މިއަހަރުގެ ނޮވެމްބަރު އެކާވީހުން ޑިސެމްބަރު އަށާރައަށް ކުޅެވޭ ވޯލްޑްކަޕުގެ މެޗުތައް ބެލުމަށާއި ވޯލްޑްކަޕާ ގުޅޭ އެކި ކަންކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން ބަޔަކު ގަތަރަށް ޒިޔާރަތް ކުރާނެއެވެ. ވޯލްޑްކަޕް ދުވަސްވަރު ކަމަށްވެފައި މުބާރާތް ބޭއްވެނީ ގަތަރުގައި ކަމަށްވާތީ މިދުވަސްވަރު ގަތަރަށް އެތެރެވުމަށް ވިސާ ބޭނުމެއް ނުވާނެއެވެ. އެކަމަކު ގަތަރަށް ދަނީ މެޗެއް ބެލުމަށްކަމަށްވަންޏާ ސްޓޭޑިއަމަށް ވަނުމުގެ ޓިކެޓާއި އެނބުރި ގައުމަށް ދިޔުމުގެ ރިޓާރން ޓިކެޓާއި ހުރުމުގެ ކަންކަން ހަމަޖެހިފައިވާ ކަމުގެ ވައުޗަރާއި ދަތުރުވެރިޔާގެ އައިޑީއާއި އެންމެހައި މައުލޫމާތު ހިމެނޭ ޚާއްސަ "ހައްޔަ" ކާޑެއް ބޭނުންވާނެއެވެ. ގަތަރަކީ ދިވެހިރާއްޖެއާ ދާދިގާތުގައިވާ ގައުމެކެވެ. އެހެންވީމާ މިފަހަރު ގިނަ އަދަދެއްގެ ދިވެހީންވެސް ގަތަރަށް ދާނެއެވެ.
ވޯލްޑްކަޕްގައި ކުޅޭނީ ޖުމްލަ 65 މެޗެވެ. މެޗުތައް ބަހާލާފައިވަނީ ތިން ގިންތިއަކަށެވެ. ގްރޫޕް ފިޔަވަހީގެ ބައެއް މެޗުތައް ފެތެނީ ތިންވަނަ ގިންތިއަށެވެ. އެ ގިންތީގެ މެޗުތަކުގެ ޓިކެޓްގެ ފެށޭ އަގަކީ 69 ޑޮލަރެވެ. ފައިނަލް މެޗު ފެތެނީ އެއްވަނަ ގިންތިއަށެވެ. އޭގެ ޓިކެޓްގެ ފެށޭ އަގަކީވެސް 1607 ޑޮލަރެވެ. އެންމެ ފަހުން ރަޝިޔާގައި ބޭއްވުނު ވޯލްޑްކަޕުގެ މެޗު ޓިކެޓަށް ނިސްބަތްކުރާއިރު މިފަހަރު ގަތަރުގައި ކުޅޭ މެޗުތަކަށް ވަނުމުގެ އަގު ބޮޑެވެ. އެވަރެޖްކޮށް ތިރީހަކަށް ޕަސަންޓުގެ އިތުރުވުމެއް އެބައުޅެއެވެ. ޓިކެޓް ހޯދުމުގައި މައިގަނޑު ގޮތެއްގައި އޮތީ ދެގޮތެކެވެ. އެއްގޮތަކީ ފީފާ މެދުވެރިކުރުމެވެ. ފީފާ ނުވަތަ ފީފާގެ ޓިކެޓިން އޭޖެންޓެއްގެ ކިބައިން ޓިކެޓް ލިބިގަތުމެވެ. އަނެއްގޮތަކީ މުބާރާތް ބާއްވާ ގައުމުގެ އެއަރލައިންކަމަށްވާ ގަތަރު އެއަރވޭސްއިން ލިބިގަތުމެވެ.
ގަތަރަށް އައިސްގޮސްވުމުގައި އެންމެ ފަސޭހަ ގޮތަކީ ގަތަރު އެއަރވޭޒް އިޚުތިޔާރު ކުރުމެވެ. އެންމެ ބޮލަށް ފަސޭހަ ގޮތަކީވެސް އެއީއެވެ. ރާއްޖޭގައި ތިބެފައި ދަތުރުކުރާނަމަ ސްރީލަންކަން އެއަރލައިންސާއި އެމިރޭޓްސް އާއި އެއަރ އިންޑިޔާއަކީ ވެސް އޮޕްޝަންތަކެކެވެ. މީގެ ތެރެއިން އެންމެ ފުޅާކޮށް ޚިދުމަތް ލިބޭނީ ގަތަރު އެއަރވޭޒްއިންނެވެ. ދެކޮޅު ޓިކެޓާއި ދިހަވަރަކަށް ދުވަހު ހުރުމާއި ތިން މެޗެއްގެ ޓިކެޓް ހިމެނޭނޭހެން ޕެކޭޖުތަކެއް ގަތަރު އެއަރވޭޒްއިން ލިބެން އެބަހުއްޓެވެ. އެންމެ ކުޑަ ޕެކޭޖުވެސް ފެށެނީ ފަސްހާސް ޑޮލަރުންނެވެ. އެމީހަކު ދަތުރުކުރާ މަގުގެ ކުރުދިގުމިނަށް ބަލައިގެން މިޕެކޭޖް ބޮޑުވެސްވާނެއެވެ. ޕެކޭޖު ގަންނަ މީހަކު ގަތަރަށް ދާންޖެހޭނެއެވެ. މެޗު ބަލަންޖެހޭނެއެވެ. ނުދެވުނަސް ނުވަނަސް ރިފަންޑެއް ނުކުރާނެއެވެ.
ގަތަރަކީ ވަރަށް ކުޑަކުޑަ ގައުމެކެވެ. އެހެންވީމާ އެންމެ ބޮޑު މައްސަލަޔަކީ ޑިމާންޑާ އެއްވަރަށް ކޮޓަރި ލިބޭން ނެތުމެވެ. ހޮޓާތައްވެސް ހުރީ އެކި އަގުގައެވެ. މިހާރުވެސް އެންމެ އަގުހެޔޮ ކޮޓަރިތައް ވިކި ނިމިއްޖެއެވެ. ކޮޓަރި ބުކްކުރުމުގައި ޚާއްސަ ޕޯޓަލްއެއް ގާއިމްކޮށްފައިވެއެވެ. އެންމެ ފުރަތަމަވެސް މެޗު ޓިކެޓް އޮތުން މުހިއްމެވެ. ހޮޓަލަކުން ކޮޓަރިއެއް ލިބޭން ނެތިއްޔާ ސަހަރާތެރޭގައި ގާއިމްމުރާ އެއަރކޮންޑިޝަން ފޭލިގެއަކުންވެސް ޖާގައެއް ލިބިދާނެއެވެ. އަދި ގަތަރުގެ އައްސޭރީގައި މަޑުކޮށްގެން ތިބޭ ސަފާރީތަކާއި ޔޮޓްތަކާއި ޕެސިންޖަރ ލައިންތަކުގެ ތެރެއިން އެއްޗަކުންވެސް ޖާގަ ލިބިދާނެއެވެ. އޮޕްޝަންތައް ވަރަށް ގިނައެވެ. ހުރުމާއި ދިޔުމާއި ވަނުމަކީ ޕެކޭޖެއްގެ ތެރެއިން ހަމަޖެހޭ ކަމެއްކަމުގައި ވާނަމަ މިކަންކަން ހަމަޖައްސައިދޭނީ ޕެކޭޖް ވިއްކާ ފަރާތުންނެވެ.
ގަތަރަކީ ހުޅަނގުގެ ގައުމެއް ނޫނެވެ. އަޚުލާގީގޮތުން މީސްތަކުން އުޅޭންވީ އިންތަކާއި މިންތައް އެކަށައެޅި ތަންފީޒުކުރާ ގައުމެކެވެ. އެހެންވީމާ ގަތަރަށް އެތެރެވާ ހަމަކޮންމެ މީހަކުވެސް އެތާގެ ދީނާއި ސަގާފަތާއި އާދަކާދަތަކާއި ގާނޫނުތަކަށް ބޯލަނބާން ޖެހޭނެއެވެ. ހަމަބޭނުންހާ ތަނެއްގައި ބޭނުންހާ ގޮތަކަށް ނޫޅެވޭނެއެވެ. ދެ ޖިންސުގެ މީހުން މަސްހުނިވެގެން މަސްތުވެގެންތިބެ އާއްމު ތަންތަނުގައި ޕާޓީއެއް ނުކުރެވޭނެއެވެ. ގާނޫނުތައް މުގުރައިފިއްޔާ ދޭސީއެއް، ބިދޭސީއެއް، ވޯލްޑްކަޕެއް، ފީފާއެއް، އަދި އެހެން އެއްޗަކަށްވެސް ނުބަލައި އަދަބުދޭނެއެވެ. ބަނގުރަލާއި ގާތްވެވޭނީ އެކަމަށް ހުއްދަ އޮންނަ މަދު ތަނެއްގައެވެ. ޖިންސީ މުއާމަލާތު ހިންގޭނީ ދެމަފިރީންގެ މެދުގައެވެ. ސްޓޭޑިއަމްތަކާއި މަގުތަކާއި މައިދާންތަކުގައި އަޚުލާގީގޮތުން ދަށްފެންވަރުގެ ހަމައެއްކަމެއްވެސް ނުކުރެވޭނެއެވެ.
ގަތަރަށް އެތެރެވާ ހަމަ ކޮންމެ މީހަކުވެސް ކޮވިޑު ވެކްސިނުގެ ހުރިހާ ޑޯޒެއް ފުރިހަމަކޮށްފައި ހުރުން ލާޒިމެވެ. އެކަން ގަތަރުގެ ވެރިރަށް ދޯހާގެ އެއަރޕޯޓުން ކަށަވަރުވެސް ކުރާނެއެވެ. އެހެންވީމާ ވެކްސިން ކާޑު ވަރަށް މުހިއްމެވެ. ސްޓޭޑިއަމަށް ވަނުމުގެ ޓިކެޓާއި އެއަރލައިނުގެ ރިޓާރން ޓިކެޓް އޮތުމަކުން އަދި ނުފުދޭނެއެވެ. ވެކްސިން ކާޑު އޮތަކަސް ނުނިމޭނެއެވެ. ދަތުރުވެރިންގެ ޚާއްސަ އައިޑީއެއް ބޭނުންވާނެއެވެ. އެޔަށް ކިޔަނީ "ހައްޔަ" ކާޑެވެ. ކުރިން ބަޔާންކުރެވުނު ޓިކެޓްތައް ލިބިގަތުމަށްފަހު އެ ބޭނުންކޮށްގެން "ހައްޔަ" ކާޑަށް އެޕްލައި ކުރާން ޖެހޭނެއެވެ. އަދި އެކާޑު އަބަދުވެސް އަތުގައި އޮންނާންވާނެއެވެ. ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރެވޭނީ، އަދި އެހެން ޚިދުމަތެއްވެސް ލިބޭނީ މި ކާޑު އޮވެގެންނެވެ. އެމީހެއްގެ ހުރިހާ މައުލޫމާތެއް ހިމެނޭނީ މި ކާޑުގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022