ޚަބަރު

ޔޯގާ ހަރާމް ކަމަށް ސާފުކޮށް ބުނެފިނަމަ އެކަމެއް ނުކުރާނަން: މަހުލޫފް

ޔޯގާ ވިޔަސް އަދި އެހެން ކަންތައްތައްވިޔަސް ހަރާމް ކަމަށް ކަނޑައަޅައިފިނަމަ، އެކަމެއް ކުރަން ނޫޅުއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު މިހެން ވިދާޅުވީ، ޔޯގާ ޑޭ ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅަން އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝީޔާމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންވެ.

މިނިސްޓަރު ވިދާޅުވީ، ޔޯގާޑޭ އަކީ މީގެ ކުރިންވެސް ރާއްޖޭގައި ފާހަގަ ކޮށްފައިވާ ދުވަހެއް ކަމަށާއި އެއިރު ވެސް އެކަން ހަރާން ކަމަށް ކަނޑައަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން ހިލާފް އުފެދިފައިވާ އެފަދަ ކަންކަން ވަކި ޝެއިހަކު ބުނީތީ އެކަން ހަރާން ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ވަަރަށް ސާފުކޮށް ބުނަން ބޭނުންވަނީ ޔޯގާ އާއި މިއުޒިކާއި ދެން އޮތް ކަމަކާއި ދެން އޮތް ކަމަކާ، މި ހުރިހާ ކަމެއްގައި ހަރާންތޯ ހަރާން ނޫންތޯ ސާފުކޮށް އަޅުގަނޑުމެން ކައިރީގަ ބުނީމަ އަޅުގަނޑުމެން އެ ހިސާބުން އެކަމަކާ ނޫޅޭނަން. އެކަމަކު މިހެން ހިލާފު އުފެދިފައި، ތަފާތު ވިސްނުން ހުރި ކަންކަން ވަކި ޝެއިހަކު އެއީ ހަރާމޭ ބުނީމަ ދެން އަޅުގަނޑުމެން ގަބޫލު ކުރަންވީ. އަޅުގަނޑު ގަބޫލު ނުކުރަމޭ އެ ޝެއިހެއް، އަޅުގަނޑު ގަބޫލު ކުރަނީ އެހެން ޝެއިހެއް ދައްކާ ވާހަކަ، އެހެންވީމާ އެ ޝެއިހު ބުނާގޮތަށް އަޅުގަނޑު އުޅެނީ، އަޅުގަނޑަކަށް ނުޖެހޭ ނޫންތޯ މި ޝެއިހު ބުނާގޮތަަކަށް އުޅޭކަށް، އެހެންވީމަ މި ވިސްނުމުގެ ތެރެއިން ރުޅިވެރިކަމާއި ނަފްރަތު އުފައްދައިގެން އެންޑް ރިޒަލްޓުގައި ބޭނުންވަނީ ވެރިކަމަށް އަންނަ،" އެކަންތައްތައް ސާފު ކޮށްދެއްވަމުން މަހްލޫފު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޔޯގާ ޑޭ އަކީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ ދުވަހެއް ކަމަށެވެ.

"ޕީޕީއެމް އާއި އެމްޑީޕީއާ ހުރިހާ އެންމެންވެސް 2014 އިން ފެށިގެން ފާހަގަކުރި ދުވަހެއް ނޫންތޯ މިއީ. އެހެންވީމަ މިއީ ސިޔާސީ ބޭނުމެއްގައި ބަޔަކަށް އޮޅުވާލައިގެން ގެއްލުންދޭ އުސޫލުން ބަޔަކު ރާވަމުން އަންނަ ކަމެއް،" މަހްލޫފް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި، ހަމަލާދިން މައްސަލައިގައި ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެކި ދުވަސް މަތިން މިހާތަހަށް 21 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން އަދިވެސް އެ މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.