ރާއްޖެއަށް އެތެރެކުރާ ބޭހުގެ ކޮލިޓީއާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި ބޭހުގެ ކޮލިޓީ ބެލުމަށް އަންނަ އަހަރު ހާއްސަ ލެބޯޓަރީއެއް ގާއިމުކުރައްވާނެ ކަަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަސީމު މިހެން ވިދާޅުވީ، ހެލްތު މިނިސްޓްރީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށް، މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން ބޭހުގެ ކޮލިޓީއާ ގުޅޭ ގޮތުން ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މައްސަލައަކީ ބޭސް ޓެސްޓު ކުރެވޭނެ ލެބޯޓަރީއެއް ރާއްޖޭގައި ނެތުން ކަމަށެވެ. އެގޮތުން ކޮންމެ ފަހަރަކު ރާއްޖޭން ބޭރަށް ފޮނުވައިގެން ބޭސް ޓެސްޓު ކުރުމަކީ ކުރެވޭވަރު ކަމެއް ނޫން ކަމަށާއި އެހެންކަމުން ރާއްޖެއަށް އެތެރެކުރާ ބޭސް ޓެސްޓުކުރުމަށް ހާއްސަ ލެބޯޓްރީއެއް ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.
އެކަމަށްޓަކައި ހުޅުމާލެއިން ބިން ހަމަޖެހިފައިވާ ކަމަށާއި ލެބޯޓަރީ ބިލްޑިން ހެދުމަށް ބޭނުންކުރާ ފައިސާ ބޭރުގެ އެހީއާއެކު ހަމަޖެހިފައިވާ ކަމަށާއި އެތަނަށް ބޭނުންވާ ތަކެއްޗާއި މީހުން ތަމްރީނުކުރަން ބޭނުންވާ ފައިސާވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިހާރު އެކަންތައް ފަހިވެގެން އެ ދިޔައީ، ބިލްޑިން ހަދަން ލާރި ލިބިއްޖެ، އިކުއިޕްމެންޓަށް ލާރި ލިބިއްޖެ، މީހުން ތަމްރީނު ކުރުމަށް ލާރި ލިބިއްޖެ، މިއީ ވަރަށް އުފާވެރިކަމާއެކު ފާހަގަކުރާ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ނަސީމު އިތުރަށް ވިދާޅުވީ، މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، އެންމެ ބޮޑު އަަހައްމިއްޔަތު ކަމެއް ދީގެން ކުރިއަށް ގެންދަވަނީ ލެބޯޓްރީގެ ކަންތައް ކަމަށެވެ. އެފަދަ ޓެސްޓުތައް ކުރުމުގެ ކުޅަދާނަކަން އަޅުގަނޑުމެންގެ ތެރޭގައި ހުންނަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.