ޚަބަރު

މިދިޔަ މަހު ގްރީން ޓެކްސްގެ ގޮތުގައި 96 މިލިއަން ރުފިޔާ

މުހައްމަދު ޖަމްޝަތް ވަހީދު

މިދިޔަ މެއި މަހު ގްރީން ޓެކްސްގެ ގޮތުގައި 96,586,761 ރުފިޔާ ދައުލަތަށް ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކޮށްފައިވާ މެއި މަހުގެ ގްރީން ފަންޑު ރިޕޯޓުން ދައްކާގޮތުން ރިސޯޓުތަކުން ގްރީން ޓެކްސްގެ ގޮތުގައި 90 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ހޮޓެލްތަކުން 1.04 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ގެސްޓްހައުސްތަކުން 2.5 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ލިވްއަބޯޑް އުޅަނދުތަކުން 2.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ މަހު އެންމެ ބޮޑު އަދަދެއް ގްރީން ޓެކުހުގެ ދެއްކީ ކ. އަތޮޅުންނެވެ. އެގޮތުން މާލެއިން ޖުމްލަ 796،571 ރުފިޔާ ދައްކާފައިވާ އިރު، އަތޮޅުގެ އެހެން ރަށްތަކުން ޖުމްލަ 30 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. މި ލިސްޓުގައި ދެން އެންމެ ކުރީގައި އުޅޭ އދ. އަތޮޅުން 10.1 މިިލިއަން ދެއްކި އިރު، ރ. އަތޮޅުން 7.2 މިލިއަން އަދި ބ. އަތޮޅުން 7.1 މިލިއަން ވަނީ ދައްކައިފައެވެ. މި ލިސްޓުގައި އެންމަ މަދުން ގްރީން ޓެކްސް ދެއްކީ ފުވައްމުލަކު ސިޓީންނެވެ. ފުވައްމުލަކުން ދައްކާފައި ވަނީ 69,684 ރުފިޔާއެވެ.

މެއި މަހު ގްރީން ފަންޑުން ހަރަދުކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ބަނދަރުގެ މަޝްރޫއުތައް ފަދަ މުހިންމު މަޝްރޫއުތަކެއް ހިމެނޭހެން ޖުމްލަ 44 މަޝްރޫއަކަށް ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. މި 44 މަޝްރޫއަށް 36.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މެއި މަހު ގްރީން ފަންޑުގެ ފައިސާ ބޭނުންކޮށްފައިވާ މިންވަރު އޭޕްރީލް އަދި މާޗް މަހާ އަޅައި ބަލާއިރު ނިސްބަތުން ދަށެވެ. ފެބްރުއަރީ މަހު 140.5 މިލިއަން ރުފިޔާ އެކި މަޝްރޫއުތަކަށް ހޭދަކޮށްފައިވާ އިރު، އޭޕްރީލް މަހު މަޝްރޫއުތަކަށް 59.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަހަރުގެ މިހާތަނަށް ބަލާއިރު މިދިޔަ މެއި މަހުގެ ނިޔަލަށް ގްރީން ފަންޑުން ހޭދަކުރި މިންވަރު 356.7 މިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.

ފިނޭންސް މިނިސްޓްރީގެ ގްރީން ފަންޑު ރިޕޯޓް ދައްކާ ގޮތުގައި މެއި މަހުގެ ނިޔަލަށް ގްރީން ފަންޑުގައި 827.6 މިލިއަން ރުފިޔާ އެބަހުއްޓެވެ.

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.