ފެމިލީ ކޯޓު ވަގުތީ ގޮތުން ހިންގުން އެ ކޯޓުގެ ގާޒީ އިބްރާހީމް މާހިރާ ހަވާލުކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ފެމިލީ ކޯޓު ވަގުތީ ގޮތުން ހިންގުން ގާޒީ އިބްރާހީމް މާހިރާ ހަވާލުކުރަން ނިންމީ، އެ ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި ހުޒައިފާ މުހައްމަދު އިއްޔެއިން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ކަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ތިން މަގާމުގެ ތެރެއިން އެއް މަގާމަށް ހުޒައިފާ އައްޔަންކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިއްޔެ މެންދުރު ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭނާއަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
އަންހެން ފަނޑިޔާރުންގެ ތެރެއިން ސުޕީރިއާ ކޯޓެއްގެ އިސް ގާޒީގެ މަގާމަށް އައްޔަންކުރެއްވި ފުރަތަމަ ގާޒީއަކީ ހުޒެއިފާއެވެ.
ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދެއްވުމުން ހުސްވި އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ ހުޒައިފާއާއެކު ޝުކުރުﷲ ޝަކީލެވެ. އެ ދެ ބޭފުޅުންގެ ތެރެއިން މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް އިންޓަވިއުކުރުމަށްފަހު ޖޭއެސްސީން ނިންމީ ހުޒެއިފާ އެ މަގާމަށް އައްޔަނުކުރުމަށެވެ.
މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޯޕަރޭޓިވް ލޯ ހާސިލުކުރައްވާފައިވާ ހުޒެއިފާ ވަނީ ފަނޑިޔާރުކަމުގައި 14 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ. ހުޒެއިފާ އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަންކުރީ 2007 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.