މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ރުފިޔާ ދައްކަން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް އެންގި އެންގުން ބާތިލް ނުކުރެވޭނެ ކަމަށް ހައި ކޯޓުންވެސް ހުކުމްކޮށްފިއެވެ.

ބޭންކަށް 2.3 މިލިއަން ރުފިޔާ ދައްކަން އެމްސީބީން 2018 ވަނަ އަހަރު އަލީ ޒާހިރަށް އެންގީ އޭނާ ޗެކެއް ދޫކުރެއްވުމުން އޭނާގެ އެކައުންޓްގައި އެވަރަށް ފައިސާ ނެތީސް، އޯވަޑްރާފްޓެއްގެ ގޮތުގައި ބޭންކުން ޗެކަށް ފައިސާ ދޫކުރި މައްސަލައިގައެވެ. އަލީ ޒާހިރުގެ އެކައުންޓަށް ޖަމާކުރީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އަދި ހައްޖު ކޯޕަރޭޝަންގެ ޗެއާމަން އަބްދުﷲ ނަސީރު މުހައްމަދުގެ ޗެކެކެވެ.

އަލީ ޒާހިރު ޗެކް ދޫކުރެއްވީ އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ރުފިޔާ ޖަމާވިކަމުގެ ބޭންކް ސްލިޕް ލިބުމުންނެވެ. އެއިރު ފައިސާ ޖަމާ ނުވިޔަސް، ބޭންކުން ޗެކަށް ފައިސާ ދޫކުރިއެވެ.

ފަހުން ބޭންކުން އަލީ ހާޒިރަށް އެންގީ، 2.3 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައި އޮތީ ބޭންކުގެ އެންގުން ބާތިލް ނުކުރެވޭނެ ކަމަށެވެ. އެ މައްސަލަ އަލީ ޒާހިރުގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުންވެސް އިއްޔެ ހުކުމްކުރީ ބޭންކުގެ އެންގުން ބާތިލް ނުކުރެވޭނެ ކަމަށެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ކުރި ހުކުމުގައި ބުނީ، ބޭންކުން އޯވްޑްރާފްޓްގެ ގޮތުގައި ނަގާ ފައިސާއަކީ އަލީ ޒާހިރު ދައްކަވަން ޖެހޭނެ ފައިސާ ކަމަށެވެ.