކައެކެވެ."

މަޢާފްކުރައްވާށެވެ. އަޅުގަނޑު މިއުޅެނީކީ ތުރުކިއޭއިންގެ ތާރީޚު ލިޔާކަށެއް ނޫނެވެ. އިސްލާމީ ތާރީޚުގެ ވަރަށްބޮޑު ބަޔަކަށް ބަޔެއްގެ ވާހަކަ ފެތުރިފައިވާ ބުޠޫލަތްތެރި ތުރުކިއޭއިންގެ ތާރީޚުގެ ތެރެއަށް ފީނައި އެކިކަފިތައް ގުޅުވާކަމެއް ނޫނެވެ. އަޅުގަނޑު މިއަދު ގަލަން ނަގައިގެން މިއުޅެނީ ތުރުކިއޭއަށްދާން އިއްތިފާޤުން އަޅުގަނޑަށް ލިބުނު ފުރުޞަތެއްގައި އަޅުގަނޑަށް ފެނުނު ބައެއް ތަންތަނާ ބެހޭގޮތުން ވާހަކަކޮޅެއް ލިޔެލެވޭތޯއެވެ. عـثمــان غــازى އާއި اُرْخَـــان غــازى ގެ މަޤްބަރާ ދެކެލަން އަޅުގަނޑު ޝައުޤުވެރިވި ސަބަބު ވިސްނިވަޑައިގަންނަވާވަރުގެ ލިޔުންކޮޅެއް ލިޔެލެވޭތޯއެވެ. އެހެންކަމުން، އެއްކަމެއް އަނެއްކަމަކާ މާބޮޑަށް ގުޅުވައިލެވިފައެއް ނުހުންނާނެއެވެ.

(ނުނިމޭ)