ދޮގު ހަބަރު ފެތުރިކަމަށް ބުނެ "ދިޔަރެސް" ނޫހުގެ މަސްއޫލުވެރިޔާ ހީނާ ވަލީދުއާ ދެކޮޅަށް ރައްޔިތުން މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ސަލީމް މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، "ދިޔަރެސް" ނޫހުގައި މި މަހު 25 ގައި ލިޔުނު ހަބަރެއްގައި އޭނާއާ ގުޅުވައި، ގަސްދުގައި ދޮގު މައުލޫމާތު ފަތުރައި، ގެއްލުން ދިނުމުގެ މަގުސަދުގައި އެ ލިޔުން ޝައިއުކޮށްފައި ވާތީ، އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ދައުވާ ހުށަހަޅާފައިވާ ކަމަށެވެ.
އެ ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރުގައި ވީޑިއޯއަކާ ހަވާލާދީ އެ ވީޑިއޯއިން ނުފެންނަ މީހަކީ އޭނާ ކަމަށް ލިޔެފައިވާ އިރު، އެ ވީޑިއޯއިން ފެންނަ ކަމަށް ބުނާ ފަރާތާ އެކަމުގެ ހަގީގަތް ސާފުކުރުމުގެ ގޮތުން ސުވާލެއް ވެސް ކޮށްލައިފައި ނުވާ ކަމަށް ސަލީމް ވިދާޅުވިއެވެ.
އަދި އެ ވީޑިއޯއަކީ ސޯޝަލް މީޑިއާގައި އެނބުރޭތާ އެތައް މަސްތަކެއްވެފައިވާ ވީޑިއޯއެއް ކަން ގިނަ ބަޔަކަށް އެނގޭ އިރު، އެ ލިޔުން ލިޔެފައި ވަނީ، އެއްވެސް ޒިންމާދާރުކަމެއް އަދި އިންސާފުވެރިކަމެއް ނެތި ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމެއްގައި، ހަގީގަތް އޮޅުވާލާއިގެން ކަނޑައެޅިގެން ގެއްލުން ދިނުމުގެ މަގުސަދުގައި އެ ނޫހުން ހަބަރު ލިޔެފައިވާ ކަމަށެވެ.
އެ ލިޔުމާ ގުޅިގެން ސޯޝަލް މީޑިއާގަ އާއި އަދި އެނޫން ވެސް ތަންތަނުގައި އެއީ ހަގީގަތެއްކަން ދައްކަން ލިޔުންތަކާއި ޕޯސްޓްތައް ކުރި ވަކިވަކި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ސަލީމް ވިދާޅުވިއެވެ.
ބަރަހަނާ މަންޒަރުތަކެއް ފެންނަ އެ ވީޑިއޯގެ މައްސަލައިގައި ސަލީމް މީގެ ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ފަދަ އަމަލެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރާ ގޮތަށް ލިޔެ ދައުރުކޮށްފައި ވަނީ ހަގީގަތެއްނެތް އަދި އެއްވެސް އަސާސެއްނެތް ވާހަކަތަކެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު