މީގެ 20 އަހަރު ކުރިން ހިއްކި ބައެއް ބިންތަކުގައި އަދިވެސް އެއްވެސް މަސައްކަތެއް ނުށަފައި އެބަހުރި ކަމަށް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ އިބްރާހީމް ނައީމް ވިދާޅުވެއްޖެއެވެ.
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން އާންމުން ފާޅުކުރާ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުން މަޖިލީހުގެ އެންވަޔަރުމެންޓް އެންޑް ކްލައިމެޓް ޗޭންޖިން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނައީމް ވިދާޅުވީ، ބިން ހިއްކުމަކީ ބޭކަރު ކަމެއް ކަމަށާއި އަދި ހުއްޓާލަންވެފައިވާ ކަމެއް ކަމަށެވެ.
ނައީމް ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ނިޒާމަށް އުފެދިފައިވާ ގޮތުން ބިން ހިއްކުމާއި ފަޅު ފުންކުރުމަކީ ރާއްޖޭގެ ތިމާވެއްޓަށް އެންމެ ބޮޑަށް ގެއްލުންވާނެ ކަންކަން ކަމަށެވެ. އެހެންކަމުން ބޭކާރު ގޮތުގައި އެފަދަ މަޝްރޫއު ހިންގުން ހުއްޓާލަން ޖެހޭ ކަމަށެވެ.
މިދިޔަ 20 އަހަރު ތެރޭގައި 50 އަށްވުރެ ގިން ބިން ހިއްކާފައިވާއިރު، އެ ހުރިހާ ތަނެއްގައި އަދި ކުރަން ރޭވި މަސައްކަތް ނުކޮށް ހުރިކަން ނައީމު ވިދާޅުވިއެވެ.
"ހިއްކާ ބިންތަކަކީ ކުރިން ވެސް، ހަމަ ވަރަށް ބޮޑަށް ބޭނުންނުކުރެވި ހުންނަ ތަންތަންކަން ކަމަށް ފާހަގަކުރެވިފައި ވަނީ. މީގެ 20 އަހަރު ކުރިން ހިއްކި ބައެއް ބިންތައް އެބަ ފެނޭ ވިނަފަޅާލާފައި އޮންނަތަން ވެސް، އެއްވެސް ކަމަކަށް ދޫނުކުރެވި،" ނައީމް ވިދާޅުވިއެވެ.
އެހެންކަމުން ބިން ހިއްކާއިރު އެއިރެއްގައި ބޭނުން އޮތް މިންވަރަކަށް، ކޮންމެހެން ހިއްކަން ޖެހޭ ތަނެއް ނޫނީ ނުހިއްކުމަކީ ވަރަށް މުހިންމު ކަމެއް އޭނާ ވިދާޅުވިއެވެ.
ނައީމް ވިދާޅުވީ، ބިމެއް ހިއްކާއިރު ވެސް އެ ބިން ނުހިއްކާ ތަރައްގީގެ މަޝްރޫއުތައް ހިންގެން ނެތް ކަމަށް އީޕީއޭއަށް އެންގިޔަސް، ބިން ހިއްކާ ނިމޭ ފަހުން އެ މަސައްކަތެއް ނުފެށި އެތައް އަހަރެއް ދިގުލައިގެންދާ ކަމަށެވެ. އެހެންވެ، ބޭކާރު ގޮތުގައި ބިން ހިއްކުން ހުއްޓާލަން ޖެހޭ ކަން އޭނާ ތަކުރާރު ކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު