ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: ހާޖީ އިމާދުއްދީނާއި އުސްގެކޮޅު

އިމާދު ލަތީފު

ދިވެހިރާއްޖޭގައި އެތައް ސަތޭކަ އަހަރުވަންދެން ހިނގަމުން އައި ދިގު ރަސްކަން 1968 ވަނަ އަހަރުގެ ނޮވެމްބަރު އެގާރައިގައި ވަނީ ނިމިގެންގޮސްފައެވެ. އެންމެފަހުން ހުންނެވި ރަސްގެފާނު ޖަލާލަތުލް މަލިކު މުހައްމަދު ފަރީދުލް އައްވަލު، ދިވެހި ރަސްކަމުގެ ބޮޑު ގަނޑުވަރާއި ސިންގާސަނާ ދޫކުރައްވައި އެމަނިކުފާނުގެ އަމިއްލަފުޅު ގަނޑުވަރުކަމަށްވާ ހެންވޭރު މާބަގީޗާގެއަށް ވަޑައިގެންނެވިތާ 54 އަހަރުވީއެވެ. މިއަދު ބޮޑު ގަނޑުވަރެއްވެސް އަދި މާބަގީޗާގެއެއްވެސް ފެންނާކަށް ނެތެވެ. މާބަގީޗާގެޔާއި ހަކުރާގެ އެއްކޮށްލައި އެބިމުގައި މިއަދު އެހެރަ ފެންނަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީސް އެއްތަންވާ ގެއެވެ. ދިވެހިރާއްޖޭގެ ޕާލަމެންޓެވެ. ބޮޑު ގަނޑުވަރު ހުރިތަނުން އެފެންނަނީ ސަލްޓަން ޕާރކެވެ. ސަލްޓަން ޕާރކުގެ އަސްލަކީ ސުލްތާން ޕާރކެވެ.

ބޮޑު ގަނޑުވަރަކީ އެއްކޮށްހުރި ބޮޑު އިމާރާތެއް ނޫނެވެ. އެއީ ކުދިކުދި އެތައް އިމާރާތެއްގެ މައްޗަަށް އެކުލެވިގެންވީ އެކުވެންޏެކެވެ. މަތިގެޔަކާއި ބޮޑުކިބާޔަކާއި ކުޑަކިބާޔަކާއި އުސްގެކޮޅަކާއި މިހެންގޮސް ތަފާތު އެތައް އިމާރާތެކެވެ. މިތަންތަން މުގުރުއްވައި ބިން ސާފުކުރައްވައި ދިވެހި ރަސްކަމުގެ އަސަރުތައްވެސް ފުހެލެއްވި ބޭފުޅަކީ ކުރީގެ ރައީސް ވެލާނާގޭ އިބްރާހިމް ނާސިރެވެ. މިކަންކަން ކުރައްވައި އެބިމުގައި ނާސިރު ހެއްދެވީ ޕާރކެކެވެ. މިއަދު ފެންނާން އެއޮތީ އެ ޕާރކެވެ. އެހެންނަމަވެސް އެތަނުގެ އެއް އިމާރާތް ސަލާމަތްވިއެވެ. އެ އިމާރާތް މިއަދުވެސް ފެންނާން އެބަހުއްޓެވެ. އެއީ އުސްގެކޮޅެވެ. ދާދިފަހަކާ ހަމަޔަށް އުސްގެކޮޅު ބޭނުންކުރެވުނީ ގައުމީ ދާރުލްއާސާރުގެ ގޮތުގައެވެ. ބައެއް މީހުން ބުނެއެވެ. މާވަރުގަދަޔަށް ރާނާފައި ހުރީމާ އުސްގެކޮޅު ތަޅައިނުލެވުނީއެވެ.

ތަޅައިނުލެވުނީ ކަމެއް، އެހެން ސަބަބަކާލައިގެން ބެހެއްޓީކަމެއް ނޭނގެއެވެ. އެތަން އަދިވެސް އެހެރީއެވެ. އުސްގެކޮޅު ބިނާކުރެއްވީ ޚާއްސަ ބޭނުންފުޅަކަށްޓަކައި ސުލްތާން ހާޖީ އިމާދުއްދީނެވެ. އެރަދުން މިސުރުގެ ކަނބަލަކާ ކައިވެނިފުޅު ބެއްލެވުމަށް ގަސްތު ކުރައްވައި އެ އަނބިކަނބަލުން ހުންނެވުމަށް މާލޭ ރަސްކަމުގެ ބޮޑު ގަނޑުވަރުގެ ތެރޭގައި 1902 ވަނަ އަހަރުން ފެށިގެން 1903 ވަނަ އަހަރާއި ހަމަޔަށް މަސައްކަތް ކުރައްވައިގެން އެޅުއްވި އުސްގެކޮޅެވެ. ތިންބުރީގެ މައްޗަށް އެކުލެވިގެންވާ މިގެޔަކީ އޭރު މާލޭގައި ހުރި އެންމެއުސް އިމާރާތެވެ. މިހާރު އެގޭގެ އުމުރުން ގާތްގަޑަކަށް 120 އަހަރުވީއެވެ. އެހެންވީމާ އެއީ މިހާރު ވަރަށް ތާރީޚީ ވަރަށް އާސާރީ ބިނާއެކެވެ. ގައުމީ ދާރުލްއާސާރު ފެށުނީ އެތާގައެވެ. އަދި އެންމެ ގިނަދުވަހު ދާރުލްއާސާރު ހިންގީވެސް އެ އިމާރާތުގައެވެ.

ކުރީންވެސް ދެންނެވުނު ފަދައިން އުސްގެކޮޅު ބިނާކުރެއްވީ ސުލްތާން ހާޖީ އިމާދުއްދީނެވެ. އެރަދުންގެ މިސްރު އަނިކަނބަލުންނަށްޓަކައެވެ. އެހެންނަމަވެސް އެރަދުންނަށްވެސް އަދި މިސްރު އަނބިކަނބަލުންނަށްވެސް އެ ގެކޮޅުގައި އުޅުއްވުމުގެ ފުރުސަތު ލިބިވަޑައިނުގެންނެވިއެވެ. ކާވެނިފުޅަށްޓަކައި އެރަދުން މިސްރަށް ފުރާވަޑައިގެންނެވުމާއެކު 1903 ވަނަ އަހަރުގެ މާރޗް މަހު މާލެއިން ބަޔަކު ނުކުމެ ރަސްކަން ބަދަލުކޮށްލައިފިއެވެ. އަތިރީގޭ ބޭފުޅުން އިސްކޮށް ތިއްބަވައިގެންނެވެ. ދެން ރަސްކަމުގެ ތަޚުތަށް އިސްކުރެވުނީ މުލީގޭ މަނިއްޕުޅެވެ. ސުލްތާން މުހައްމަދު ޝަމްސުއްދީނު ތިނެއްގެ ނަންފުޅުގައެވެ. އެރަދުން 1934 ވަނަ އަހަރު ރަސްކަމުން ބާލައި އެރަދުންނާއި ދަރިކަލުން އަދި ވަލީއަހުދު ޕްރިންސް ހަސަން އިއްޒުއްދީނު ފުވައްމުލަކަށް އަރުވައިލުމުގެ މޭސްތިރިންނަކީވެސް ހަމަ އަތިރީގޭ ބޭފުޅުންނެވެ.

ދުނިޔޭގައި ކަންކަން ހިނގާފައިވާ ގޮތަށް ބެލީމާ ހާދަހާ ގިނަ ފިލާވަޅުތައް ލިބެއެވެ. އެހެރަ އުސްގެކޮޅުންނެވެ. އަދިކިޔެއްތަ، ހާޖީ އިމާދުއްދީނު ތަޚުތުން ބާލައި ދެން ތަޚުތަށް އިސްކުރެވުނު މުހައްމަދު ޝަމްސުއްދީނާމެދު ފަހުން އަމަލުކުރެވުނު ގޮތުންނެވެ. ޝަމްސުއްދީނު ރަދުން، އެރަދުންގެ ދަރިކަލުން އަދި ވަލީއަހުދު ޕްރިންސް ހަސަން އިއްޒުއްދީނަށްޓަކައި އަޅުއްވައި ފައްކާކުރެއްވި ގަނޑުވަރަކީ މިހާރު އެފެންނަ މުލީއާގެއެވެ. އެއީ ޝަމްސުއްދީނުގެ އަމިއްލަފުޅު ގެއެވެ. އެގެ އާރާސްތު ކުރެެއްވީ ސިލޯނުން ފަންނުވެރިން ގެންނަވައިގެންނެވެ. އެކަމަކު ޝަމްސުއްދީނުގެ އައުލާދަށް މާގިނަދުވަހަކު އެގޭގައި ނުތިއްބެވުނެވެ. ރަސްކަން ނިމި އަރުވައިލެވުނީމައެވެ. ދައުލަތަށް މުލީއާގެ ނެގުމުންނެވެ. މިކަންވެސް ކުރެއްވީ އަތިރީގޭ ބޭފުޅުންނެވެ.

މިއަދުގެ މައުޟޫއަކީ މުލީއާގެއެއް ނޫނެވެ. މައުޟޫއަކީ ހާޖީ އިމާދުއްދީނާއި އުސްގެކޮޅެވެ. އެހެންވީމާ މުލީއާގޭގެ ވާހަކަ ކުރުކޮށްލީއެވެ. ހާޖީ އިމާދުއްދީނާއި އެރަދުންގެ މިސްރު އަނބިކަނބަލުން ޝަރީފާ ހާނިމާއި އެބަނޑުފުޅުން ލިބިވަޑައިގެންނެވި ބޭފުޅުންނަށް އުސްގެކޮޅުގައި ނޫޅުއްވުނަސް އެބޭފުޅުންގެ އުޅުއްވުމާއި ދަރަޖަ ވަރަށް އުހެވެ. އެރަދުން 1932 ވަނަ އަހަރު އަވަހާރަވަންދެން ގާތްގަޑަކަށް 30 އަހަރު މިސުރުގައި އުޅުއްވީ ދިވެހި ދައުލަތުގެ މަތިވެެރި އިއްޒަތުގައި ދައުލަތުގެ ވަރަށްވެސް ބޮޑު މުސާރަފުޅެއްގައެވެ. ޝަމްސުއްދީނު ރަދުން ފިޔަވައި ދައުލަތުގެ އެންމެ ބޮޑު މުސާރަފުޅެއް ލިބިވަޑައިގަތީ ހާޖީ އިމާދުއްދީނަށެވެ. ހާޖީ އިމާދުއްދީނުގެ ދަރިކޮޅު ދިވެހިރާއްޖެއާއި މިސްރާއި ގަތަރުގައި އެބައޮތެވެ.