ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޝައިހް އާދަމް ނިޝާން ހައްޔަރު ކުރަންދިޔަ ވަގުތު އޭނާގެ ދަރިފުޅު ކައިރީގައި ހުރުމުން ގޮވައިގެން ގެއަށް ދާން ފުލުހުން ފުރުސަތު ދިން ކަމަށާއި އެ ކުއްޖާއަށް ސައިކޯ ސޯޝަލް ސަޕޯޓު ދިނުމަށްވެސް ފުލުހުން ހުށަހަޅާފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
ޝައިހް ނިޝާން ހައްޔަރުކުރި ވަގުތު ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ދެބަފައިން މަގުމަތިން ހުއްޓުވައިގެން ތިބޭއިރު، އެސްއޯ ފުލުހުންގެ ފައުޖެއް އެ މީހުން ވަށައިގެން ތިބެއެވެ. އަދި ކޯޓު އަމުރު އިއްވަމުން ދިޔަ ވަގުތު ޝައިހް ނިޝާން ދަރިފުޅު ގައިގައި ބައްދާލާތަންވެސް ފެނެއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރިޔާޒް ވިދާޅުވީ، ނިޝާނާއި އޭނާގެ ދަރިފުޅު ކައިރިޔަށް ދިޔައީ ކުލަ ހެދުމުގައި ތިބި ދެ ފުލުހެއް ކަމަށާއި ދަރިފުޅު ގޮވައިގެން ގެއަށްލާންދާން ފުރުސަތު ދިން ކަމަށެވެ.
"ދެ ފުލުހުން ގޮސް އޭނާއާ ބައްދަލުކޮށްފައި އޭނާ ކައިރީ ހައްޔަރު ކުރަންށޭ އައީ ބުނެފައި ދަރިފުޅު ގޮވައިގެން ގެއަށް ގޮސް ލާން ފުރުސަތު ދިނިން. ގެއަށް ލާފައި އައުމުން ދެން ބެލުމުގެ ދަށަށް ގެންދިޔައީ،" ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ، ނިޝާން ހައްޔަރުކުރުމަށް ފަހު، އޭނާއާ ބައްދަލުކޮށް ދަރިފުޅަށް އެކަމުން އެއްވެސް އުދަނގުލެއްވިތޯ ސާފުކުރި ކަމަށެވެ. އަދި ދަރިފުޅަށް ސައިކޯ ސޯޝަލް ސަޕޯޓު ދިނުމަށްވެސް ފުލުހުންގެ ފަރާތުން ފުރުސަތުދިން ކަމަށާއި ދަރިފުޅަށް ފޯނު ކުރަންވެސް ފުރުސަތު ދިން ކަމަށް ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން އަންގާރަ ދުވަހުގެ ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދިނެވެ.
ދަނޑަށް އަރައިގަން މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ. އެ ހަމަނުޖެހުން ރޫޅާލީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ. އެ މައްސަލައިގައި ޝައިހް ނިޝާން ހިމެނޭހެން 21 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު