ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑްކަޕް 2022: މިފަހަރުގެ މެސްކޮޓުން ސިފަވަނީ ކޮންއެއްޗެއް؟

އިމާދު ލަތީފު

އިނގިރޭސިވިލާތުގައި 1966 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕުން ފެށިގެން ކޮންމެ ވޯލްޑްކަޕެއްގައިވެސް ރަސްމީ މެސްކޮޓެއް ބޭނުން ކުރެވެއެވެ. މެސްކޮޓް ހިމެނިފައިވަނީ ވޯލްޑްކަޕުގެ ސަގާފަތެއް ކަމުގައެވެ. މެސްކޮޓް ފަރުމާކުރަނީ މުބާރާތް ބޭއްވޭ ގައުމުގެ ސަގާފަތާއި އާދަކާދަވެސް ރަމްޒުވާ ގޮތަށެވެ. މެސްކޮޓްގެ ބޭނުމަކީ ވޯލްޑްކަޕާއި ވޯލްޑްކަޕް ބާއްވާ ގައުމު ޕްރޮމޯޓްކުރުމާއި މީސްތަކުންގެ މުނިފޫހި ފިލުވައިދިނުމާއި މުބާރާތުގެ ރޫހު ދެމެހެއްޓުމެވެ. މިފަހަރުގެ ވޯލްޑްކަޕް ބޭއްވެނީ ގަތަރުގައި ކަމަށްވުމުން މިފަހަރުގެ މެސްކޮޓް ފަރުމާކުރެވިފައިވަނީ ގަތަރުގެ ބަދަވީންގެ ސަގާފަތު ދެއްކުމަށް އިސްކަންދީގެންނެވެ. ގަތަރު ވޯލްޑްކަޕްގެ މެސްކޮޓްގެ ނަމަކީ ލައީބެވެ. މީގެ މާނަޔަކީ އާދަޔާ ޚިލާފު ހުނަރުވެރި ކުޅުންތެރިޔާއެވެ.

މިއަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހު، ނުވަތަ އެޕްރީލް ފޫލް ދުވަހު، ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވުނު ޚާއްސަ ހަފުލާއެއްގައި މިފަހަރުގެ ވޯލްޑްކަޕުގެ ރަސްމީ މެސްކޮޓް ވަނީ އިފްތިތާހު ކޮށްފައެވެ. މި މެސްކޮޓަކީ ގަލްފުގެ ބަދަވީންގެ ބޮލުގައި އަޅާ ހުދުފޮށައެކެވެ. އެ ފޮށާ އަންނަނީ ޒުވާނެއްގެ މޫނަކާއެކު އެހެން އާލަމަކުން އުދުހިފައެވެ. ވައިގެ ތެރޭގައި ފެންނަނީ މި ލައީބު، ފުޓްބޯޅައެއް ކޮންޓްރޯލްކުރާ މަންޒަރެވެ. ގަތަރުގެ އޮގަނައިޒިން ކޮމިޓީން ބުނާގޮތުގައި ލައީބު އަންނަނީ ވޯލްޑްކަޕުގެ ހުރިހާ މެސްކޮޓުންގެ އާލަމުން ނުވަތަ ދުނިޔެއިންނެވެ. މިއީ ހުރިހާ އުމުރެއްގެ ހުރިހާ ގައުމެއްގެ ހުރިހާ ޖިންސެއްގެ އެންމެންގެ މުނިފޫހި ފިލުވައިދޭނޭ ބައިވެރިއެއް ކަމަށްވެސް ބުނެފައިވެއެވެ. މި މެސްކޮޓުގެ މާނަ އެބަޔަކު ކުރާނޭ ގޮތަކަށް ކުރަން ވަނީ ދޫކޮށްލެވިފައެވެ.

ލައީބުގެ މާނަޔަކީ ހުނަރުވެރި ކުޅުންތެރިޔާ ކަމަށްވިޔަސް ގިނަބަޔަކަށް ލައީބު ފެންނަނީ ރޫހެއްގެ ސިފައިގައެވެ. ހުދުފޮށަޔަކާއި މޫނެކެވެ. ދެން ބޯޅައެކެވެ. މަރުވެފައިވާ މީހަކު ފޮށައެއްގެ ސިފައިގައި ބޯޅަޔަކާއެކު އަންނަނީއޭވެސް ބައެއް މީހުން ބުނެއެވެ. މީގައި ސަގާފަތެއް، ފަންނެއް، މާނައެއް ނެތް ކަމަށް ބުނާ މީހުން ވަރަށްވެސް ގިނައެވެ. ކޮންމެއަކަސް މި މެސްކޮޓަކީ މުބާރާތުގެ އޮގަނައިޒިން ކޮމިޓީ ނުވަތަ މިކަމާބެހޭ ގަތަރުގެ ސްޕްރީމް ކައުންސިލުން ހުޅުވާލި ކުރެހުމާއި ފަރުމާކުރުމުގެ މުބާރާތެއްގެ ތެރެއިން ހޮވައިލެވުނު ކުރެހުމެކެވެ. ގަތަރާއި ގަލްފުގެ އެނޫން ގައުމުތަކުގެ ވަރަށް ގިނަ ފަންނާނުން ކުރެހުންތަކާއި އުފެއްދުންތައް ހުށައެޅިކަމަށް ބުނެވެއެވެ. އެހެންވީމާ އޮގަނައިޒިން ކޮމިޓީއަށް މި މެސްކޮޓްގެ މާނަ ވަރަށްވެސް ފުންވެފައި މޮޅެވެ.

ކުރިންވެސް ބަޔާން ކުރެވުނުފަދައިން މެސްކޮޓްގެ ސަގާފަތު ވޯލްޑްކަޕާއެކުވެ މަސްހުނިވެގެންދިޔައީ 1966 ވަނަ އަހަރު އިންގްލެންޑުގައި ބޭއްވުނު ވޯލްޑްކަޕުން ފެށިގެންނެވެ. އެފަހަރު މެސްކޮޓެއް ތައާރަފު ކުރެވުނީ އައުކަމެއް ކުރުމުގެ ގޮތުންނެވެ. އޭގެތެރެއިން އިނގިރޭސި ސަގާފަތާއި ގައުމިއްޔަތު ދެއްކުމުގެ ގޮތުންނެވެ. އެފަހަރު ތައާރަފު ކުރެވުނު މެސްކޮޓްގެ ނަމަކީ ވިލީއެވެ. އެއިން ފެންނަނީ އިނގިރޭސި ދިދަޔާއެކު ސިންގާއެކެވެ. ސިންގާޔަކީ އިނގިރޭސިވިލާތުގައި އުޅޭ އެއްޗަކަށް ނުވިޔަސް އިނގިރޭސި ވިސްނުމުގައި ސިންގާގެ ދައުރު ވަރަށް ބޮޑެވެ. އިނގިރޭސި ކޮންމެ އެއްޗެއް ރަމްޒުކުރަނީ ސިންގާއަކުންނެވެ. ވޯލްޑްކަޕްގެ ފުރަތަމަ މެސްކޮޓް ފަރުމާކުރީ އިނގިރޭސި ކުރެހުންތެރިއެކެވެ. މި މެސްކޮޓަކީ އަދިވެސް ވޯލްޑްކަޕްގެ އެންމެ މަގްބޫލު މެސްކޮޓެވެ.

ވޯލްޑްކަޕް ބާއްވާ ގައުމެއްގެ ސަގާފަތް ރަމްޒުކޮށްދިނުމަކީ މެސްކޮޓްގެ އެއްބޭނުން ކަމަށްވާއިރު މިހާތަނަށް ސިންގާޔާއި ސާރިދޯޅާއި މިނިކާވަގު ފަދަ ޖަނަވާރުތައްވެސް މެސްކޮޓްގެ ގޮތުގައި ބޭނުން ކުރެވިފައިވެއެވެ. ގައުމީ ދިދަޔާއި ކުޅިމިރުސްވެސް ފެނިފައިވެއެއެވެ. މެކްސިކޯއިން 1986 ގައި ބޭނުންކުރީ މަތިމަހަކާއި މެކްސިކޯގެ ކުލަތައް ފެންނަ ކުޅި މިރުހެކެވެ. ދެކުނު އެފްރިކާއިން 2010 ގައި ބޭނުންކުރީ މިނިކާ ޖަނަވާރަކާއި ގައުމީ ކުލަތަކެވެ. ރަޝިޔާއިން 2018 ގައި ބޭނުންކުރީ ސާރިދޯޅެކެވެ. ކޮންމެ އެއްޗެއް ބޭނުންކުރިއަސް ދަނޑަށް ވަންނަ މީހުންނަށް މައްސަލައެއް ނެތެވެ. އޭގެ ކައިރީގައި ފޮޓޯ ނަގަނަގައި، މަޖާކޮށްކޮށްފައި އުޅޭނެއެވެ. އެ އުސޫލުން ލައީބުވެސް ވާނީ މަޖާ އެއްޗަކަށެވެ. ރޫހެކޭ ހީކޮށް އެޔާ ދުރުހެލިވުމެއް ނުފެންނާނެއެވެ.

އަރަބީންނަކީ ނިކަން ޚިޔާލު ތަނަވަސް ބައެކެވެ. އަލާއުއްދީނުގެ ވާހަކައިން އުދުހޭ ދޫލައެއްވެސް ވުޖޫދުކުރި ފަދައިންނެވެ. އެހެންވީމާ އަލާއުއްދީނުގެ އުދުހޭ ދޫލައިގެ މިސާލުގައި އެއޮތީ އުދުހޭ ފޮށައެއް ތައާރަފުކޮށްފައެވެ. ލައީބުގެ ނަމުގައެވެ. ވޯލްޑްކަޕުގެ ރަސްމީ މެސްކޮޓްގެ ސިފައިގައެވެ. މި މެސްކޮޓްގެ ޚިޔާލު ތަނަވަސްވެގެން އައީވެސް އަލާއުއްދީނާއި ޔާސްމީނުގެ އުދުހޭ ދޫލައިން ކަމަށްވެދާނެއެވެ. މެސްކޮޓުން ދޭހަވާ މާނަޔެއް އެބަޔަކު ހިތާވާގޮތަކަށް ކުރާންވީއޭ ބުނަނީ އެހެންވެގެން ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް ލައީބު މިހާރު ވަރަށް މަޝްހޫރެވެ. މީސްމީޑިއާގައި މުޅިންވެސް ލައީބެވެ. ސްޓިކާތަކާއި އެމޯޖީގެ ގޮތުގައެވެ. ކޮންމެ ގޮތަކަށް މަޝްހޫރުވިޔަސް، މަޝްހޫރުވީމާ ނިމުނީއެވެ. އެގޮތުން ރޫހެއްކަމަށް ސިފަވާ ލައީބުވެސް ވަނީ ނުހަނު ބޮޑަށް މަޝްހޫރުވެފައެވެ.