ޕާޓީ އުވާލާނެކަމުގެ ނޯޓިސް ދީފައިވާ މުއްދަތުގެ ތެރޭގައި 3،000 މެންބަރުން ހަމަކޮށްފައިނުވާތީ، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތަށް 3،000 މެމްބަރުން ހަމަނުވާތީ އުވާލާނެ ކަމުގެ ނޯޓިސް އީސީން ވަނީ މެއި މަހުގެ 18 ވަނަ ދުވަހު ހަތަރު ޕާޓީއަކަށް ފޮނުވައިފައެވެ. އެ ޕާޓީތަކަކީ ޑީއާރްޕީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންމެ ފަހުން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)ގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އެވެ.

މެމްބަރުން ހަމަކުރަން ޕާޓީތަކަށް ފޮނުވި ސިޓީގައި ވަނީ މިމަހުގެ 15 ދުވަހުގެ ނިޔަލަށް 3،000 މެމްބަރުން ހަމަކޮށްފައިނުވާނަމަ ޕާޓީ އުވާލާނެ ކަމަށެވެ.

އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މިމަހުގެ 15 ދުވަހު "ވަން" އަށް ވިދާޅުވެފައިވަނީ، ނޯޓިސް ފޮނުވި ހުރިހާ ޕާޓީތަކުން މެމްބަރުން ހަމަކުރަން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. ދެން ކުރިއަށް ގެންދަނީ އެފޯމުތައް ޗެކްކުރުމުގެ މަސައްކަތް ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

ޕާޓީތަކުން ހުށަހެޅި ފޯމުތައް ޕްރޮސެސްކޮށް ނިމުނުއިރު، ލޭބާ ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން ވަނީ މެމްބަރުން ހަމަކޮށްފައެވެ.

އީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހަތަރު ޕާޓީއަކަށް އުވާލާނެ ކަމުގެ ނޯޓިސް ދީފައިވާނެ ކަމަށެވެ.

ހުރިހާ ޕާޓީއަކުން ވެސް 3،000 މެންބަރުން ހަމަވި ކަމަށް އީސީން ކުރިން ބުނި ނަމަވެސް، ފޯމުތައް ޕްރޮސެސް ކުރުމަށްފަހު އީސީން މިއަދު ބުނީ ލޭބާ ޕާޓީއަށް 3،000 މެންބަރުން ހަމަ ނުވާ ކަމަށެވެ.

އެހެންވެ ޕާޓީ އުވާލުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް އެ ޕާޓީއަށް މިހާރު އަންގާފައިވާ ކަމަށް އީސީން ބުންޏެވެ.

ޕާޓީއަކީ އެމްޑީޕީ ގައި ކުރިން ހަރަކާތްތެރިވެފައިވާ، ގާނޫނީ ވަކީލު އަބުދުﷲ ހަސީން އުފެއްދެވި ޕާޓީ އެކެވެ. ނަމަވެސް ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާން ބޭނުން ނުވާ ކަމަށް ވިދާޅުވެ، އޭނާ ވަނީ 2019 ވަނަ އަހަރު ލޭބާ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުންނާއި އެޕާޓީގެ މެންބަރު ކަމުން އިސްތިއުފާދެއްވައިފައެވެ.