ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ މެޑިކަލް ފެސިލިޓީއެއް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެވަނަ ފިޔަވަހީގައި ސުކޫލްތައް އިމާރާތްކުރުމަށް ވެސް ރޭވިފައިވާ ކަމަށާއި ޕްލޮޓް (KP-9) ގައި 71127.92 އަކަފޫޓުގެ މެޑިކަލް ފެސިލިޓީއެއް ގާއިމްކުރުމަށް ވަނީ ކަނޑައަޅާފައިވާ ކަމަށެވެ. އަދި ޕްލޮޓް (N5-50) ގައި 67522.01 އަކަފޫޓުގެ ފެސިލިޓީއެއް ގާއިމްކުރަން ކަނޑައަޅާފައިވާ ކަމަށާއި ޕްލޮޓް N5-50 އީއޯއައި އަށް ހުޅުވާލެވިފައިވާއިރު އީއޯއައި ހުށަހަޅައި އެވޯޑްކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށް އެޗްޑީސީން ބުންޏެވެ.

މީގެއިތުރުން، ހިޔާ ޓަވަރުތަކުގެ އެންމެ ތިރިން ވިޔަފާރި ޔުނިޓްތަކުގެ ގޮތުގައި ހަމަޖައްސައިފައިވާ ޔުނިޓްތަކުން ކްލިނިކް އަދި ސިއްހީ ހިދުމަތްދޭ ތަންތަން ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން ހަތަރު ފާމަސީއަކާއި ތިން ކްލިނިކެއް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އެހެންކަމުން ފާމަސީ އާއި ކްލިނިކްގެ ޖުމްލަ ހަތް ތަނެއް ހިޔާ ސަރަހައްދުގައި ގާއިމްކުރެވިގެންދާނެއެވެ. އަދި މިހާރު އާންމުންނަށް ގަތުމަށް ހުޅުވައިލަވިފައިވާ ވިނަރެސް ފްލެޓްތަކުގެ ތިރިންވެސް ކްލިނިކް ހިންގުމަށް ޔުނިޓްތަކެއް ކަނޑައަޅާފައިވާނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

އެޗްޑީސީން ބުނީ މިފަދަ ގިނަ ހިދުމަތްތައް ވީހާވެސް އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެ ކޯޕަރޭޝަނުން އަންނަނީ ޕްލޭންތަކެއް އެކުލަވާލައި ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި ހުޅުމާލެގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމަށް އެޗްޑީސީން ބުންޏެވެ.