ޚަބަރު

ޔުނިވާސަލް އިން ޑަބްލިއު މޯލްޑިވްސް އާއި ޝެރެޓަން މޯލްޑިވްސް ވިއްކާލައިފި

ޔުނިވާސަލް އިން ކުއްޔަށް ހިފާފައި އޮންނަ ކ. ފުރަނަފުށީގައި ހިންގަމުން އަންނަ ޝެރެޓަން މޯލްޑިވްސް އާއި އއ. ފެސްދޫގައި ހިންގަމުން އަންނަ ޑަބްލިއު މޯލްޑިވްސް ވިއްކާލައިފި އެވެ.

މި ދެ ރަށުގެ ހިއްސާ ބަދަލުކުރުމަށް ޔުނިވާސަލް އިން އެދިގެން ޓޫރިޒަމް މިނިސްްރީންވެސް ވަނީ މިދިޔަ މެއި މަހު އެކަން އާއްމުކޮށް އިއުލާނުކޮށްފައެވެ. މި ދެ ރަށަކީ ޔުނިވާސަލްގެ އިތުރުން ދުނިޔޭގެ އެންމެ މަޝްހޫރު ހޮޓެލް ޗެއިން މެރިއޮޓްގެ ދަށުން ހިންގާ ސްޓާވުޑް ހޮޓެލްސް އެންޑް ރިސޯޓްސްގެ ހިއްސާ އޮންނަ ދެ ރިސޯޓެވެ.

މިދެރަށް ވިއްކާލުމުގައި މެދުވެރިއެއްގެ ގޮތުން ޔުނިވާސަލްއަށް އެހީތެރިވި އިންވެސްޓްމަންޓް އެޑްވައިޒަރު، ޖޭއެލްއެލް ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ހުޅުވާލެވިފައިވާ ބާޒާރެއްގައި ހިންގި އެންމެ ބޮޑު އެއް މުއާމަލާތް ގޮތުގައި މި ދެ ރަށް ބޭރުގެ އަމިއްލަ އިންވެސްޓަރަކަށް ވިއްކާލާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ފަރާތެއް ކަމެއް އަދި މި ދެ ރަށް ވިއްކާލި އަގުވެސް އެ ކުންފުނިން ހާމަކޮށްފައި ނުވެ އެވެ.

މީގެ ކުރިންވެސް ޖޭއެލްއެލް އިން ރާއްޖޭގެ ރިސޯޓުތައް ވިއްކުމުގައި މެދުވެރިއެއްގެ ރޯލު ވަނީ އަދާކޮށްފައެވެ. އެ މުއާމަލާތްތަކުގެ ތެރޭގައި 2019 ވަނަ އަހަރު ވިއްކާލި ކޮންޑްރަޑް މޯލްޑިވްސް ރަންގެލި އައިލެންޑް އާއި އަނަންތާރާ ދިގުވެލި އަދި ނަލަދޫ ރިސޯޓު ހިމެނެއެވެ އަދި 2015 ވަނަ އަހަރު އެ ކުންފުނި މެދުވެރިކޮށް ޝެވަލް ބްލެންކް ރަންދެލި ވެސް ވަނީ ވިއްކާލައިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 15 މިނެޓުން ދެވޭ ޝެރެޓަން ފުލްމޫނު ރިސޯޓުގައި 176 ކޮޓަރި ހުންނަ އިރު އެކި ފެންވަރުގެ ހާއްސަ ވޯޓާ ވިލާ، ބަންގަލޯ، ބީޗް ވިލާތައް ހުރެ އެވެ. އަދި ޑަބްލިއު މޯލްޑިވްސްގައި 77 ކޮޓަރި އާއި ވޯޓާ ވިލާތަކާއި ހަ ރެސްޓޯރެންޓް ހުރެ އެވެ.