ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުންދާ އެއްޖިންސުން ގުޅުން ހިންގާ ބަރަހަނާ ވީޑިއޯތައް ލީކުކޮށް ބްލެކްމެއިލްކުރާ މައްސަލައިގެ ތުހުމަތަށް ބަޔަކު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިފަހަކަށް އައިސް ބައެއް ސިޔާސީ މީންނާއި އާއްމުންގެ ބަރަހަނާ ވީޑިއޯތައް ދަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ. އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ވީޑިއޯތަކުގެ މައްސަލަ މާޗު މަހުން ފެށިގެން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"މި މައްސަލައިގައި، މި ވީޑިއޯތަކާ ގުޅިގެން މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކެއް ދެނެގަނެވިފައިވަނީ. އެފަރާތްތަކުގެ މައްޗަށް ހިންގަން ޖެހޭ ތަހުގީގު ހިންގަމުން އެބަދޭ" ރިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއް ޖިންސުން ގުޅުން ހިންގުން ފަދަ މައްސަލަތަކަކީ ގާނޫނުގައި ބޮޑެތި އަދަބު ކަނޑައެޅިފައިވާ ޖިނާއީ ބޮޑެތި ކުށްތަކަކަށްވާއިރު، މިފަދަ މައްސަލަތަކުގައި ހިމެނޭ ހުރިހާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށާާއި ވަކި މީހަކަށްވީތީ އަދި ވަކި މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވީތީ ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

ލީކުވެގެން އުޅޭ ވީޑިއޯތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހެއް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއަކާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ ފޮޓޯއެއްގެ އިތުރުން ބައެއް އެހެން ފަރާތްތަކުގެ ފޮޓޯއާ ވީޑިއޯ ހިމެނެއެވެ.