މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)

ދުނިޔޭގެ ބޮޑީބޯޑިން ޓުއާގައި ހިމެނޭ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ރަސްމީކޮށް އިއުލާންކޮށްފި

ބައިނަލްއަގުވާމީ ބޮޑީބޯޑިންގެ ވޯލްޑް ޓުއާގައި ހިމެނިގެން އަންނަ މަހު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން އިވެންޓް މިއަދު ރަސްމީކޮށް އިއުލާންކޮށްފިއެވެ.

އަންނަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން މާލޭގެ ވަރުނުލާ ރާޅުގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ބޮޑިބޯޑިން ކޯޕަރޭޝަން (އައިބީސީ) ގެ ބޯޑީބޯޑިން ވޯލްޑް ޓުއާގެ ރާއްޖޭ މުބާރާތް މިއަދު އިއުލާން ކޮށްފައި ވަނީ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ގެ ނަމުގައެވެ.

އެ މުބާރާތުގެ ރަސްމީ ޕޯސްޓަރުވެސް މިއަދުގެ އިވެންޓްގައި އިއުލާން ކޮށްފައިވެއެވެ. ޕޯސްޓަރުން ރާއްޖޭގެ މުހިއްމު ރަމްޒުތައް ކަމަށްވާ ހުކުރި މިސްކިތުގެ ހިރިގަލުގެ ޑިޒައިނާއި ރާއްޖޭގެ ގުދުރަތީ ރީތިކަންވެސް ދައްކުވައިދެއެވެ.

ދުނިޔޭގެ ޗެމްޕިއަން ބޮޑީބޯޑަރުން ވާދަކުރާ މި މުބާރާތުގައި އެކި ގައުމުތަކުން 150 އެއްހާ އެތުލީޓުން ވާދަކުރާނެއެވެ. ހަތަރު ކެޓަގަރީއަކުން ބައިވެރިވާ ވާދަކުރާ މި އިވެންޓަކީ ވޯލްޑް ޓުއާގެ ލެގެއް އޭޝިއާ ސަރަހައްދުގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ފައިސާގެ އިނާމަކީ 70،000 ޑޮލަރެވެ. ވޯލްޑް ޓުއާގައި ހިމެނޭ މުބާރާތްތަކުގެ ތެރެއިން އެ މުބާރާތަށްވުރެ އަގުބޮޑު ހަމައެކަނި މުބާރާތަކީ ޗިލީގައި މެއި މަހު ބާއްވާ އަންޓޮފަގަސްޓާ ބޮޑީ ބޯޑިން ފެސްޓިވަލެވެ. އެ މުބާރާތުގެ އަގަކީ 90،000 ޑޮލަރެވެ.

މިއަދު ބޭއްވި އިވެންޓްގައި "ވިޒިޓް މޯލްޑިވްސް ޕްރޯ 2022"ގެ ރަސްމީ ޕޯސްޓަރު ލޯންޗުކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ. މަހުލޫފާއެކު ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އާއި ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ބައިވެރިވެލެއްވިއެވެ.

އިވެންޓްގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މަހުލޫފު ވިދާޅުވީ މިއަހަރަކީ ކުޅިވަރުގެ ބައިނަލްއަގްވާމީ ގިނަ ކަންކަން ކުރެވޭ އަހަރެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މޫދު ކުޅިވަރުގެ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖެއަށް ގެނައުމުގެ ވައުދު ފުރިހަމަކުރެވޭތީ އުފާކުރައްވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައިވެސް އެބަވޭ. މޫދު ކުޅިވަރުތައް، ވަކިން ހާއްސަކޮށް ބޮޑީބޯޑިން އަދި ސާފިން ފަދަ ކުޅިވަރުތަކުގެ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖެއަށް ގެނައުން. އެކަމަށް މި ކުރެވުނު މަސައްކަތުގައި މިހާރު މިއޮތީ އަންނަ މަހު މި މުބާރާތް ބޭއްވުމަށް ހުރިހާ ކަމެއް ހަމަޖެހިފައި،" މަހުލޫފު ވިދާޅުވިއެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ރައީސް ފުކޫ ވިދާޅުވީ ޗެލެންޖުތަކާއެކު މުބާރާތް ބޭއްވޭތީ އުފާކުރާ ކަމަށެވެ.

"އެންމެ ބޮޑު ޗެލެންޖަކީ މުބާރާތް ބާއްވަން ރާވާފައި އޮތް ސަރަހައްދު. މާލޭ ރާޅުގަނޑު ސަރަހައްދުގައި ޖާގައިގެ ދަތިކަން އެބަ ދިމާވޭ ވަރަށް ބޮޑަށް. އެއީ ވަރަށް ބޮޑު ޗެލެންޖެއް. އަނެއްކޮޅުން، ސްޕޮންސަރުން ހޯދުމުގައިވެސް އެބަހުރި އުނދަގޫތަކެއް. އެކަމަކު، ސަރުކާރުން ދިން އެހީތެރިކަމާ އެކު ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ފަސޭހަވި. ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރު ވެދެއްވި އެހީތެރިކަން ފާހަގަކުރަން،" ފުކޫ ވިދާޅުވިއެވެ.

"ވިޒިޓް މޯލްޑިވްސް ޕްރޯ 2022"ގައި ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ލެވެލްގެ އެތުލީޓުންނާއެކު ދިވެހި އެތުލީޓުންވެސް ބައިވެރިވާނެއެވެ. މައިގަނޑު ހަތަރު ކެޓަގަރީއަކުން އެތުލީޓުން ވާދަކުރާ މުބާރާތުގައި ހޯސްޓު ގައުމުގެ ގޮތުގައި ރާއްޖެއަށް ވައިލްޑްކާޑް އެންޓްރީތަކެއް ލިބޭނެއެވެ.

އެމްބީބީއޭއިން ނިންމާފައި ވަނީ މިހާރު ކުރިއަށްދާ ކޮލިފިކޭޝަނަށް ބަލައި، ރާއްޖޭގެ ބޮޑީބޯޑިން ރޭންކިން އެއް އެކުލަވާލައި، ކޮންމެ ޑިވިޝަނަކަށް ދެ ސްލޮޓް ދިނުމަށެވެ. ވައިލްޑްކާޑް ސްލޮޓް ލިބޭ އެތުލީޓެއް ވާދަކުރާނީ ގަދަ 32 ބޮޑީބޯޑަރުން ވާދަކުރަން ފަށާ ހިސާބުންނެވެ. އެ ގޮތުން ވައިލްޑްކާޑް ދޭނީ ބޮޑީބޯޑިން ލީގުގެ ރޭންކިން އެއްވަނަ އަދި ދެވަނަ އަށެވެ.

އައިބީސީން ދޭ ވައިލްޑްކާޑް ސްލޮޓްގައި ރާއްޖޭން ވާދަކުރާނީ ސީނިއާ ޑިވިޝަނުގައި ދެ ބޮޑީބޯޑަރުންނާއި ޖޫނިއާ މެންސް ޑިވިޝަންގައި ދެ ބޮޑީބޯޑަރުންނާއި ޓްރަޔަލްސް އިން ކުރިހޯދި ޑްރޮޕްނީ ކެޓަގަރީގެ ދެ ބޮޑީބޯޑަރުންނަށެވެ. ދާދިފަހުން ބޭއްވި ޓްރަޔަލްއަށް ބަލައި، އެމްބީބީއޭއިން ދަނީ ރޭންކިން ސިސްޓަމެއް އެކުލަވާލަމުންނެވެ.

ހުނަރުހުރި ލެވަލާއި މުބާރާތުގައި ވާދަކުރަން އަންނަ ދުނިޔޭގެ އެންމެ ވަރުގަދަ ބޮޑީބޯޑަރުންގެ ލެވަލަށް ބަލާފައި، ވިމެންސް ޑިވިޝަނުން ވައިލްޑް ކާޑްގެ ބަދަލުގައި އެމްބީބީއޭ އިން ދޭނީ ފްރީ ޕާސްއެވެ. ޕްރީ ޕާސް ދިނުމަށް ހަމަޖެހިފައިވަނީ މެންސް އޯޕަން ކެޓަގަރީ އާއި ޖޫނިއާ މެންސް ކެޓަގަރީން ހަތަރު ޖާގަ، ވިމެންސް އޯޕަން ޑިވިޝަން އަދި ޑްރޮޕްނީ ޑިވިޝަން، ކޮންމެ ޑިވިޝަނަކުން ދެ ޖާގައެވެ.

މިއީ ލީގު އުސޫލުން އަހަރު ތެރެއަށް ބަހާލައިގެން ހިންގޭ މިފަދަ ބޮޑު ކުޅިވަރެއްގެ ވޯލްޑް ޓުއާ މުބާރާތެއްގެ ފުރުސަތު ރާއްޖެއަށް ލިބޭ ފުރުތަމަ ފަހަރުވެސް މެއެވެ. މޯލްޑިވްސް ޕްރޯގައި ދުނިޔޭގެ ބޮޑީބޯޑިންގައި ފާހަގަކޮށްލެވޭ އެންމެ ފުންނާބު އުސް އެތުލީޓުން ވާދަކުރާ އިރު، މި ފުރުސަތަކީ ރާއްޖޭގެ އެތުލީޓުންނަށްވެސް ލިބޭ ބޮޑު ފުރުސަތެކެވެ. މިއީ އޭޝިއާއަށްވެސް ބޮޑީބޯޑިން ވޯލްޑް ޓުއާގެ މުބާރާތެއް އަންނަ ފުރަތަމަ ފަހަރުވެސް މެއެވެ.

"އަބަދުވެސް ރާއްޖޭގެ އެތުލީޓުން ދެކެމުން އައި ހުވަފެނެއް ވޯލްޑް ޓުއާ މުބާރާތެއްގައި ޕާފޯމް ކުރުމަކީ. އެހިސާބަށް ދާން މި ލިބުނީ ވައިލްޑްކާޑު ފުރުސަތެއް. އެއީ މުބާރާތް ރާއްޖެ މިއައީ. މިއީ ވަރަށް ބޮޑު ފުރުސަތެއް ދިވެހި ހުރިހާ އެތުލީޓުންނަށްވެސް. ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެތުލީޓުންގެ ހުނަރުވެރިކަން ފެނުމުން ލިބޭނެ ވަރަށް ބޮޑު މޯޓިވޭޝަނެއް. އެހެންވީމަ މިއީ ވަރަށް ބޮޑު ފުރުސަތެއް،" މޯލްޑިވްސް ޕްރޯގެ ސަބަބުން ލިބޭނެ ފުރުސަތަކާ ގުޅޭ ގޮތުން ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) "ވަން" އަށް ކުރިން ބުނެފައިވެއެވެ.