ވާހަކަ

ފިނި މެންދަމަކުން - 05

މަރިޔަމް ޝަފާ އިބްރާހިމް

4

(26 ޖޫންގެ އަދަދާ ގުޅޭ)

ޖަލުގެ ގޭޓްހައުސްއަކީ ޖަލާ ބެހޭ ހުރިހާ ކަމެއް ހިނގާ، އެތަނުގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދާ އޮފީހެވެ. މުވައްޒަފުންގެ ސޮއި ކުރުމާއި ވަޒީފާއާ ހަވާލުވުމުން ފެށިގެން، ކުށްވެރިންގެ ޗެކްކުރުމާއި ގެނައުމާއި ގެންދިއުމާއި މިހެން ގޮސް އެތައްކަމެއް ހިނގާ، މުޅި ޖަލު ސަރަހައްދުގައިވެސް އެންމެ ބުރަ ތަނަކީ މިއީއެވެ.

މާހީއަށް އަދިވެސް އެއިނދެވުނީ ދާދި ދެންމެއަކު އޭނާއާއެކު މިމޭޒުދޮށުގައި އިށީނދެ އިނދެފައި ތެދުވެގެން ދިޔަ ޒުވާނާއާމެދު ހައިރާންވެފައެވެ. ގަޑިއެއްހާއިރު ކުރިން އައިސް، ގައިދީންނާ ވަކީލުން ބައްދަލު ކުރާ މިކޮޓަރިއަށް ވަދެ ފަސްމިނިޓް ވީއިރު ޑިއުޓީއަކު ފަޒީލު ގޮވައިގެން އަތުވެއްޖެއެވެ. އާދައިގެ ޓީޝާޓަކާއި ހަރުވާޅެއް ފާޑުގެ އެއްޗެއް ލައިގެން ހުރި ފަޒީލުގެ އެއްވެސް ޝައުގެއް މާހީއާމެދުގައެއް ނެތެވެ. އެންމެ ކުޑަމިނުން މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުގެ އެއްވެސް އުފާވެރިކަމެއް ޝައުގުވެރިކަމެއް ފަޒީލުގެ ކިބަޔަކުން ނުފެނުނެވެ.

"މައްސަލައަކީ ދެފުށް ފެންނަން އޮތް ސާފު މައްސަލައެއް. މީގައި ދަށު ކޯޓުން ކުރި ހުކުމް ގޯސްވެގެން އަހަރެން ނޫޅެން، ވީއިރު ވަކީލު ސާހިބާ ތިއުޅުއްވަނީ ކިހިނެއްވެގެންތޯ؟ އަޅުގަނޑުގެ އަތުގައި ވަކީލުސާހިބާއަށް ދޭނެ އެންމެ ބައިލާރިއެއްވެސް އޮތީއެއް ނޫން… ވީއިރު މިމައްސަލައިގައި އުޅުއްވުމަކީ ހަމަ ހެޔޮކަންތައް ކޮށްކޮށްފައި ކަނޑަށް އެޅުން ކަހަލަ ކަމެއް…"

މާހީއަށް ފަޒީލުގެ ލޮލާއި ހަތަރުކަޅި ހަމަކުރާނެ ހިތްވަރުވެސް ލިބުނީ އެތައްއިރެއްވީ ފަހުންނެވެ. ފަޒީލު އިނީ އޭނަގެ ކުރިމަތީގައެވެ، އެކަމަކު އޭނާ ބޭނުން ސުވާލަކަށް ފަޒީލު ޖަވާބެއް ނުދޭނެއެވެ. އޭނާ މިމައްސަލައިން އެއްވެސް ލާރިއެއް ބޭނުމެއް ނޫނެވެ. ކޭސް ކާމިޔާބު ވެ، ހައިކޯޓުން ކާމިޔާބުވެއްޖެ ނަމަ، މާހީއަށް އޭނާގެ ދަރަނި އަދާކުރެވުނީއެވެ. އަހަރުތަކެއްގެ ދަރަންޏެކެވެ. ކުށުގެ ކައްފާރާ އަދާ ކުރެވުނީއެވެ. އެކަމަކު އެއިން އެކައްޗެއްވެސް ފަޒީލަކަށް ނޭނގޭނެއެވެ. މިމައްސަލައިގައި އެންމެ ފައިސާ ފޮއްޗެއް ނުލިބި، އަމިއްލަ ހަޒާނާގައިވާ ހުރިހާ ފައިސާއެއް މިކަމަށް ހުސްކޮށްލަން ޖެހުނަސް މާހީއަށް މިމައްސަލަ ކޯޓަށް ހުށަހެޅުން މުހިންމުކަން ފަޒީލަށް ބުނެދޭނީވެސް ވަކި ކޮންގޮތަކަށް ހެއްޔެވެ.

"އަހަރެން ނެތް ބުނާނެ އެއްވެސް އެއްޗެއް... ފަހު ވަގުތުވެސް މިބުނަނީ ތީ ބޭކާރު ކަމެކޭ… ތިިލިޔުންތަކުގައި ހައިކޯޓަށް މައްސަލަ އިސްތިއުނާފު ކޮށް ކާމިޔާބު ކުރެވޭވަރުގެ ކޮން ހަގީގަތެއް އޮވެެގެންތޯ ކަމަނާ ތިއުޅުއްވަނީ…"

މާހީ އިނީ ވިސްނާށެވެ. ދޭން މިއުޅޭ ހަބަރު ފަޒީލަކަށް ވިސްނައިގަންނާކަށް ފަސޭހައެއް ނުވާނެއެވެ. ތަކުރާރުކޮށް ފަޒީލު އެކުރަމުން އަންނަ ސުވާލަށް އޭނާ ދޭނީ ކޮންޖަވާބެއް ހެއްޔެވެ. ނުވަތަ ފަޒީލަށް އޭނާ ބުނެދޭނީ ވަކި ކިހިނެއް ހެއްޔެވެ. ކޮން އިބާރާތަކުން، ކީކޭ ކިޔާފައި ކޮންގޮތަކަށް ހެއްޔެވެ.

ކޮންމެއަކަސް ފަޒީލު ދިޔައީ ލިޔުންތަކުގައާއި ހައިކޯޓަށް ހުށަހަޅަން ޖެހޭ ސޓީއާއި ފޯމުތަކުގައި ސޮއިކޮށްފައެވެ. މާހީއަށް އެއިނދެވުނީ ފުރާގަޑި ޖެހޭކަން އެނގޭއިރުވެސް ފަޒީލުގެ ހާލަތާމެދު ސަހަރޯ ހީވެފައެވެ.

އިރުއޮއްސި މޫނު އަނދިރިކަން ވެރިވާން ފަށައިފިއެވެ. ރަތްވިލާގެ އަސަރުކެނޑި، އަލިކަން މަޑުމަޑުން ރޭގެ އަނދިރިކަމަަށް ބަދަލުވާން ފެށީއެވެ. މާހީ ދަތުރު ކުރަމުން ދިޔަ ލޯންޗު މާލޭގެ ބަނދަރާ ގާތްވަމުން ދިޔަ ވަރަކަށް އޭނާގެ ހިތުގެ ތެޅުންވެސް ދިޔައީ ހަމައަކަށް އެޅެމުންނެވެ. އަމާން ހިސާބަކަށް އާދެވެނީކަން އެނގުމަށްވުރެ ބޮޑަށް އަވަހަށް ފިރިމީހާގެ އަތުގެ ހިމާޔަތަށް ދިއުމަށް އޭނާވަނީ ބޭނުންވެފައެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ފަޒީލާއި ބައްދަލުވާން ދާ ކޮންމެ ފަހަރަކު އޭނާއަށް މިއުނދަގުލާ ކުރިމަތިލާން ޖެހެއެވެ. އެހެންނަމަވެސް މިއީ އޭނާއަށް ކުރިމަތިލާން، ތަހައްމަލު ކުރަން ޖެހޭ އިހުސާސެކެވެ. މިއިހުސާސާ ނުލައި އޭނާއަށް މިކޭސް ކާމިޔާބު ނުކުރެވޭނީކަމަށްވެސް ވެދާނެއެވެ. ބިރާއި ހާސްކަމުގެ ކަނޑުން ނަގަމުން ދިޔަ ރާޅުތަކުން ސަލާމަތްވަމުން މާހީ އަވަހަށް ލޯންޗުން ފޭބުމަށް ތައްޔާރުވާން ފެށިއެވެ.

********

ފަޒީީލު ގޮވައިގެން އައި ޑިއުޓީ އޮފިސަރު އޭނާ ގޮޅިއަށް ވައްދައި ތަޅުލުމަށްފަހު އެނބުރި ހިނގައްޖެއެވެ. ބޭރަށް ދިއުމަށް ބަދަލު ކުރި ޓީޝާޓު އަށިމަތީގައި އޮތެވެ. ލައިގެން ހުރި ކުރުތާ ހުރީ ދަލުން ތެމިގެން ގޮސް ގައިގައި ތަތްލައިފައެވެ. ކުރުތާ ބޭލުމަށްފަހު ތުވާލި ހިފައިގެން ފަޒީލު ގޮސް ފާހާނާއަށް ވަދެއްޖެއެވެ. އަވަސްގޮތަކަށް ފިނިފެނުން ގައި ދޮވެލައިގެން ނުުކުމެ ޓީޝާޓާއި ހަރުވާޅު ލައިގެން، އަނދެގެން ހުރި ތުވާލި ގައިން ވަކިކޮށް އޭނާ ދަމާފައި ހުރި ރޯނުގައި އަޅާލިއެވެ. މަޑުމަޑުން ޖަލުގެ މިދިރިއުޅުމަށް އޭނާ މިދަނީ ހޭނެމުންނެވެ. ހަމަ އެންމެ ދެހަފުތާއެއްހާ ދުވަސްތެރޭގައި އޭނާ މިތަނުގެ ދުނިޔެއަށް ލޯ ހުޅުވާލައިފިއެވެ.

މިގޮޅީގެ ދަތިއުނދަގޫކަމާއި ރޭގަނޑުގެ އަނދިރީގައި ހިމޭން ފިނިމެންދަންތަކުގައި މިތަނުން ދިމާވާ އެކިކަހަލަ ދަތިތަކާއި ތުރާތަކާއި ވޭނަށް މުޅިން ނުހޭނުނަސް މިދިރިއުޅުމުގައި އުޅޭން ޖެހޭކަމުގެ އިހުސާސް އޭނާ މިތަނަށް ހާނުވަން ފެށީއެވެ. އެހެންނަމަވެސް އެވަކީލާ ސާހިބާ އޭނާގެ ގައިން ދުކޮށްލާކަށް ނޫޅުނެވެ. ދެހަފުތާ ކުރިން، އޭނާ މިޖަލަށް ގެނައިތާ ދެވަނައަށްވީދުވަހު ހަވީރު ހަމަ ކުއްލިއަކަށް އޮފިސަރަކު އައިސް އޭނާގެ ގާތުގައި "ލޯޔަރު ބައްދަލުވުމަށް ދާން ތައްޔާރުވާށޭ" ބުނުމުން ފަޒީލަށް ހީނގަނެވުނީ އާދަޔާހިލާފަށް ބާރަށެވެ. އޭނާއާ ބައްދަލުކުރަން އަންނަން ޖެހޭ ވަކީލަކު ހުންނާނެ ހެއްޔެވެ. އެއީ ކާކުގެ އެދުމަށް، ކާކުގެ ފައިސާގަނޑަކަށް، ކާކު ފޮނުވައިގެން އައި ކޮންގެއެއްގެ ހައިރާންވެފައި ހުރި ގަމާރެއްހޭ ވެސް އޭނާއަށް ސުވާލު ކުރެވުނެވެ. މާމަޖާ ކަމެއް ނޫނޭ، ނުދާނަމޭ ކިޔާފައި ނިދިން ނުތެދުވާންވެސް އުޅުނެވެ. އޮފިސަރު އައިސް ދަގަނޑު ދޮރުގެ ތަޅުގައި ހިފައި "ޑަޑާންޑާން"އަޑު ކިޔާގޮތަށް ތަޅުން ތޭރިތަކުގައި ޖަހަން ފެށުމުން ތެދުވެގެން ފަޒީލު ދެންވެސް ފެށީ ހޭށެވެ.

ދެން ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް ވިދުވަރެއްހެން އައި ހިޔާލުން ހުނުމާއި ސަމާސާކަން އެއްކޮށް، ހުއްޓި، ސީރިއަސް މޫނަކަށް ބަދަލުވިއެވެ. އެތައް ފަހަރަކު ޑިއުޓީ އޮފިސަރު ކުރެން އެއީ ކީއްވެގެން އައި، ކޮންކަހަލަ ވަކީލެއްހޭ އަހައި އޮޅުން ފިލުވަން މަސައްކަތްވެސް ކުރިއެވެ. އެހެންނަމަވެސް އޮފިސަރަށްވެސް އެނގުނީ ހަމައެންމެ އާދައިގެ މީހާއަށްވެސް އެނގޭނެވަރުގެ މައުލޫމާތުތަކެވެ. މާހީއަކީ މާހީލޯޔަރުކަމެވެ. އެންމެ ފުރަތަމަ އޭނާއާ ބައްދަލު ކުރުމަށާއި ލިޔުންތަކުގައި ސޮއި ކުރުވުމަށް މާހީ އައުމުން، ދެންވެސް ފަޒީލު ހީކުރީ އެއީ ވަގުތީ ކަމެއްކަމަށެވެ. އެކަމަކު އެހެނެއް ނުވިއެވެ. މިއަދު އަނެއްކާވެސް މާހީ އޭނާއާ ބައްދަލުވާން އައީއެވެ.

މާހީ ކުރި ހުރިހާ ސުވާލަކަށްވެސް އޭނާ ތެދުހިތުން ޖަވާބުދިނެވެ. އެކަމަކު ދެ ސުވާލެއްގެ ޖަވާބު އޭނާއަށް ނުދެވުނެވެ. އެސުވާލުތަކަށް ޖަވާބު ދޭނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. ތަކުރާރުކޮށް ކޮންމެ ފަހަރަކުވެސް މާހީ އޭނާ ކުރެން އޮޅުން ފިލުވަން ބޭނުން ވަނީ އެމަރާ އޭނާއާ ގުޅުން ހުރީ ކޮންހިސާބަކުން ކިިހިނެއް ވެގެންތޯއެވެ. އެއަންހެންކުއްޖާއާ ބެހޭ ގޮތުން ކޮންމެމީހަކުވެސް އެބުނާ ފަޒީލަށް އެނގޭ ބޮޑު ސިއްރަކީ ކޮބައިތޯއެވެ. އެއީ ފަޒީލުގެ އެންމެ ގާތް އެކުވެރިޔާތޯ ނޫނީ ލޯބިވެރިޔާތޯ ކުރާ ސުވާލަށް ޖަވާބު ދޭނެ ހިތްވަރެއް އޭނާގެ ކިބައިގަ އަދި މިވަގުތަކު ނެތެވެ.

މާހީ ހުރިހާ ލިޔުންތަކެއް ހައިކޯޓަށް ހުށަހަޅައިފިކަމަށާއި އަދި ހައިކޯޓުން މައްސަލަ ބަލައިގެންފައި، ޝަރީއަތުގެ ތާރީހު ކަނޑައަޅަންވާއިރަށް އެހުރިހާ ސުވާލުތަކެއްގެ ތެދު ޖަވާބު އެއްވެސް ފޮރުވުމެއް ނެތި މާހީއަށް އެނގުމަކީ ޝަރީއަތް ކާމިޔާބު ކުރުމަށް އެޅޭނެ ކިހާ ބޮޑު ބާރެއްކަން އެތައްފަހަރަކު އޭނާއަށް ބުނެދީފިއެވެ. އެހެންނަމަވެސް އަދި އޭނާގެ ގައިގައި އެހުރިހާ ވާހަކައެެއް ދައްކާނެ ހިތްވަރެއް ނެތެވެ. އެހެންނަމަވެސް އޭނާ އެއްވާހަކަ މާހީއަށް ސުވާލެއްގެ ސިފައިގައި ވިސްނުމަށް ދޫކުރިއެވެ. މާހީއަށް މިހާރު އެއީ ކިހާވަރެއްގެ މައްސަލައެއްކަން ކޮންމެވެސް ވަރަކަށް ވިސްނައިލެވޭނެ ތޯއްޗެކެވެ.

މެންދުރުގެ ހޫނުކަން ހަވީރުގެ ފިންޏަށް ބަދަލުވާން ދުނިޔެމަތިން އަވިމަޑުވަނީއެވެ. ގޮޅިތެރޭގައި ހޫނުކަން މަޑުވާން ފަށައިފިއެވެ. ފަޒީލު ބިޑިއެއް ރޯކޮށްލައިގެން އައިސް ގޮޅީގެ ދޮރު ކައިރީ ދެފައި ދަމާލައިގެން އިށީނދެ ތޭރިތަކުގައި ބޯއަރިކޮށްލައިގެން ޖައްސާލީ، މިވަގުތުގެ ފިނިކަން އިހުސާސްކުރުމުން ލިބޭ ހިތްހަމަޖެހުން ގެއްލުވައިނުލުމަށެވެ. ގޮޅީގެ ބޭރުން ކަނޑާތަކާއި ހިނިތަކުގެ ފީކޮއި މަންޒަރު ބެލުމާއި ކޮރިޑޯގެ ފެންސުތަކުގެ ފަހަތުން ފެންނަ ހެދިބޯވަމުން އަންނަ ވިނަގަސްތަކުގެ ފަތްތަކާއި ހޯލިކޮޅުތައް ހެލޭ މަންޒަަރަކީ ގޮޅީގައި ލިބޭ ހަމައެންމެ ބޮޑު ހިތްހަމަޖެހުމެވެ. މިހާރުދެން މިމާހައުލުގައި އުޅުމުގެ އާދަ އޭނާގެ ގައިގައި އަށަގަންނަނީއެވެ. ކިތަންމެ ބޭނުންނުވިޔަސް އެއީ އޭނާގެ ނަފުސު ހޭނެން ޖެހޭ ކަމެކެވެ. މިހަމަހިމޭން، ވީރާނާ ފަޅުކަމުގެ ތެރެއިން ދޭތެރެއަކުން އެހެން ގޮޅިތަކުން އޭނާއަށް ގޮވާލާ އަޑަށް ޖަވާބު ދިނުމާއި އަމިއްލަ ނަފުސު ހިތްހަމަޖައްސާލުމަށް އެކިއެކި ރާގުތަކުގެ ލަވަތައް ކިޔުން ކަހަލަ ކަންތައް ކިތަންމެ ދަތިވިޔަސް އޭނާގެ ގައިގައިވެސް ހަރުލާނެތާއެވެ. އާހިރުގައި އޭނާއަކީވެސް އުމުރުދުވަހަށް ޖަލަށް ލާފައިވާ ގައިދީއެއްވިއްޔާއެވެ.

ރޭގަނޑުގެ ޑިއުޓީއަށް އައި އަޝްހަދު އާއި އޭނާގެ ޑިއުޓީޝިފްޓުގެ އެކުވެރިޔާ ސައުދު ގޮޅިތަކުގެ ބޯގުނުން ނިންމުމަށް އެންމެ ފަހު ގޮޅިއެއްގެ ގޮތުން އައިސް މަޑުކޮށްލީ ފަޒީލު އޮންނަ ގޮޅީގެ ދޮރުމައްޗަށެވެ. ދޮރާއި ކައިރިވީމަ ނޭފަތުގައި އެޖެހުނު އާދަޔާ ހިލާފު ކުނި ވަހުން އަޝްހަދު އޯކަށް ދެމޭ ގޮތްވިއެވެ. ފަޒީލަކީ އެހާ ނުތާހިރު، ނަޖިސް ޒުވާނެއް ނޫނެވެ. ގޮޅިއަށް އައި ދުވަސް ނޫން އަނެއްދުވަހު ފަޒީލު ގޮޅި ދޮވުނެވެ. އަދި މިހާރު މަޑުމަޑުން ފަޒީލުގެ އަތުގައި ޝޭމްޕޫ، ސައިބޯނި، ލޯޝަން ކަހަލަ ސާމާނުވެސް ހުންނާނެއެވެ. ފަޒީލުގެ ވަކީލަކީ ފަޒީލާއި ކޮން ގުޅުމެއް ހުރި މީހެއްކަމެއް ނޭނގެއެވެ. އެހެންނަމަވެސް އެނގޭ ވަރަކީ އެވަކީލުގެ ނަމުގައި ފަޒީލަށް ބޭނުންވާ ތަކެތި ގަންނަން ފައިސާ ހަވާލު ކުރިކަމެވެ. އަދި އޮފިސަރުން މެދުވެރިކޮށް ފަޒީލު ބޭނުންވާ ހުރިހާ ސާމާނެއްހެން މިހާރު ގޮޅީގައި ހުންނާނެއެވެ. އެކަމަކު އެދުވީ ކޮންމެވެސް އެއްޗެއް ކުނިވެގެން ގޮސް ތަޣައްޔަރުވެފައިވާ ކަހަލަ ވަހެކެވެ.

“އޭތް…..ފަޒީލޫ...” ތޭރިތަކުގައި ތަޅުދަނޑި ކާއްތާލަމުން އަޝްހަދު ގޮވާލިއެވެ. އެތެރެއިން އަޑެއް ނީވި މިނިޓެއްހާއިރު ވީއިރު އަޝްހަދު ތަޅުދަނޑި ތޭރިތަކުގައި ކޭއްތުމުގެ އަޑުވީގަދައެވެ.

“އޯތްއޯތް….އަޅުހެކިވަން...ކިހިނެއްވީ މާލޯބިން ތިގޮވަނީ...” ފާހާނާ ތެރެއިން ނުކުތީ މުށިކުލައިގެ ހަރުވާޅަކާއި މަޑުނޫކުލައިގެ ޓީޝާޓެއްގައި ހުރި ފަޒީލެވެ. އޭނާގެ ތުނބުގައި ހުރި ބިޑިބުރި ނަގައި ދެއިނގިލި ދޭތެރެއަށް ލަމުން ދޮރާއި ދިމާއަށް އައެވެ.

“ސާހިބުމަނިކުފާނު...ކޮން ވަހެއްތަ މިދުވަނީ...؟ މިގޮޅިއާ ގާތްވެސް ނުވެވޭ… ކަލޭ ކޯޗެއް ކުނިކޮށްލައިގެން ތިއުޅެނީ… މިހިސާބާ ކައިރިވާވަރަކަށް މިނިކުނިވަސް ގަދަވަނީ...”ސަމަދު ނޭފަތުގައި ރުމާ އަޅަމުން އަހާލިއެވެ.

“މަށަކަށް ނުދުވާ ވަހެއް.... އެހެންނޫނަސް ކުނިވަހަކީ ގޮޅިތަކުގެ ރަނިކަން ކުރާ ވަހެއްނު… މިގޮޅިއަށް އައި ރޭ ތިވަސް ނޭފަތުގެ ވަސްކަށިގަނޑު ބިންދާލައިފި... މިހާރު އެއްވެސް އެއްޗެއްގެ ވަހެއް ވަކިކުރާކަށް ނޭނގޭ… ކޮންތާކުން ކޮންވަހެއް ދުވަނީއޭ...” ހުރިހާ ވާހަކައެއް ދައްކާފައި ފަހުބަހަކަށް ފަޒީލު އަހާލިއެވެ. ހަގީގަތުގައިވެސް އޭނާއަކަށް އެބުނާ ވަހެއް ނުދުވައެވެ.

“އެވާނީ ވައިރޯޅިއާއެކު މިދިމާލަށް އަންނަ ވަހަކަށް... މިހާރު ކުޑަކޮށް ވަސްގަނޑު ކެނޑިއްޖެކަންނޭނގޭ...” ނޭފަތްމަތިން ރުމާ ނަގަމުން އަޝްހަދު ބުނެލިއެވެ.

"ދޭތެރެ ދޭތެރެއިން ތިވަހެއް ދުވާނެ. ނޭނގެ ސީދާ ކޮން ދިމާއަކުން ދުވާ ވަހެއްކަމެއް… ފުރަތަމަ ދެތިންދުވަހު ޑިއުޓީ ގާތު ވަރަށް ޝަކުވާވެސް ކުރިން…އެކަމަކު މިހާރު ދެން ތީ އެހާ ބޮޑު ވަހެއް ނޫން... މީދަލާއި ހިކަންޖާ ހަވީރު ފިންޏަށް ސެންޓު ބުރުވާލައިގެން ދާއިރު ދުވާވަސްވެސް މިހާރު ހަމަ މަސްކުވަހަށްވުރެ މީރުވަހަކަށްވެއްޖެ... ތިކަހަލަ ވަސްވަހަށް ބަލައިގެން ޖަލުގަ ނޫޅެވޭނެއޭ ބުނީ ހަމަ ޝަހާދަތު ޑިއުޓީއެއްނު…”

އަޝްހަދު އަކީ، ގޮޅިއަށް އައިތާ ދެވަނައަށް ވީދުވަހު ވަކީލު ބައްދަލުވުމަށް ފަޒީލު ނެރެގެން ގެންގޮސް، ގެނައި ޑިއުޓީއެވެ. ފަޒީލަށް އަމިއްލަ ތަޖުރިބާއާއި ހިޔާލުން އެހީއެއް ދިން ފުރަތަމަ ޑިއުޓީއެވެ. މަރުގެ މައްސަލައިގައި އޮތަސް އިންސާނިއްޔަތުކަމާއެކު އޭނާއަށް ވިސްނައިދީ، ހިޔާލެއް ދިން ޒުވާނާއެވެ. އަދި ކިރިޔާ ވިއްސަކަށް ބާވީހަކަށް އަހަރުގެ އަޝްހަދަށް ފަޒީލު ގޮވައި އުޅެނީ ޝަހާދަތުގެ ނަމުންނެވެ.

“ހާހް…ތިމައްސަލަވެސް އަހަރެމެން ވެރިންނާ ހަމައަށް ގެންދަން… ތެދަށް ބުނަންޏާ މިއީ ގައިދީން ވިޔަސް ލާން ހެޔޮނޫން ފަސްވަރަކަށް ގޮޅި... އަމުދުން މިގޮޅިއަށް އެއްވެސް މީހަކު ލާކަށް އަހަރެމެން ބޭނުމެއް ނޫން... މިހިސާބަށް އަންނަންވީމަ އަހަރުމެންނަށްވެސް ފަސޭހައެއް ނޫން... އަމުދުން މިރޭ ކަހަލަ ދަންވަރު ޑިއުޓީތަކުގަ މިކޮޅަށް އަންނަން ޖެހޭނެތީވެ އެންމެ ކަންބޮޑުވުން ފާޅުކުރާ އެއްޝިފްޓަށް އަހަރެމެން ވާނެ. އެކަމަކު ކީއްކުރާނީ... މިހާރުދެން ބޮޑު ވަރަކަށްވެސް ވެރިން އެއްބަސްވެއްޖެ މަހެއް ވީމަ ސީޑީ ފަޅިއަށް ބަދަލުކޮށްލާނެކަމަށް... ބާކީ މިހިރަ ހަތަރު ގޮޅިވެސް ހަލާކުވެފަ އެހުންނަނީ ހަމަ ނަސީބު... އެހެންނޫންނަމަ އެތަނަށްވެސް މީހުން އަޅާ ފުރާފަ އޮންނާނީ...”

އަޝްހަދަކީ ޖަލުގެ އޮފިސަރުންގެ ތެރޭގައި ގައިދީންގެ އިހުސާސް އެނގޭ އޯގާތެރި، ހިތްތިރި ޑިއުޓީއެކެވެ. ޑިއުޓީއަށް އައުމަށްފަހު ވަރަށް ގިނަ ވަގުތު ފަޒީލު ގާތުގައި ގޮޅި ދޮރު ކައިރީ އައިސް ހުރެއެވެ. އެހެން އަންނަ އައުމުގައި ފޯއްކޮޅެއް ސުޕާރީއެއްވެސް ދިއްކޮށްލައި ސިނގިރޭޓް، ބިޑި ގެނެސްދީ ހެދުންފަދަ ކަންތައް އަނެއް ޑިއުޓީ ކުރުމަކާވެސް އަޝްހަދު ނުބެހޭނެއެވެ. އަޝްހަދު ބުނާގޮތުގައި ޖަލުގެ ތޭރިތަކުގެ ފަހަތުގެ ވޭން ތަޖުރިބާ ނުކުރިއަސް އޭނާއަށް އިހުސާސްކުރެވެއެވެ. ފަޒީލުގެ މައްސަލަ ހައިކޯޓަށް ވެއްދުމަށް އަމިއްލައަށް ވޮލަންޓިއާ ވެގެން މާހީ އައުމުން އެކަމަށްވެސް ތާއީދުކޮށް، ފަޒީލަށް އެކަމުގައި، އެފުރުސަތު ނަގައިނުލުމަށް ނަސޭހަތްތެރިވެ، މާހީގެ ހަބަރު އޮޅުން ފިލުވައިދީ ހެދީ އަޝްހަދެވެ.

“މިއަދު ލޯޔަރު އައި ދޯ...؟” އަޝްހަދު އަހާލިއެވެ.

“އާން..ކޯޓުން މައްސަލަ ތާވަލު ކުރާ ދުވަހާ ހަމައަށް އޭނަ އެނގެން ބޭނުންވާ މައުލޫމާތު ތަކެއް ހުރީމަޔޯ...” ނިވެމުން ދިޔަ ބިޑިކޮޅު ރޯކޮށްލަމުން ފަޒީލު ބުނެލިއެވެ. އަދި ދުންކޮޅު ބޭރުގައި ތިބި ޑިއުޓީންނަށް އުނދަގޫނުވާނެހެން ދުރަށް މޫނު އަނބުރާލާފައި ދޫކުރިއެވެ.

“އެއީ ވަރަށް މޮޅު ލޯޔަރެކޭ... ކަލޭގެ ހެޔޮނަސީބު ތީ... ތިވަރުގެ މައްސަލައެއް އޭނަ ހިލޭސާބަހަށް ފައިޓް ކުރުން އެއްވެސް މީހަކު ގަބޫލު ނުކުރާނެ... އަޑުއެހިން އޭނައަކީ ކުރިއަށް އޮތްތާނގައި ހައިކޯޓުގެ ފަނޑިޔާރަކަށް ވާނެ މަންޖެއެކޭ...”ސައުދު ބުނެލިއެވެ.

“އޭނަ ފިރިމީހާއަކީވެސް އެހާ ހެޔޮމީހެއް... ހިލޭސާބަހަށް ކިތައް އޮޕަރޭޝަންކަމެއް ނޭނގޭ ކޮށްދިނީ... ވަރަށް ރަނގަޅު ދެމަފިރިން އެއީ...” ފަޒީލު ހުރީ ކަނުލައި އަޑުއަހާށެވެ. އަދި މިހާތަނަށް މާހީއާ ބެހޭ ގޮތުން ފަޒީލަށް އެއްވެސް ގޯސް ބަހެއް އަޑު އިވިފައެއް ނެތެވެ.

ޑިއުޓީން ދިއުމުން ފަޒީލު އިރުކޮޅެއް ވަންދެން ކޮރިޑޯ ތެރެއަށް ވެރިވަމުން ދިޔަ އަނދިރިކަން ދުރުކުރުމަށް ދިއްލައިލެވުނު ބޮކީގެ ވަށައިގެން އެނބުރެން ފެށި ޕަރުވާނާތަކަށް ބަލަން މަޑުކޮށްލިއެވެ. އޭނާއަށް އެހެން ހުރެވުނީ ދިހަވަރަކަށް މިނިޓަށެވެ. ވިލާގަނޑު ނެގީ ކޮންދިމާއަކުން ކަމެއްވެސް ނޭނގެއެވެ. ވައިރޯޅި ގަދަ ހިފުމަކަށް ޖެހިގަތްކަހަލައެވެ.

ގަސްތައް ބިމުން ލުއްސައިގެންދާވަރުގެ ރޯޅިއަކާއެކު ބޮކި ދެއަތަކަށް ހޫރިގަތެވެ. އެބޮކި އެއީ ހޫރޭ ކަހަލަ ގޮތަކަށް ހުންނަ ބޮތްކެއް ވެސް ނޫނެވެ. އެކަމަކު އޭގެ އަލި ދެއަތަކަށް ހޫރިގަތްގަތީނުން ވަށައިގެން އުދުހެމުން ދިޔަ ޕަރުވާނާތައްވެސް އެކި ދިމަދިމާއަށް ބުރަބުރައިގެން ހިނގައްޖެއެވެ. އެވަގުތު ފާރަށް އެރި ހިޔަނި އެއީ މިހާރުދެން ފަޒީލަށް އާ ހިޔަންޏެކޭ ނުބުނެވޭނެއެވެ. އެކަމަކު އަދިވެސް ފަޒީލަށް އެހިޔަނީގެ ބިރުވެރިކަމަށް ހޭނިގަނެވިއްޖެއެކޭ ނުބުނެވޭނެެވެ. ފަޒީލަށް އެއުޅެނީ ކީއްވާން ކަން އެނގުމަކީ އެހިޔަނިދެކެ ޖެހިލުމެއް ބިރެއް ނެތުމެއް ނޫނެވެ.

އެހެންނަމަވެސް އޭނާއަށް މިހާރު އެހިޔަނި އެއަންނަނީ ކޮންދިމާއަކަށް ކީއްކުރަންކަން އެނގެއެވެ. ނޭނގޭ ކަމަކީ އެ ހިޔަނީގެ ބޭނުމެވެ. މަގުސަދެވެ. ދުވަންފެށި ކުނި ވަހަށް ނޭފަތް ހޭނިފައި ހުއްޓަސް އަނގައާއި ނޭފަތް މަތީ އަތްއެޅުނީ އެވަހަކީ ކެތްވާވަރަށް ވުރެ ތޫނު ނުބައި ވަހަކަށް ވާތީއެވެ. ފާރަށް އެޅުނު ހިޔަނި ބޮޑުވަމުން ގާތްވަމުންއާދެއެވެ. އޭގެ ކެހެރިތައް ވަޔާއި ތެޅޭ މަންޒަރުވެސް ފަޒީލަށް ރީއްޗަށް ފެނެއެވެ. އެކަމަކު އަދި އޭތި މިހިސާބަށް އަންނަ ވަގުތު ގާތެއް ނުވެއެވެ.

އެހެންކަމުން ޖެހިގެން ހުރި ގޮޅީގެ ތެރެއަށް އޭތި ދެމިގަނެ ގެއްލޭނެކަން ފަޒީލަށް ކިތަންމެހާވެސް ރަނގަޅަށް އެނގެއެވެ. ވަގުތު ޖެހެންދެން އޭތި އެގޮޅި ތެރޭގައި އެކުރާ ކަމެއް ކުރަން އުޅޭނެއެވެ. މިރެއަކީވެސް ރޭތަކުގެ ތެރެއިން އޭތީގެ ބޮޑު ރެއެއްކަން ޔަގީނެވެ. ފަޒީލަށް އެނގި، ގައިމު ވެފައިވާ ގޮތަށް ޖެހިގެން ހުރި ގޮޅީގެ ކުރިމައްޗަށް ޖެހިގަތުމާއެކު ފަތާ އަޑުފަށްގަނޑަކާއެކު ތޭރިތައް ތެޅިގަތުމަކާއެކު އޭތީގެ ހިޔަނި ގޮޅި ތެރެއަށް ދެމިގަނެ ލޯމަތިން އައިބު ވެއްޖެއެވެ.

(ނުނިމޭ)