ޚަބަރު

2023ގެ ނިޔަލަށް ކޮންމެ އަތޮޅަކުން މުރަކައިގެ ސަރަހައްދެއް ހިމާޔަތްކުރެވޭނެ: ޝައުނާ

ރިފާ ހަލީލު

ދެހާސް ތޭވީސްގެ ނިޔަލަށް ކޮންމެ އަތޮޅަކުން މުރަކައިގެ ސަރަހައްދެއް ހިމާޔަތްކުރެވޭނެ ކަމަށް އެންވަޔަރަަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެެވެ.

ޝައުނާ މިހެން ވިދާޅުވީ ޕޯޗުގަލްގެ ލިސްބަންގައި ކުރިއަށްދާ އދ.ގެ އޯޝަންސް ކޮންފަރެންސްގެ ތެރެއިން "އެޑްރެސިން މެރިން ޕޮލިއުޝަން"ގެ ނަމުގައި ކުރިއަށްދިޔަ ސެޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަމްސީލުކުރައްވާ ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހުށައަޅާ ސްޓޭޓްމަންޓް އޭނާ ހުށަހަޅައިދެއްވާނެއެވެ.

އިންޓަރެކްޓިވް ޑައިލޮގުގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ޝައުނާ ވިދާޅުވީ ދިވެހިންގެ ދިރިއުޅުމާއި ދިރިއުޅުމަށްކުރާ މަސައްކަތްތައް ބިނާވެފައި ވަނީ ކަނޑުފަޅުގެ ދިރުމާއި މުރަކައިގެ ފަރުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށެވެ.

ނެޝަނަލް ބަޔޯޑައިވަސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭނާއި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019-2023ގެ ދަށުން މި ސަރުކާރުން މަދުވެގެން މުރަކައިގެ ފަރުތަކުގެ 10 ޕަސެންޓް ހިމާޔަތްކުރުމާއި ކުޅި ކަނޑޫފާފަދަ ތަންތަނުގެ 20 ޕަސެންޓް އަދި 2023ގެ ނިޔަލަށް ކޮންމެ އަތޮޅަކުން މުރަކައިގެ ސަރަހައްދެއް ހިމާޔަތްކުރާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

އެ މަސައްކަތުގެ ދަށުން މިހާތަނަށް ރާއްޖޭގައި 79 ތަނެއް ހިމާޔަތްކޮށްފައިވާ ކަމަށާއި އެއީ ރާއްޖޭގެ މުރަކައިގެ ފަރުތަކުގެ 14 ޕަސެންޓް ކަމަށްވެސް ވިދާޅުވިއެވެ.

ޕްލާސްޓިކު ކުނިބުނި އުފެދޭ މިންވަރު ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވަމުން ގޮސްފައިވާ ކަމަށާއި މިހާރު އަހަރެއްގެ މައްޗަށް 400 މިލިއަން ޓަނުގެ ޕްލާސްޓިކް ކުނިބުނި އުފެދޭކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ، ޕްލާސްޓިކު ކުނިބުނީގެ ތެރެއިން އަލުން ބޭނުންކުރެވެނީ އެންމެ ނުވަ ޕަސެންޓު ކަމަށާއި ބާކީބައި ދަނީ ލޭންޑްފިލްތަކާއި އަދި ކަނޑުތައްވެސް ހިމެނޭ ގޮތަށް ވެއްޓަށް ގެއްލުންވާ ތަންތަނަށް ކަމަށެވެ.

އަދި ކަނޑުގެ ދިރުންތަކުންނާއި އިންސާނުންގެ ހަށިގަނޑުންވެސް މިހާރު މައިކްރޯ ޕްލާސްޓިކް ފެންނަމުންދާ އިރު، ޕްލާސްޓިކުން ތަގައްޔަރުވުމުގެ ސަބަބުން ނާޒުކު ގުދުރަތީ ނިޒާމަށް އަސަރުކޮށް ދިރޭ ތަކެތީގެ ބައެއް ނިޒާމުތަކާއި ނަސްލުތައް ނެތިދިއުމަށް މަގުފަހިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޝައުނާ ވަނީ ކަނޑުތައް ޕްލާސްޓިކުން ތަަގައްޔަރުވުން ހުއްޓުވުމަށް ރާއްޖެއިން އަދާކުރާ ދައުރާ ގުޅޭ ގޮތުންނާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް އެތެރެކުރުމާއި އުފެއްދުމާއި ވިއްކުން މަނާކުރުމާއި އޭގެ އިތުރުން ކުނި އުކާލުމުގައި ކުނީގެ ބާވަތްތައް ވަކިކުރުމާއި ރީސައިކަލް ކުރުމާއި ކުނި މަދުކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ.

ގިނަ ގައުމުތައް އެކުވެގެން މިކަމުގައި މަސައްކަތްކުރުމަށް ރާއްޖެއިން ތާއީދުކުރާކަން ފާހަގަކުރައްވަމުން އދ.ގެ ތިމާވެށްޓާ ބެހޭ އެސެންބްލީގެ ފަސް ވަނަ ސެޝަނުގައި ޕްލާސްޓިކް ޕޮލިއުޝަންއާ ގުޅޭ ގޮތުން ބައިނަލްއަގްވާމީ ގޮތުން އަމަލުކުރަން ލާޒިމު ކަރުދާހެއް އެކުލަވާލުމަށް ގިނަ ގައުމުތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަގްވާމީ މަޝްވަރާ ކޮމިޓީއެއް އުފެއްދުމަށް ގޮވާލި ގޮވާލުމަށް މިނިސްޓަރު ވަނީ މަރުހަބާ ވިދާޅުވެފައެވެ.