ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑްކަޕް 2022: ޔޫރަޕް ތަމްސީލުކުރާ ޓީމުތަކުގެ ތެރެއިން މެދުފަންތީގެ ޓީމުތައް

އިމާދު ލަތީފު

ވޯލްޑްކަޕުގައި މިފަހަރު ކުޅޭ 32 ޓީމުގެ ތެރެއިން 13 ޓީމަކީ ޔުއޭފާއަށް ނިސްބަތްވާ ޓީމުތަކެވެ. ވޯލްޑްކަޕުގެ 8 ގްރޫޕްގެ ތެރެއިން ހަމަ ކޮންމެ ގްރޫޕެއްގައިވެސް ޔޫރަޕުގެ މަދުވެގެން އެއްޓީމު ހިމެނެއެވެ. ފަސް ގްރޫޕެއްގައި ޔޫރަޕުގެ ދެ ޓީމުވެސް ހިމެނެއެވެ. އެހެންވީމާ އަދަދުތަކުން ޑޮމިނޭޓްކުރަނީ ޔޫރަޕެވެ. ޔޫރަޕުގެ 13 ޓީމު ބަހައިލަން ޖެހެނީ ދެ ބަޔަކަށެވެ. ތަޖުރިބާޔާއި ރޭންކުގެ ގޮތުން އެއްވަނަ ބަޔާއި އަދަދު ހަމަކުރުމުގެ ގޮތުން ދެވަނަ ބަޔެވެ. ފުރަތަމަ ބައިގައި ހަތް ޓީމެވެ. ދެވަނަ ބައިގައި ހަ ޓީމެވެ. ތިރީގައި މި ބަލައިލަނީ ފަހުން ބުނެވުނު ބަޔަށެވެ. އެކަމަކު ޔޫރަޕަކީ ޔޫރަޕެވެ. މި ބައިންވެސް ޑެންމާރކާއި ކްރޮއޭޝިއާއަކީ އެއްވަނަ ބަޔަށް ވާދަކުރާ ޓީމުތަކެވެ. ދެވަނަ ބަޔަށް މި ބަލައިލަނީ ފުރަތަމަ ބައި ނިމުނު ހިސާބުންނެވެ.

8- ޑެންމާކް (ދަ ރެޑް އެންޑް ވައިޓްސް)

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ޑެންމާރކް ބޮޑަށް މަޝްހޫރުވެފައި އޮންނަނީ ދަ ރެޑް އެންޑް ވައިޓްސްގެ ނަމުންނެވެ. މިއީ ޖާޒީގެ ކުލަޔަށް ނިސްބަތްކޮށްފައި ކިޔާ ނަމެކެވެ. ޑެނިޝް ޑައިނަމައިޓޭވެސް ކިޔައެވެ. ފީފާ ރޭންކިންގައި ޖޫންމަހު ޑެންމާރކު އޮތީ އެގާރަވަނައިގައެވެ. މިފަހަރަކީ ވޯލްޑްކަޕުގައި ޑެންމާރކް ކުޅޭ ހަވަނަ ފަހަރެވެ. ޑެންމާރކް އެންމެ ފުރަތަމަވެސް ވޯލްޑްކަޕުގައި ކުޅުނީ 1986 ގައެވެ. އޭގެފަހުން މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ 1998 ވަނަ އަހަރު ފްރާންސްގައި ކުޅުނު ވޯލްޑްކަޕުގެ ކުއާޓަރ ފައިނަލްގެ ޖާގައެކެވެ. އެންމެފަހުން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވުނު ވޯލްޑްކަޕުގައި ޑެންމާރކަށް ދެވުނީ ދެވަނަ ބުރާ ހަމަޔަށެވެ. މިއަހަރުގެ ވޯލްޑްކަޕަށް ޑެންމާރކް ކޮލިފައިވީ ޔުއޭފާ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ދާދިފަސޭހަކަމާއެކުގައެވެ.

9- ކްރޮއޭޝިއާ (ދަ ބްލޭޒަރސް)

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކްރޮއޭޝިޔާ މަޝްހޫރުވެފައި އޮންނަނީ ދަ ބްލޭޒަރސްގެ ނަމުންނެވެ. މިއީ ގޮޅިޖެހި ޖާރޒީ ލައިއުޅޭތީ ޖެކެޓަކާ ވައްތަރުކަމުން ކިޔާ ނަމެކެވެ. ފީފާ ރޭންކިންގައި މިއަހަރުގެ ޖޫންމަހު ކްރޮއޭޝިޔާގެ ވަނަޔަކީ ސޯޅަވަނައެވެ. މިފަހަރަކީ ވޯލްޑްކަޕްގައި ކްރޮއޭޝިޔާ ކުޅޭ ހަވަނަ ފަހަރެވެ. އެންމެ ކާމިޔާބު ފަހަރަކީ އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕެވެ. އެފަހަރު ފައިނަލްގައި ކުޅެގެން ފްރާންސް އަތުން ބަލިވީއެވެ. ކްރޮއޭޝިއާގެ ފުރަތަމަ ވޯލްޑްކަޕަކީ 1998 ވަނަ އަހަރުގެ ވޯލްޑްކަޕެވެ. އެފަހަރު މުބާރާތުގެ ތިންވަނަ ހޯދިއެވެ. ފުރަތަމަ ފަހަރާއި އެންމެފަހު ފަހަރު ފިޔަވައި އަނެއް ތިންފަހަރު ކެޓީ ފުރަތަމަ ބުރުންނެވެ. ކްރޮއޭޝިއާ މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވީ ޔުއޭފާ ގްރޫޕް އެޗްގެ އެއްވަނަ ހޯދައިގެންނެވެ.

10- ސާރބިޔާ (ދި އީގަލްސް)

ސާރބިޔާ މަޝްހޫރުވެފައި އޮންނަނީ ދި އީގަލްސް ނުވަތަ ބާޒުގެ ނަމުންނެވެ. ފީފާ ރޭންކިންގައި މިވަގުތު ފަންސަވީސްވަނައެވެ. ކޮލިފައިވީ ޔުއޭފާ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މިއީ ވޯލްޑްކަޕްގައި ކުޅޭ ތޭރަވަނަ ފަހަރެވެ. އެހެންނަމަވެސް 2003 ވަނަ އަހަރާ ހަމަޔަށް ކުޅެފައިވަނީ ޔޫގޯސްލާވިޔާގެ ނަމުގައެވެ. އޭގެފަހުން 2006 ވަނަ އަހަރާ ހަމަޔަށް ސާރބިޔާ އެންޑް މޮންޓެނީގްރޯގެ ނަމުގައެވެ. އެއަހަރުގެ ފަހުން ސާރބިޔާގެ ނަމުގައެވެ. ޔޫގޯސްލާވިޔާގައި ހިމެނުނު އެންމެ ބައިބޯ ޖުމްހޫރިއްޔާއަކީ ސާރބިޔާ ކަމަށްވާތީ ޔޫގޯސްލާވިޔާގެ ހުރިހާ ރިކޯޑުތަކެއް ސާރބިޔާއަށް ލިބިފައިވަނީއެވެ. ޔޫގޯސްލާވިޔާގެ އެންމެ ކާމިޔާބު ވޯލްޑްކަޕަކީ 1930 ގެ ވޯލްޑްކަޕާއި 1962 ގެ ވޯލްޑްކަޕެވެ. އެ ދެއަހަރު މުބާރާތުގެ ހަތަރުވަނަ ހޯދާފައިވެއެވެ.

11- ސުވިޒަރލެންޑް (ދަ ރެޑް ކްރޮސެސް)

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ސުވިޒަރލެންޑް މަޝްހޫރުވެފައި އޮންނަނީ ރެޑް ކްރޮސެސްގެ ނަމުންނެވެ. މިއީ ސުވިޒަލެންޑުގެ ދިދައިގައި ސަލީބެއް ހުންނާތީޔާއި ޖާރޒީގެ ކުލަޔަށް ނިސްބަތްކޮށްފައި ކިޔާ ނަމެކެވެ. ފީފާ ރޭންކިންގައި މިއަހަރުގެ ޖޫންމަހު ސުވިޒަލެންޑްގެ ވަނަޔަކީ ސާދަވަނައެވެ. މިފަހަރު ކޮލިފައިވީ ޔުއޭފާ ގްރޫޕް ސީގެ އެއްވަނަ ހޯދައިގެންނެވެ. މަޝްހޫރު އިޓަލީވެސް ހިމެނުނީ މިގްރޫޕުގައެވެ. މިއީ ވޯލްޑްކަޕުގައި ސުވިޒަލެންޑް ކުޅޭ ބާރަވަނަ ފަހަރެވެ. ފާއިތުވި އެގާރަ ފަހަރުގެ ތެރެއިން ތިންފަހަރު ކުއާޓަރ ފައިނަލްގައި ކުޅެފައިވެއެވެ. އެއީ ވޯލްޑްކަޕުގެ އެންމެ ކުރީ ދުވަސްވަރުގައެވެ. އެންމެ ފަހުގެ ހަތަރު ވޯލްޑްކަޕުގައިވެސް ސުވިޒަލެންޑް ކަޓައިގެންދިޔައީ ދެވަނަ ބުރުންނެވެ. މިފަހަރު ސުވިޒަލެންޑް ހިމެނެނީ ބްރެޒިލްއާއެކު ގްރޫޕް ޖީގައެވެ.

12- ޕޮލެންޑް (ދި އީގަލްސް)

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ޕޮލެންޑަށް ދެ ނަމެއް ލިބިފައިވެއެވެ. އެއްނަމަކީ ދި އީގަލްސްއެވެ. އަނެއް ނަމަކީ ދަ ވައިޓް އެންޑް ރެޑްސްްއެވެ. މި ދެނަމަކީވެސް ޕޮލެންޑުގެ ނިޝާނާއި ކުލަޔަށް ނިސްބަތްކޮށްފައި ކިޔާ ނަންނަމެވެ. ފީފާ ރޭންކިންގައި މިވަގުތު ޕޮލެންޑުގެ ވަނަޔަކީ ސައްބީސްވަނައެވެ. ޕޮލެންޑް މިފަހަރު ކޮލިފައިވީ ޔުއޭފާ ޒޯން ޕްލޭއޮފްގައި ސުވިޑަން އަތުން މޮޅުވެގެންނެވެ. ޕްލޭއޮފްގެ ފަހު ޖާގަ ޕޮލެންޑަށް ލިބުނީ ޔުކްރޭނުގެ މައްސަލައިގައި ރަޝިޔާ ސަސްޕެންޑް ކުރުމުންނެވެ. މިއީ ވޯލްޑްކަޕުގައި ޕޮލެންޑް ކުޅޭ ނުވަވަނަ ފަހަރެވެ. ފާއިތުވީ ތަނުގައި ދެފަހަރަކު ސެމީގައި ކުޅެގެން އެ ދެފަހަރުވެސް މުބާރާތުގެ ތިންވަނަ ލިބުނެވެ. އެކަމަކު އެންމެ ފަހުގެ 8 ވޯލްޑްކަޕުގެ ތެރެއިން ފަސް ވޯލްޑްކަޕަށް ކޮލިފައިއެއް ނުވެއެވެ. އަނެއް ތިންފަހަރު ކެޓީ ފުރަތަމަ ބުރުންނެވެ.

13- ވޭލްސް (ދަ ޑްރެގަންސް)

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ވޭލްސް މަޝްހޫރުވެފައި އޮންނަނީ ދަ ޑްރެގަންސްގެ ނަމުންނެވެ. މިއީ ވޭލްސް ދިދައިގައި ހުންނަ ޚިޔާލީ މިނިކާ ދޫންޏަކަށް ނިސްބަތްކޮށްފައި ކިޔާ ނަމެކެވެ. ވޭލްސްްއަކީ ހަގީގަތުގައި މިނިވަން މުސްތަގިއްލު ގައުމެއް ނޫނެވެ. އެއީ އިނގިރޭސިވިލާތުގެ ބައެކެވެ. އެކަމަކު ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެއީ ވަކި ޝަޚުސެކެވެ. ފީފާ ރޭންކިންގައި ވޭލްސްގެ އެންމެފަހުގެ ވަނަޔަކީ އަށާރަވަނައެވެ. ވޭލްސްއަކީ މިފަހަރުގެ ވޯލްޑްކަޕަށް ޔޫރަޕުން ކޮލިފައިވި ތޭރަވަނަ އަދި އެންމެ ފަހު ޓީމެވެ. ވޭލްސް ކޮލިފައިވީ ޕްލޭއޮފްގައި ޔުކްރޭނު އަތުން މޮޅުވެގެންނެވެ. މިފަހަރު މިއީ ވޭލްސްގެ ދެވަނަ ވޯލްޑްކަޕެވެ. އެނބުރި އެއައީ 64 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހުގައެވެ. މިހާތަނަށް ކުޅުނީ 1958 ގެ ވޯލްޑްކަޕުގައި އެކަންޏެވެ. އެފަހަރު ކުއާޓަރ ފައިނަލާ ހަމައަށް ފޯރިއެވެ.