ޚަބަރު

މާލޭ ރަށްވެހިން މާނަކުރުމުގައި ސަރުކާރުން ހިމަނާފައިވާ މާއްދާ ބާތިލުކުރަން ކޯޓަށް ދަނީ

މާލެއިން ގޯތި ދޫކުރުމުގައި މާލޭ ރަށްވެހިން ކަނޑައެޅުމުގައި އަމަލުކުރާނު އުސޫލު ބާތިލުކުރަން ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ސަރުކާރުން އިއުލާނުކޮށްފައިވާ ބިންވެރިޔާ ސްކީމުގެ ދަށުން 3,000 ގޯއްޗަށް ކުރިމަތިލުމަށް އިއްޔެ ހުޅުވާލައި, ހައުސިން މިނިސްޓްރީން ވަނީ އެ ސްކީމުގެ ދަށުން ގޯތި ދޫކުރުމުގެ އުސޫލެއް އާންމުކޮށްފައެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުން މާލޭގެ ރައްޔިތެއް ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީ ޖެހިފައިނުވާ ފަރާތްތަކަށެވެ.

އެ އުސޫލު ބާތިލުކުރަން ހައިކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާކަން އިއުލާނުކޮށް ގާނޫނީ ވަކީލު އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު ޝިހާދު އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, މާލޭ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ މީހަކީ މާލޭ ރައްވެއްސެއް ކަމަށެވެ.

އެހެންކަމުން ވަކިކަމެއްގައި މާލޭ ރައްޔިތުކަން ވަކިގޮތަކަށް މާނަކޮށް ހައްގުތައް ހަނި ނުކުރެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހޯދުމަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މާލޭގެ ރައްޔިތެއް ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުމާއެކު ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް މިހާތަނަށް ލިބިފައި ނުވުމެވެ.

އަދި މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި)ގައި ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ރަޖިސްޓްރީވެފައި ނެތުމާއި އެވަރުގެ ބިމެއް ރަޖިސްޓްރީވެފައިވާ ނަމަ އެ އެތަނއް، އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ޝަރުތުތަކުގެ ތެރޭގައި ދެން ހިމެނެނީ މާލެ ސަރަހައްދުން ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެން އޮންނަ ބޯހިޔާވަހިކަން މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުމާއި މާލެ ސަރަހައްދުގައި އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައިވާ ނުވަތަ ދޫކޮށްލާފައިވާ ނުވަތަ ވިއްކާލާފައިވާ މީހަކަށް ނުވުމެވެ.