ޚަބަރު

ފިހާރަތަކުން ދޭ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން މަޖުބޫރުކޮށް ހުށަހެޅި ބިލު ބަލައިގެންފި

އިބްރާހިމް ޒަކީ

ވިޔަފާރިކުރުމުން ފިހާރަތަކުން ދޭ ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގުމަށް މަޖުބޫރުކުރަން ހިމަނައިގެން ހުށަހެޅި ކުނި މެނޭޖުކުރުމުގެ ބިލު މަޖިލީހަށް ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ހުށަހެޅި އެ ބިލުގައިވާ ގޮތުން އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 30 ދުވަސް ހަމަވާ ދުވަހުން ފެށިގެން ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގައި، ކަސްޓަމަރަށް ދޫކުރާ އިންވޮއިސްގައި ފީގެ އަދަދު އެނގޭނެހެން ހިމަނަންވާނެއެވެ. ނަމަވެސް އެކަން އިސްތިސްނާ ވާނެ ހާލަތްތަކެއްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އޭގެ ތެރޭގައި ބަންދު ނުކޮށް ހުންނަ ކާޑުގެ ބާވަތްތައް އަޅާފައި ހުންނަ ކޮތަޅާއި ބަންދު ނުކޮށް ހުންނަ ތާޒާ މަސް އަޅާ ކޮތަޅާއި ޑިއުޓީ ފްރީން ވިއްކާ ކޮތަޅާއި 50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އާއި ކުނީގެ ހިދުމަތް ދޭ ތަންތަނުން ވިއްކާ ކަޅު ކޮތަޅު ހިމެނެއެވެ.

މި ބިލުގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ މީރާއަށް ދެއްކުމަށް ވަނީ ލާޒިމުކޮށްފައެވެ. ލެވީ ނެގުމުގައި އަމަލުކުރަންޖެހޭ ގަވާއިދު، މި ގާނޫނު ތަންފީޒުކުރަން ފަށާތައި ހަ މަސް ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ބިލުގައި ކަނޑައަޅާ ކަންތައްތަކާ ހިލާފުވާ ފަރާތްތައް 5،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައިވެއެވެ.

ކުނި މެނޭޖުކުރަން ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ހިންގާނެ ގޮތް ބަޔާންކޮށް، އޮޕަރޭޝަނަލް ޕްލޭނެއް އެކުލަވާލައި ކޮންމެ ފަސް އަހަރަކުން މުރާޖައާކުރަން ޖެހޭނެ ކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ. މި ބިލު މަޖިލިހަށް ބަަލައިގަނެ އިތުރަށް ދިރާސާކުރަން ވަނީ ކޮމިޓީއަކަށް ފޮނުވައިފައެވެ.