ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހުޒެއިފާ މުހައްމަދު މިއަދު އައްޔަންކޮށްފިއެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ތިން މަގާމުގެ ތެރެއިން އެއް މަގާމަށް ހުޒައިފާ އައްޔަންކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާއަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމުގެ ކުރިން ހުޒެއިފާ ހުންނެވީ، ފެމިލީ ކޯޓުގެ އިސްގާޒީގެ މަގާމުގައެވެ. އަންހެން ފަނޑިޔާރުންގެ ތެރެއިން ސުޕީރިއާ ކޯޓެއްގެ އިސް ގާޒީގެ މަގާމަށް އައްޔަންކުރެއްވި ފުރަތަމަ ގާޒީ އަކީ ހުޒެއިފާއެވެ.
ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދެއްވުމުން ހުސްވި އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން، އެމަގާމަށް ކުރިމަތިލެއްވީ ހުޒައިފާއާ އެކު ޝުކުރުﷲ ޝަކީލްއެވެ.
އެ ދެ ބޭފުޅުންގެ ތެރެއިން މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް އިންޓަވިއު ކުރުމަށްފަހު، ޖޭއެސްސީން ނިންމީ ހުޒެއިފާ އެ މަގާމަށް އައްޔަނުކުރުމަށެވެ.
ހުޒެއިފާ ވަނީ ފަނޑިޔާރުކަމުގައި 14 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައިފައެވެ. ހުޒެއިފާ އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރީ 2007 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.
ހުޒައިފާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން މާސްޓާސް އޮފް ކޯޕަރޭޓިވް ލޯ ހާސިލްކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު