ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ފެކްޓްރީއެއް އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
ކެނދިކުޅުދޫގައި މަސް ފެކްޓްރީއެއް އަޅައިދޭނެ ބަޔަކު ހޯދަން މީގެ ކުރިން ވެސް ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ. ނަމަވެސް އެކަމަށް އެއްވެސް ފަރާތަކުން ކުރިމަތިނުލުމުން އެރަށުގައި މަސް ފެކްޓްރީއެއް އަޅައިދޭނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް އިއުލާންކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
ފިނޭންސުން ބުނީ، ކެނދިކުޅުދޫގައި މަސް ފެކްޓްރީއެއް އަޅައިދޭނެ ފަރާތެއް ހޯދަނީ އެރަށު ކައުންސިލްގެ އެދުމުގެ މަތިން ޑިޒައިން އެންޑް ބިލްޑު އުސޫލުން ކަމަށެވެ.
އެ މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިން ކަމަށާއި މަސް ފެކްޓްރީ އަޅައިދިނުމުގެ މަސައްކަތަށް ކުރިމަތިލެވޭނީ ހައުސިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށް ފިނޭންސުން ބުންޏެވެ.
ކެނދިކުޅުދޫގައި މަސް ފެކްޓްރީއެއް އެޅުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ފީއެއްގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހެއެވެ. އަދި އެ ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 30،000 ރުފިޔާ ދައްކަން ޖެހެއެވެ.
ކެނދިކުޅުދޫގެ އިތުރުން އައްޑޫ ސިޓީ އާއި މ. އަތޮޅުގައިވެސް ގޭދޮށު މަސްފެކްޓްރީ ތަރައްގީކުރުމުގެ މަޝްރޫއު ދަނީ ކުރިއަށެވެ.
ގޭދޮށު މަސް ފެކްޓްރީ މަޝްރޫއުގެ ބޭނުމަކީ ރާއްޖޭގައި ބާނާ މަހުގެ ތެރެއިން ކުންފުނިތަކަށް ނުގަނެވޭ މަސްތައް އުކާލުމުގެ ބަދަލުގައި ޕްރޮސެސްކޮށްގެން ރައްޔިތުންނަށް ނަފާ ހޯދައިދިނުމެވެ. އެ މަޝްރޫއުގެ ދަށުން މަސް ފިނިކުރުމާއި މަހުން އެކި ތަފާތު އިތުރު އުފެއްދުންތައް ތައްޔާރުކުރުމުގެ ފުރުސަތުވެސް ފަހިކޮށްދޭނެއެވެ.