އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް ލީކުވެ ބައެއްގެ މައްޗަށް އެކަމުގެ ތުހުމަތުތައް ކޮށްފައިވާއިރު، އެ ފަދަ އަަމަލުތައް ހިންގާ ފަރާތްތަކަށް އަދަބުދީ އެކަން ވަގުތުން ހުއްޓުވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުދެއްވުމުން، ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު އަސްލަމާ ސުވާލު ކުރަން ދިން ފުރުސަތުގައި މިނިސްޓަރާ ސުވާލު ނުކުރެއްވުމަށް އިދިކޮޅު ޕީޕީއެމްގެ މެންބަރު ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމާއި، ޕީއެންސީގެ މެންބަރު މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދު ނިންމަވައި، އިހުތިޖާޖު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަމުން މަޖިލިސް ރައީސް ވިދާޅުވީ، ދެ ކުއްލި މައްސަލަ ލިބިވަޑައިގެންފައިވާ ކަމަށާއި، އެ ދެ މައްސަލަ ބަލައިގަތުމާ ގުޅޭގޮތުން ވަރަށް ފުންކޮށް ވިސްނާވަޑައިގެންފައިވާ ކަމަށެވެ.
އެ ދެ މައްސަލަ ގުޅިފައި ވަނީ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާކަމަށާއި، އެ ފޮޓޯތަކަކީ އެކި އެކި މީހުންގެ މައްޗަށް ތުހުމަތުކޮށް ފުލުސް އޮފީހަށް ހުށަހަޅާފައިވާ ފޮޓޯތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
އެ ފޮޓޯތަކުގެ ސައްހަކަން ފުލުސް އޮފީހަށް ކަށަވަރު ނުވެ އެއީ އަސްލު ކަމަށް ބަލައި، އެކަމާ ގުޅޭގޮތުން މަޖިލީހުގައި ބަހުސް ކުރުމުގެ ޖާގަ އޮތް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ ދެ ކުއްލި މައްސަލައިގެ ތެރެއިން އެއް މައްސަލައަކީ، ލިވާތު ކުރުމާއި، ގިނަ ބަޔަކު ބައިވެރިވެގެން ޖިންސީ ގުޅުން ހިންގުންފަދަ ބިރުވެރި ފާހިޝް އަމަލު މުޖުތަމައުގައި ހިނގަމުންދާތީ އެކަންކަން ހުއްޓުވައި މިފަދަ އަމަކުތައް ހިންގާ ފަރާތްތަކަށް އިސްލާމީ ޝަރިއަތުގައި ވާގޮތުގެ މަތިން އަދަބުދީ، އެފަދަ މުންކަރާތްތައް ވަގުތުން ހުއްޓުވުމަށް ސަރުކާރަށް ގޮވާލައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުވުމަށް އެދިވަޑައިގެންފައިވާ މައްސަލަ އެކެވެ.
ކުއްލި މައްސަލައަށް ފުރުސަތު ނުދެއްވައި މަޖިލިސް ރައީސް ދެން ވަޑައިގެންނެވީ، ޖަލްސާގެ އެޖެންޑާގައި ދެން ޖެހިގެން އޮތް ނަމްބަރަށެވެ.
އެއީ ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތެވެ. މިއަދުގެ ޖަލްސާގައި، މިނިސްޓަރު އޮފް ނެޝަނަލް ްޕލޭނިންގ، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމާ ފުރަތަމަ ސުވާލު ކުރައްވަން އޮތީ ވެސް މެމްބަރު ޝިޔާމެވެ.
އެހެންކަމުން މަޖިލިސް ރައީސް މިނިސްޓަރާ ސުވާލު ކުރެއްވުމަށް މެންބަރު ޝިޔާމަށް ފުރުސަތު ދެއްވިއެވެ. ކުއްލި މައްސަލައަށް ފުރުސަތު ނުދެއްވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ގަދަ އަޑުން ޝިޔާމް ވިދާޅުވީ، އެ ދެ ކުއްލި މައްސަލަ ބަލައިނުގަތުމަށް މަޖިލިސް ރައީސް ވާހަކަފުޅު ދެއްކެވުމުން ހިތާމަ ކުރައްވާ ކަމަށެވެ. މަޖިލިސް ރައީސް އެގޮތަށް ނިންމެވުމަކީ، ތަހުގީގީ އިދާރާތަކުން ތަހުގީގު ކޮށް އެއީ ކަންބޮޑުވުމެއްކަމަށް ނުބުނާހާ ހިނދަކު ރައްޔިތުންގެ ހުރި ކަނބޮޑުވުންތައް މަޖިލީހުގައި ނުބެލޭނެކަމަށް ނިންމެވި ނިންމެވުމެއް ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާމެދު ވާހަކަ ދައްކަން އޮތް ތަން ކަމަށާއި މަޖިލީިހުގައި މެންބަރުން ތިއްބަވަނީ އެކަމަށްޓަކައި ކަމަށްވާތީ އެ ފުރުސަތު ދޭން ޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުއްލި މައްސަލައިގައި ހުށަހެޅުއްވި ކަންތަކަށްވުރެން ބޮޑުކަމެއް މިވަގުތު ގައުމުގައި ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ޝިޔާމު އެގޮތަށް ވާހަކަދައްކަން ފެއްޓެވުމުން، މަޖިލިސް ރައީސް ވިދާޅުވީ ޝިޔާމަށް ފުރުސަތު ދެއްވީ ވަޒީރާ ސުވާލު ކުރެއްވުމަށް ކަމަށެވެ.
ޝިޔާމު ވިދާޅުވީ، މަޖިލީހުގެ ކަންތައް ކުރިއަށްދާ ގޮތުން ވަޒީރާ ސުވާލު ކުރަން ބޭނުން ނޫން ކަމަށެވެ. އެހެން ވިދާޅުވެ އިހުތިޖާޖު ކުރައްވަމުން ޝިޔާމު ވަޑައިގެންނެވީ ރިޔާސަތުގެ ކުރިމައްޗަށެވެ.
މިއަދުގެ ޖަލްސާގައި މެންބަރު ޝިޔާމު މިނިސްޓަރާ ސުވާލު ކުރައްވަން ހަމަޖެހިފައި އޮތީ، ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމާ ބެހެގޮތުންނެެވެ. ދެވަނައަށް، ލ.ހިތަދޫ އާއި ކުނަހަންދޫއާ ގުޅޭ ކޯޒްވޭ މަޝްރުއާ ގުޅޭގޮތުން މިނިސްޓަރާ ސުވާލު ކުރައްވަން ހަމަޖެހިފައި އޮތީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.
އެހެންކަމުން މަޖިލިސް ރައީސް މިނިސްޓަރާ ސުވާލު ކުރެއްވުމަށް ދެން ފުރުސަތު ދެއްވީ މެންބަރު ސައީދަށެވެ.
ސައީދު ވިދާޅުވީ މަޖިލިސް ރައީސް ޖަލްސާ ކުރިއަށް ގެންދަވަނީ އިންސާފުވެރިކޮށް ކަމަށް ގަބޫލު ނުކުރައްވާތީ މިނިސްޓަރާ ސުވާލު ކުރައްވަން ބޭނުން ނުވާ ކަމަށެވެ.
އެހިސާބުން މިނިސްޓަރު އަސްލަމް ވަޑައިގެންނެވުމަށް މަޖިލިސް ރައީސް އެދިވަޑައިގެންނެވިއެވެ.
އޭގެ ފަހުން މެންބަރު ޝިޔާމާއި ސައީދުގެ އިތުރުން އިދިކޮޅު އެހެން މެންބަރުން ކަމަށްވާ، ފެލިދޫ ދާއިރާގެ އިބްރާހިމް ފަޒުލް ރަޝީދާއި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި، ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު މަޖިލީހުގެ ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން އިހުތިޖާޖު ކުރައްވަން ފެއްޓެވިއެވެ.
އިރުކޮޅެއް ފަހުން މަޖިލިސް ރައީސް ވިދާޅުވީ، ކުޑަ ވަގުތުކޮޅަކަށް ޖަލްސާ މެދު ކަނޑުއްވައިލައްވާ ކަމަށާއި، ނަމަވެސް މެންބަރުން ޖަލްސާކުރާ މާލަމުގައި ތިއްބެވުމަށެވެ. ޖަލްސާ މެދުކަނޑުއްވައިލެއްވުމުން އިހުތިޖާޖުގައި ތިއްބެވި މެންބަރުން ގޮނޑިތަކަށް ވަޑަިއގެންނެވިއެވެ. ދެން ކުޑަ ވަގުތުޅެއް ފަހުން މަޖިލިސް ރައީސް ޖަލްސާ ފެއްޓެވުމަށްފަހު އިދިކޮޅު ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައި ޖަލްސާ ކުރިއަށް ގެންދަވަން ފެއްޓެވިއެވެ.