މިއަހަރުގެ ބޮޑީބޯޑިން ލީގުގެ ފުރަތަމަ އިވެންޓް، ރާއްޖޭގައި މިހާތަނަށް ބާއްވަމުންދާ އެންމެ ދުވަސްވީ ބޮޑީބޯޑިން އިވެންޓް، ބުރުނު ޝިކާރުގެ ފިރިހެން ޖޫނިއާ އިވެންޓްގެ ޗެމްޕިއަންކަން ނޫހު މުހައްމަދު ދުނައިން އިރްޝާދު ހޯދައިފިއެވެ.

ނޫހު މިއަދު ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރު ޖޫނިއާ ލީގު ޗެމްޕިއަން އިޔަން އަހުމަދު ފައިނަލް ހީޓްގައި ބަލިކޮށްގެންނެވެ. ހީޓްގެ ފަސްވަނަ މިނެޓުގައި އިޔަންއަށް އަނިޔާއެއް ލިބި އޭނާއަށް ހީޓް ފުރިހަމަ ކުރެވިފައެއް ނުވެއެވެ.

ނޫހު 12.16 ގެ ސްކޯއެއް ހޯދި އިރު، އިޔަންގެ ސްކޯއަކީ 6.70 ޕޮއިންޓެވެ.

ނޫހު މިއަދު ހޯދި މޮޅާއެކު އޭނާ އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ނޫހަށް މިއީ ބޮޑު ކާމިޔާބީއެކެވެ. އެގޮތުން މިއީ އޭނާގެ ކެރިއަރުގައި ފުރަތަމަ ޗެމްޕިއަންކަން ނެގި އިވެންޓެވެ. މިފަހަރު އޯޕަން މުބާރާތުގައިވެސް އޭނާ ވާދަކުރަމުންދާ އިރު، ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ދާއިން އަބްދުލް ފައްތާހް ބަލިކޮށްފައެވެ. ނޫހު ސެމީގައި 9.84 ގެ ސްކޯއެއް ހޯދި އިރު، ދާއިން ވަނީ 5.06 ގެ ސްކޯއެއް ހޯދައިފައެވެ.

އިޔަން ފައިނަލަށް ދިޔައީ ސެމީގައި އަހުމަދު ޖިވާއު ޖިހާދު ބަލިކޮށްފައެވެ. އިޔަން ވަނީ ސެމީގައި 15.33 ގެ ސްކޯއެއް ހޯދައިފައެވެ. އަދި ޖިވާއުގެ ސްކޯއަކީ 9.67 އެވެ.

އެމްބީބީއޭގެ ބުރުނު ޝިކާރު އިވެންޓްގެ ޖޫނިއާ ފިރިހެން އަދި އަންހެން ބައިވެސް މިފަހަރު ކުރިއަށްދާނެއެވެ. މިއީ ޖޫނިއާ އަންހެން ބައި ކުރިއަށްދާ ފުރަތަމަ ފަހަރެވެ. އޭގެ އިތުރުން ޑްރޮޕް ނީ ކެޓަގަރީވެސް ކުރިއަށްދާނެއެވެ.

މާދަމާ ފަށާނީ ޑްރޮޕް ނީ ކެޓަގަރީގެ ހީޓްތަކުންނެވެ.