ކުރިމިނަލް ކޯޓުގެ ބެކްލޮގްތައް ހުސްކުރުމަށް އެ ކޯޓުގެ ގާޒީންނަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށް ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުން ވަނީ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ވެސް ފާސްކޮށްފައެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާފައިވާ ގޮތަށް، ދައުލަތުގެ ބަޖެޓުން މެޖިސްޓްރޭޓުންގެ މުސާރައަށް ހޭދަކުރާ މިންވަރު އިތުރުވެގެން ދަނީ އަހަރަކު ގާތްގަނޑަކަށް 3.7 މިލިއަން ރުފިޔާއެވެ. އެގޮތަށް މުސާރަ ބޮޑު ކުރަން ފިނޭންސް މިނިސްޓްރީން ވަނީ ހުއްދަ ވެސް ދީފައެވެ.
ޖޭއެސްސީގެ ހުށަހެޅުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު ނިންމީ، ޖޭއެސްސީން އެދިފައިވާ ގޮތަށް ފާސްކުރުމަށެވެ. އެގޮތަށް ފާސްކުރަން ކޮމިޓީއަށް ހުށަހެޅުއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. ރިޔާޒްގެ ހުށަހެޅުއްވުން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރިއެވެ.
މާލިއްޔަތު ކޮމިޓީން ފާސްކުރި ގޮތަށް، ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ވަނީ މިއަދު އިސްލާހެއް ހުށަހަޅުއްވައިފައެވެ. އެއީ ރިސްކު އެލަވަންސް އަސާސީ އެލަވަންސުން މަދު ނުކޮށް، ލިވިން އެލަވަންސް އިސްލާހުން އުނިކުރުމަށެވެ. އެ ބަދަލާއެކު، މަޖިލީހުން ގާޒީންނާއި މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރުމަށް މަޖިލީހުން ފާސްކުރީ 53 މެމްބަރުންގެ ވޯޓުންނެވެ. ވަކި ކޮޅަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވެވިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުށަހަޅާފައި ވަނީ ހަތަރު މަސް ދުވަހަށް ގާޒީންނަށް އާ އިނާޔަތެއް ދިނުމަށެވެ. އެއީ އިތުރު ވަގުތު މަސައްކަތް ކުރާ ގާޒީންނަށް އެގޮތަށް މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އިނާޔަތެއް ދިނުމަށެވެ. އެއީ އެ މުއްދަތުގެ ތެރޭގައި ކުރިމިނަލް ކޯޓުގެ ބެކްލޮގްގައި ހިމެނޭ 1،182 މައްސަލަ އެއްކޮށް ނިންމުމަށެވެ. އެގޮތަށް ދެވޭ އިނާޔަތުގެ ސަބަބުން އެ މުއްދަތުގައި އިތުރަށް ހަރަދުވަނީ 600،000 ރުފިޔާކަމަށް ޑީޖޭއޭއިން ބުންޏެވެ.