ބައިނަލް އަގްވާމީ ޔޯގާ ދުވަސް ފާހަގަނުކުރަން އިސްލާމިކް މިނިސްޓްރީން އަންގާފައިނުވާ ކަމަށް ޔޫތް މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވުމަށް ނިންމި ޔޯގާ އިވެންޓް ހުއްޓުވައި ދިނުމަށްއެދި އިސްލާމިކް މިނިސްޓްރީން ވަނީ މިމަހުގެ 16 ވަނަ ދުވަހު ފުލުހަށް ސިޓީއެއް ފޮނުވައިފައެވެ.

އިސްލާމިކް މިނިސްޓްރީން އެ ސިޓީގައި ބުނެފައިވަނީ، މެޑިޓޭޝަންގެ ގޮތުގައި ނުވަތަ ކަސްރަތެއްގެ ގޮތުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށެވެ. ނަމަވެސް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މިސްރުގެ ފަތުވާ ދޭ މަޖިލީސް އިން ނެރެފައިވާ ފަތުވާގައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާއި އެއީ ހިންދޫގެ އަޅުކަމާ ގުޅިފައިވާ ކަމެއް ކަމުން އެއީ ކުޅިވަރެއްގެ ގޮތުގައިވެސް ކުޅުން ހުއްދަ ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން 2008 ވަނަ އަހަރު މެލޭޝިޔާގެ ގައުމީ ފަތުވާ މަޖިލީސް އިން ނެރެފައިވާ ފަތުވާއެއްގައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާއި އެއީ ކުޅިވަރެއްގެ ގޮތުގައިވެސް އަދި އަޅުކަމެއްގެ ގޮތުގައިވެސް ކުރުން ހުއްދަ ނުވާނެ މުސްލިމުންގެ އަގީދާއަށް އަސަރުކުރާނެ ކަމެއް ކަމަށް ބުނެފައިވާ ކަމަށެވެ.

"އިސްވެ ދެންނެވުނު ސަބަބުތަކާ ހުރެ މިފަދަ ކަންތައްތަކަކީ އިސްލާމީ ޝަރީއަތާއި ހިލާފު ކަމަކަށްވާތީ އާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާ ކުރެވިފައިވާ ކަންތައްތަކެއް ކަމުގައިވާތީ އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި މިފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް އަންގަމެވެ،" އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އެ ސިޓީއާ ގުޅިގެން މިއަދު ޔޫތު މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއަހަރުވެސް ޔޯގާ ދުވަސް ފާހަގަކޮށްފައި ވަނީ މީގެ ކުރިން ވެސް އެކަންކުރާ ގޮތަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއާ ގުޅިގެން ކަމަށެވެ. 2014 ވަނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީން ޔޯގާ ހަރަކާތުގައި ބައިވެރިވަމުން އަންނަނީ އެ ހަރަކާތަކީ ކުޅިވަރާއި ކަސްރަތުތަކުގެ ތެރޭގައި ހިމަނާފައިވާ ހަރަކާތަކަށް ވާތީ ކަމަށްވެސް ޔޫތް މިނިސްޓްރީން ބުންޏެވެ.

"އިންޓަނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަ ނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން މި މިނިސްޓްރީއަށް އަންގާފައި ނުވާކަމުގައި ދަންނަވަމެވެ،" ޔޫތް މިނިސްޓްރީން ބުންޏެވެ.

ޔޫތް މިނިސްޓްރީން ބުނީ، ކަނޑައެޅިގެން އިސްލާމްދީނާ ހިލާފު އަދި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގަވާއިދާ ހިލާފު ކަމެއް އެ މިނިސްޓްރީން ނުކުރާނެ ކަމަށެވެ. އަދި ބުނީ ބައެއް މައްސަލަތަކަކީ ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުން ހުންނަ މައްސަލަތައް ކަމަށާއި އެހެންކަމުން އެކަންކަމާ ގުޅޭގޮތުން ސާފު ރައުޔެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ބަޔަކު ވަނީ ދަނޑަށް ވަދެ ހަމަނުޖެހުން ހިންގައިފައެވެ. އެ މައްސަލައިގައި މިހާތަނަށް ވަނީ 19 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު އިސްމާއީލާއި ޝެއިހް އާދަމް ނިޝާނާއި އަދި ޝެއިހު ފަޒްލޫން މުހައްމަދު ހިމެނެއެވެ.