ޚަބަރު

ޓާޓާ ފުލެޓުތައް އިމާރާތްކުރާ ބިމުން އާސާރީތަކެތި

ރިފާ ހަލީލު

ކުރީގެ ނާދީ ހުރި ބިމުގައި ޓާޓާ ފުލެޓުތައް އިމާރާތްކުރުމަށް ކޮންނަމުންދާއިރު އެތަނުން އާސާރީތަކެތި ފެނިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެ ސަރަހައްދަށް ޒިޔާރަތްކުރައްވައި ވިދާޅުވީ ޓާޓާ ފުލެޓުތައް އިމާރާތް ކުރަނީ ކުރިން ހެންވޭރު މާވެޔޮ އޮތް ތަނުގައި ކަމަށެވެ. އެތަނުގައި އަދިވެސް މާލޭގެ އެވޭލާ ގިނަ ނިޝާންތަކެއް ފެންނަން އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އެ ސަރަހައްދުން ފެނުނު ބައެއް ތަކެތީގެ ފޮޓޯވެސް ޓުވިޓާގައި ހިއްސާކުރައްވައިފަ އެވެ.

މިކަމާ ގުޅިގެން ހެރިޓޭޖު މިނިސްޓްރީގެ މީޑިއާ އޮފިސަރު އިސްމާއިލް ނާއިލް ނަޝީދު "ވަން" އަށް މިއަދު ވިދާޅުވީ ޓާޓާ ފުލެޓުތައް އިމާރާތްކުރާ ބިން ކޮންނަމުންދާއިރު އާސާރީ ބައެއް ތަކެތި ފެންނަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެއާމެދު އަމަލު ކުރާނެ ގޮތުގެ ތަފުސީލެއް ޗެކް ކޮށްލުމަށްފަހު ވިދާޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތިގައި ހެރިޓޭޖު މިނިސްޓްރީން ވަނީ މިހާރު އެ ސަރަހައްދަށް ޒިޔާރަތްކޮށްފައެވެ. އަދި އެގޮތަށް އާންމު އުސޫލެއްގެ ގޮތުން އެގޮތަށް ފެންނަ އާސާރީތަކެތި އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދާނެއެވެ. މިގޮތަށް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަ ތަކެއްޗާއި ހެރިޓޭޖު މިނިސްޓްރީން ހަވާލުވެއެވެ.