ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް، ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް، ތަސްމީނު ހަމަޖެއްސެވުމަށް ނިންމާފައި ވަނީ، މިހާރު އެ މަގާމުގައި ހުންނެވި އިބްރާހިމް ޝަހީބުގެ ބަދަލުގައެވެ. އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް އިބްރާހިމް ޝަހީބު ހަމަޖެއްސެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސިންގަޕޫރުގައި ހުންނަވާ ސަފީރުކަމަށް ތަސްމީނު އައްޔަން ކުރުމަށްޓަކައި ރުހުން ހޯއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުއްވީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ތަސްމީނަށް ރުހުން ދިނުމާމެދު މިއަދު ނެގި ވޯޓުގައި އޭނާއަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.

ތަސްމީނަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ސަރުކާރުގެ ފަހު ދައުރުގައި ހޯމް މިނިސްޓަރަކަށް ހުންނެވި ބޭފުޅެކެވެ. މައުމޫނަށް ނާކާމިޔާބު ވެވަޑައިގެންނެވި، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިންމޭޓަކީ ވެސް ތަސްމީނެވެ. އެއިރު މައުމޫނު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޑީއާރްޕީގެ ލީޑަރުކަން ވެސް ތަސްމީނު ކުރެއްވިއެވެ. ތަސްމީނު މިހާރު ހުންނެވީ އެމްޑީޕީގައެވެ.

ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން މެލޭޝިއާ ސަފީރުގެ މަގާމުގައި ހުންނެވީ ތަސްމީންގެ އަނބިކަނބަލުން ވިސާމް އަލީއެވެ. އޭނާ ވަނީ މިދިޔަ އޭޕްރިލް މަހު އެ މަގާމުން އިސްތިއުފާދެއްވައިފައެވެ.