ކަނޑުގެ އަޑިއަށް ފެތިފައިވަނިކޮށް މިހާތަނަށް އެންމެ ފުނުން ފެނުނު ބޯޓުކަމުގައި އެމެެރިކާގެ މަނަވަރު ޔޫއެސްއެސް ސެމީ ބީ ހިމެނިއްޖެއެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަޕާނުން 1944 ވަނަ އަހަރު ފައްތައިލި މި މަނަވަރު ފެނުނީ ފިލިޕީންސާ ދިމާލުން ޕެސިފިކް ކަނޑުގެ 6895 މީޓަރު އަޑިންނެވެ. މި މަނަވަރު ފެނުނީ އޭތި ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ޓީމަކަށް މިމަހު އެކާވީސް ވަނަ ދުވަހުއެވެ. މީގެ 78 އަހަރު ކުރިން މި މަނަވަރު ފެތުނީ އޭގައިތިބި 224 ފަޅުވެރިންގެ ތެރެއިން 89 މީހުންނާއެކުގައެވެ.
ޔޫއެސްއެސް ސެމީ ބީ ފެނުމުގެ ކުރިން ކަނޑުގެ އެންމެ ފުނުން ފެނިފައިވާ އުޅަނދަކީ އެމެރިކާގެ އެހެން މަނަވަރެއް ކަމުގައިވާ ޔޫއެސްއެސް ޖޯންސްޓަނެވެ. ހުސްވި އަހަރު އެ މަނަވަރު ފެނުނީ ޕެސިފިކް ކަނޑުގެ 6469 މީޓަރު ފުނުންނެވެ. މިއީވެސް ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި 1944 ވަނަ އަހަރު ޖަޕާނުން ފައްތާލާފައިވާ މަނަވަރެކެވެ.
ޔޫއެސްއެސް ސެމީ ބީ ފެނުނު ފުންމިނަކީ އިންސާނުންނަށް ފީނައިއުޅެވޭ ވަރަށްވުރެ މާފުނެވެ. އެހެންކަމުން މިހިސާބު ހޯދުމަށް ބޭނުންކުރީ އެކަމަށް ޚާއްސަ ސައިންޓިފިކް ސާމާނެވެ. ދިވެހިރާއްޖޭގެ އަތޮޅުތަކުގެ އެތެރެވަރީގެ އެންމެ ފުންމިނަކީ 80 މީޓަރު ކަމަށް ރިކޯޑް ކުރެވިފައިވާއިރު ދިވެހިރާއްޖެއާ ގާތުން މާކަނޑުގެ އެންމެ ފުންމިނަކީވެސް 4000 މީޓަރުކަމަށް ރިކޯޑް ކުރެވިފައިވެއެވެ. ޕެސިފިކް ކަނޑުގެ އަޑިން ޔޫއެސްއެސް ސެމީ ބީ ފެނިފައިމިވަނީ އެއަށްވުރެވެސް 3000 މީޓަރު ފުނުންނެވެ.