ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ހަރަކާތެއް ކުރިއަށްދަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލްގެ ބަންދު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

މުހައްމަދު އިސްމާއީލް ހައްޔަރުކުރީ ކާނިވާގެ ކެފާއެއްގައި ސައިބޯން އިންދާ ޖޫން 22 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އޭނާގެ ބަންދަށް މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ފުރަތަމަ ޖެހީ ފަސް ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ އިތުރު ނުވަ ދުވަސް ޖަހައިފައެވެ.

މުހައްމަދު އިސްމާއީލަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ މުގައްރިރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ފެއްޓެވި، "އިންޑިއާ އައުޓް" ހަރަކާތް ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މީހަކީވެސް އޭނާއެވެ.

ޔޯގާ ހަރަކާތް ހުއްޓުވުމުގައިވެސް މުހައްމަދުގެ ދައުރެއް އޮތް ކަމަށް ތުހުމަތުކުރާއިރު، ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މީހުންގެ އަތުގައި ހުރި ދިދަތަކަކީ ޕީޕީއެމުގެ އޮފީހުން ނެރެގެން ގެންދިޔަ ދިދަތަކެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މުހައްމަދު އިސްމާއީލްގެ އިތުރުން ޕީޕިއެމްގެ ކައުންސިލަށް މި ފަހުން އިންތިހާބުވި އިބްރާހިމް ރައްޒާން (ޓަކީ)ވެސް ހައްޔަރުކުރި އިރު، އޭނާގެ ބަންދަށް ދިން ފަސް ދުވަހުގެ މުއްދަތު މިއަދަށް ހަމަވުމުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފައެވެ.