އެވިޑް ކޮލެޖްގެ ސެޓްފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ ކޯހުގައި ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެވިޑް ކޮލެޖުން އިއްޔެ ބުނީ، ކޮވިޑް19 ރިލީފް ފަންޑުގެ އެހީގެ ދަށުން ދިވެހި ސަރުކާރުން ހުޅުވާލައްވާފައިވާ ތައުލީމާ ތަމްރީން ދިނުމުގެ ފުރުސަތުގެ ތެރެއިން، އެވިޑް ކޮލެޖުން ހިންގާ ސެޓްފިކެޓް 3 އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ކޯހުގައި ބައިވެރިވެ މުޅިން ހިލޭ ކިޔެވުމުގެ ފުރުސަތު މީގެ ދުވަސްކޮޅެއްކުރިން ވަނީ ހުޅުވާފައި ކަމަށެވެ. އަދި މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް އެކޯހުގައި ބައިވެރިވުމުގެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
އެ ކޯސް އެވިޑް ކޮލެޖް ތިނަދޫ ކެމްޕަސް ނުވަތަ އެވިޑް ކޮލެޖް މާލޭ ކެމްޕަސްއިން ވެސް ފުރިހަމަކުރެވެން ހުންނާނެކަމަށް އެވިޑް ކޮލެޖުން ބުންޏެވެ. އެ ކޯހާ ބެހޭ އިތުރު މައުލޫމާތު 7525352 ނަންބަރުން ސާފުކުރެވެން ހުންނާނެއެވެ.
ކޯހުގައި މުޅިން ހިލޭ ކިޔެވުމުގެ ފުރުސަތުގެ އިތުރުން ކިޔަވާ މުއްދަތުގެ ތެރޭގައި ދަރިވަރަށް ޕޮކެޓްމަނީގެ ގޮތުގައި ދިވެހި ސަރުކާރުން ކޮންމެ މަހަކު 5،000 ރުފިޔާ ދޭނެކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.
އެވިޑް ކޮލެޖުން ހާމަކުރި ގޮތުގައި އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަމް އޮތޯރިޓީ (އެމްކިޔުއޭ)އިން ހުއްދަ ލިބިގެން ހަ މަސްދުވަހުގެ މުއްދަތަށް ހިންގާ ކޯހެކެވެ. ޖުމުލަ އަށް މޮޑިއުލް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ އެކޯހަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތައް އެރޮގުން މަތީ ތައުލީމު ހާސިލްކުރަން ފެށުމަށްޓަކައި އެޅޭ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ވަރަށް މުހިންމު ބޭނުންތެރި ކޯހެއްކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.
ކޯހުގެ މޮޑިއުލްތަކުގެ ތެރޭގައި ފަންޑަމެންޓަލްސް އޮފް ކޮމްޕިއުޓާސް، ޔޫސިން ވިންޑޯސް އޮޕަރޭޓިން ސިސްޓަމް، ފަންޑަމެންޓަލްސް އޮފް ހާޑްވެއާ ޓްރަބަލް ޝޫޓިން، ޑޮކިޔުމެންޓް މެނޭޖްމެންޓް ޔޫސިން އެމް.އެސް ވޯޑް، ޑާޓާ މެނޭޖްމެންޓް ޔޫސިން އެމް.އެސް އެކްސެލް ފަދަ ބޭނުންތެރި މޮޑިއުލްތައް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު