ޚަބަރު

މުސާރައާއި އިނާޔަތްތަކާއެކު އަމީންއަށް މޯލްޑިވިއަންގެ ވަޒީފާ އަލުން ދޭން ހުކުމްކޮށްފި

އަލީ ޔާމިން

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުން ވަކިކުރި މުހައްމަދު އަމީނަށް އަލުން އެ ފެންވަރުގެ ވަޒީފާއެއް ދޭން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުކަމުން އަމީން ވަކިކޮށް، އޭނާގެ މަގާމު ދަށްކުރީ 2019 ވަނަ އަހަރު އެވެ.

އަމީންގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ މޯލްޑިވިއަންގެ މައްޗަށް ކުރި ހުކުމުގައި ވަނީ، އަމީން ވަޒީފާއިން ވަކި ކުރީ، ގޯސްކޮށް ކަމަށާއި އެހެންކަމުން، ކުރިން ހުރި މަގާމު ނުވަތަ އެ ފެންވަރުގެ އެހެން މަގާމެއް 15 ދުވަހުގެ ތެރޭގައި ދިނުމަށެވެ.

މަގާމުން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭންވެސް ހުކުމުގައި ބުނެފައިވެއެވެ. ނަމަވެސް އެ މުއްދަތުގައި އަމީން، އެހެން ވަޒީފާއެއް އަދާކުރި ނަމަ، އެ ފައިސާއެއް އުނިކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މޯލްޑިވިއަންއިން ކޯޓުގައި ބުނެފައިވަނީ، އަމީން މަގާމުން ވަކިކުރީ، އެހެން ޒިންމާއެއް ހަވާލުކުރާނެ ކަމަށް އަންގާފައި ވަނިކޮށް އޭނާ ވަޒީފާއަށް ހާޒިރުނުވުމުން އޮކްޓޫބަރު 2019 ގައި ކަމަށެވެ.

ހުކުމުގައި އިތުރަށް ބުނީ އަމީން ވަޒީފާއިން ވަކިކުރަންޖެހޭ މަގުބޫލު ސަބަބެއް މޯލްޑިވިއަންއަށް ދެއްކިފައި ނުވާ ކަމަށެވެ.