ޚަބަރު

ބޭސް އެތެރެކުރަން އެފްޑީއޭއިން ފައިސާނަގާ މީހުންގެ މައުލޫމާތު ދީފިނަމަ ފިޔަވަޅު އަޅާނަން: ނަސީމް

އިބްރާހިމް ޒަކީ

ރާއްޖެއަށް ބޭސް އެތެރެ ކުރަން މޯލްޑިވްސް ފޫޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ގެ ބައެއް މީހުންނަށް ފައިސާ ދޭން ޖެހޭ ކަމަށް ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އެގޮތަށް ފައިސާ ނަގާ މީހެއްގެ މައުލޫމާތު ހެއްކާއެކު ހުށަހަޅައިފިނަމަ، ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ހެލްތު މިނިސްޓްރީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށް އެ ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރާ ސުވާލު ކުރައްވަމުން މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނު ވިދާޅުވީ، ރާއްޖެއަށް ބޭހުގެ ބާވަތްތައް އެތެރެ ކުރާ ބައެއް ފަރާތްތަކުން، އެފަރާތުން އެތެރެކުރާ ބޭސްތައް ކުލިއާ ކުރަން ޖެހެނީ އެފްޑީއޭގެ މުވައްޒަފަކަށް ފައިސާދީގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުންދާ ކަމަށެވެ.

"މިދިޔަ ހުކުރު ދުވަހު ގުޅި ޔޫއެސްއޭގައި އުޅޭ ދިވެއްސެއް ގުޅުއްވައިފަ ވިދާޅުވީ، ތިމަންނަމެން ރާއްޖެއަށް އެބަ ފޮނުވަމޭ ނެސްލޭ ބްރޭންޑްގެ ކުޑަކުދިންނަށް ކާންދޭން ކޮންމެސް ކާ އެއްޗެއް. އެ އެތި މި ގެންނަނީ އައްޑޫ ވިޔަފާރި ވެރިއެކޭ، އޭނާ ޝަކުވާ އެބަކުރެއޭ އެ އެތި ކްލިއާ ކޮށްގެން ގެންދަންޖެހޭ ކޮންމެ ފަހަރަކު އެފްޑިއޭގެ ކޮންމެސް މީހަކަށް ލާރި ދޭންޖެހޭ ކަމަށް އެއްގޮތަކަށް ހުއްދައެއްވެސް ނުލިބުނޭ، މިކަން ކުރެވޭނެ މަގެއްވެސް ނުފެނެއޭ،" ހާރޫނު ވިދާޅުވިއެވެ.

އެހެންކަމުން އެފްޑީއޭގެ ތެރެއިން ހިދުމަތް ދިނުމަށް ދަތިވެ، ހާއްސްކޮށް ބޭސް އެތެރެ ކުރާ ފަރާތްތަކަށް ހާއްސަ ހުއްދައެއް ދީގެން އެކަން ލިމިޓް ކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ކުރާ ޝަކުވާތަކާ ގުޅިގެން، މިހާރަށްވުރެ ރަނގަޅަށް އަދި ފަސޭހައިން ބޭސް ލިބޭނެ ގޮތްތަކެއް ހޯއްދެވުމަށް ކުރެއްވީ ކޮން ކަންތައްތަކެއްތޯ ހާރޫނު ސުވާލު ކުރެއްވިއެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކޮންމެސް ދުވަސްވަރެއްގައި އެކަހަލަ ކަންތައް ދިމާވެފައި ހުރި ނަމަވެސް މިހާރު އެކަހަލަ ކަންތައް ހިނގާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ބޭސް އެތެރެ ކުރާ ފަރާތްތަކަށް ބޭސްލިބުން ލަސްކުރަންޖެހޭ އެއްވެސް ބޭނުމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް ބޭސް އެތެރެ ކުރުމަށް މީހުންނަށް ފައިސާ ދޭންޖެހޭ ކަމުގެ ޝަކުވާތަކާ ގުޅިގެން އެކަންތައް ދިރާސާކޮށް ބެއްލެވި ކަމަށާއި އެކަން ފެނިފައި ނުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބެލި ބެލުން އެނގުނީ، ބޭސް އެތެރެ ކުރުމަށް ކަންތައް ކުރަން ޖެހޭގޮތުގެ މައުލޫމާތު ރަނގަޅަށް އޮޅުންފިލާފައި ނެތުން ކަމަށާއި އެ މައުލޫމާތުތައް ރަނގަޅަށް އެފްޑީއޭއަށް އަންގަވާނެ ކަމަށްވެސް މިިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެފްޑީއޭގެ މީހަކު ފައިސާ ބަހާ ކަމަށްވާނަމަ އެއީ ކާކުކަން ބުނުމުން ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ނަމަވެސް ހަގީގަތެއް ނެތި އެގޮތަށް މީހުންގެ ބޮލުގައި ވަގު ބަދުނާމު އަޅުވަން ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އިސްމާއީލް ވިދާޅުވީ، ބޭރުގެ އެކި ފަރާތްތަކުން ރާއްޖެ ގެނަން ސިއްހީ ހިދުމަތްތެރިންނަށް ހުއްދަ ދިނުމާއި ކާބޯތަކެތި އެތެރެ ކުރުމަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެ ހިދުމަތްތަކަށް ލަސްތަކެއް ދިމާވާ ކަމަށެވެ.

"ލައިސަންސިންގައި އިނދޭ ވަރަށް ބޮޑު ޕްރޮޓޮކޯލް އެއް، ޕްރޮސެސްއެއް. މެޑިކަލް ކައުންސިލް ނޫނީ ނާސިން ކައުސިލް ނުވަތަ އެލައިޑް ހެލްތު ކައުންސިލުން ގެންނަ މީހުންނަކީ ރަޖިސްޓާޑް، އެކަމަށް ގާބިލް މީހުން ކަން ބެލުމުގެ ޒިންމާ ކައުންސްލްތަކަށްދީފަ އޮންނަނީ. އެގައުމެއްގެ ކައުންސިލަށް ލިޔެގެންވެސް ބައެއް ލިއުންތައް ހޯދަންޖެހޭ. ކާބޯތަކެތިވެސް ބަލަންޖެހޭ މިންގަނޑުތަކެއް ހުންނާނެ. އެހެން ކަމުން އެކަންތައްތަކުގައި ޑިލޭތަކެއް ހުރޭ،" ތަސްލީމާ ވިދާޅުވިއެވެ.