މުޖުތަމައުގައި ހުންނަ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނީ އެކަން ހައްލުކުރުމަށް ވަށާޖެހިފައިވާ ފުރިހަމަ ގާނޫނީ އޮނިގަނޑެއް އެކުލަވާލައި އެ ގާނޫނު ތަންފީޒުކުރެވިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޔުނިސެފާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން "ޕޮލިސް ކޮންފަރެންސް އޮން ވަޔަލެންސް އެގެއިންސްޓް ޗިލްޑްރަން, ޕްރެވެންޝަން އެންޑް އިންވެސްޓިގޭޝަން"ގެ ނަމުގައި މިއަދު ފެށި ކޮންފަރެންސްގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ގާނޫނު ފުރިހަމައަށް ތަންފީޒުކުރުމަށްފަހު އެ މީހުން އަނބުރާ މުޖުތަމައުއަށް ގެނެވޭ ފަދަ ހަރުދަނާ ރިހިބިލިޓޭޝަން ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށެވެ.
އެ މަސައްކަތް ސަރުކާރުން ކުރައްވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ 2019 ވަނަ އަހަރު ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު ވުޖޫދުކުރެވިގެންދިޔަ ކަމަށެވެ. އަދި 2020 ވަނަ އަހަރު ފުލުހުންގެ ގާނޫނު ވުޖޫދުވެގެންދިޔަކަންވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކަށް އެންމެ ރަނގަޅު ގޮތުގައި އަވަސް ތަހުގީގެއް ކުރެވިގެންދިއުން އެއީ ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް އުއްމީދު ކަމަށެވެ. ހާއްސަކޮށް ކުޑަކުއްޖަކަށް ބޮޑުގެއްލުމެއް ލިބިއްޖެނަމަ މުޖުތަމައުން އެކަމާ ކަންބޮޑުވާ މިންވަރު އެކަމުގެ ސަބަބުން ހުންނަ ހުރިހާ އުދާސްތައް އެންމެ ބޮޑަށް ތަހައްމަލުކުރަންޖެހޭ ބަޔަކީ ފުލުހުން ކަމަށެވެ.
"ފުލުހުންގެ ތެރެއިން ތަހުގީގު ކުރެވިގެންދިއުމަށްފަހު ޕްރޮސިކިއުޓިން ސްޓޭޖުގައި ދިމާވާ ކަންކަމާއި ކޯޓުތަކުގެ ތެރެއިން ދިމާވާ ކަންކަމުގެ ސަބަބުން އެ މެދުވެރިވެގެންދާ ގޮތުން އަޅުގަނޑުމެން ދިވެހިންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފައިވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ، ކުޑަކުދިންނާއި އަންހެނުންގެ މައްސަލަތަކަކީ އެންމެ ސީރިއަސް މައްސަލަތައް ކަމުގައި ބަލައިގެން އެކަމުން އަރައިގަތުމަކީ ވިލުންވެރި މުޖުތަމައުއެއް ބިނާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު