ބީއެމްއެލް އިން ކުރިއަށް ގެންދާ ގްރެޖުއޭޓް އިންޓާންޝިޕްގެ މި އަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް ހިންގާ ޕްރޮގްރާމެކެވެ.
ބީއެމްއެލް ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަކީ އަލަށް ގްރެޖުއޭޓްވާ ދަރިވަރުންނަށް އަގުހުރި މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ. މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން ބީއެމްއެލުން ނުވަތަ މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ލިބިގެންދާނެއެވެ.
ވަޒީފާގެ މަސައްކަތުގެ ތަމްރީނުތައް ލިބޭ ގޮތަށް އިންޓާނުންނަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށާއި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ އިންޓާނުންނަށް އެމީހުންގެ ކެރިއަރަށް ވަރަށް ފައިދާހުރި ފެންވަރެއްގެ ގާބިލުކަމެއް ހާސިލުކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލުން އިންޓާންޝިޕް ޕްރޮގްރާމް ތައާރަފު ކުރީ 2018 ވަނަ އަހަރެވެ. މީގެ ކުރިންވެސް ތިން ފަހަރަކު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާ އިރު، މިއަހަރުވެސް މި ޕްރޮގްރާމު ކުރިއަށް ގެންދަން ނިންމާފައިވަނީ 12 މަސް ދުވަހަށެވެ.