އެމެރިކާއިން މިހާރު އެއުޅެނީ ޗައިނާޔާއި ރަޝިޔާއާ ދެކޮޅަށް އެއްފަހަރާ ފިނި ހަނގުރާމައެއް ފަށައިގެންނެވެ. އެމެރިކާގެ ލީޑަރުން އަޑަށް ބާރުލައިފައި އެބަބުނެއެވެ. މިއީ ޑިމޮކްރަސީޔާއި ޚުދުމުޚުތާރުކަމާ ދޭތެރޭ ހިނގާ ކުރިމަތިލުމެކެވެ. މިބުނުމުގެ ދޮގު ވަސް ވަރަށްވެސް ގަދައެވެ. ޑިމޮކްރަސީގެ ކަންފުޅެއްވެސް ނެތް ބައެއް ގައުމުތަކުގެ ވެރިންނަކީ އެމެރިކާގެ އެންމެގާތް މިތުރުންނެވެ. ޚާއްސަކޮށް މެދުއިރުމަތީގައެވެ. ބުނާބަހާއި ކުރާކަންތައް ދިމާނުވުން ނުހަނު ބޮޑެވެ. އެމަންޒަރު އެންމެނަށް އެބަފެނެއެވެ. އެނގެއެވެ. މޭރުންވެއެވެ. އެހެންވީމާ މައްސަލަޔަކީ ޑިމޮކްރަސީޔާއި އިންސާނީ ހައްގުތަކެއް ނޫންކަން ވަރަށްވެސް ސާފެވެ. މައްސަލަޔަކީ ދުނިޔޭގެ ކޮންޓްރޯލެވެ. ދުނިޔޭގެ ވަސީލަތްތަކުގެ ކޮންޓްރޯލެވެ. ކުރުގޮތަކަށް ދަންނަވާނަމަ ދުނިޔޭގެ ވެރިކަމެވެ.
ދުނިޔޭގެ ތާޖު އެމެރިކާގެ ބޮލުން ވެއްޓޭކަށް އެމެރިކާ ބޭނުމެއް ނުވެއެވެ. އެކަންވެސް ވަރަށް ސާފެވެ. އެމެރިކާ ބޭނުންވިޔަސް ނުވިޔަސް ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދީ ބާރުކަމުގައި ޗައިނާ އެހެރަގެންދަނީ ހަމަޖެހެމުންނެވެ. ދާދިއަވަހަށް ޗައިނާގެ ފަހަތަށް އެމެރިކާ ސޮއްސައިލާނެއެވެ. އެމެރިކާގެ އާބާދީޔަށްވުރެ ޗައިނާގެ އާބާދީ ހަތަރުގުނަ ބޮޑުވުމުގެ އިތުރަށް އެމެރިކާގެ އިގްތިސާދީ ދުވެއްޔަށްވުރެ ޗައިނާގެ ދުވެލި ހަތަރުގުނަ ބާރެވެ. މިކަން މިމަގުން ހިނގާތާ އަހަރުތަކެއްވެސް ވެއްޖެއެވެ. އެމެރިކާއާ އަދާވާތްތެރިވެގަތުމަށްޓަކައި ޗައިނާއިން މިހާތަނަށް ކުރި އެއްވެސް ކަމެއްނެތެވެ. އެކަމަކު އެމެރިކާއިން ހަމަފާޅުފައި ޗައިނާއާ އަދާވާތްތެރިވެގެންފިއެވެ. މަގްސަދު ވަރަށްވެސް ސާފެވެ. މަގުސަދަކީ ޗައިނާގެ އިގްތިސާދީ ދުވެލި މަޑުޖައްސައިލުމެވެ. އިނދަޖައްސައިލުމެވެ.
ޗައިނާގެ ކަރަށް ފިތައިލެވެންއޮތީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތައް ވީދައި ކުދިކުދިކޮށްލައިގެން ކަމަށްވަންޏާ އެކަންކުރަންވެސް އެމެރިކާ ތައްޔާރެވެ. ދުނިޔޭގެ މިނިވަން ވިޔަފާރިޔާއި ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން ގުރުބާންކުރަން ޖެހެންޏާ އެކަމަށްވެސް ތައްޔާރެވެ. ހައިރާންވާން ޖެހޭ ކަމަކީ ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން ވުޖޫދުކޮށް މިނިވަން ވިޔަފާރީގެ އަސާސްތައް ފަރުމާކުރީވެސް އެމެރިކާއިން ކަމަށްވުމެވެ. މި އުސޫލުތަކުގެ ތެރެއިން އެހެންބަޔަކު އެމެރިކާ ފަހަތަށް ޖައްސާލައި ކުރިއަރައިގެން ހިނގައިދާނޭކަން އިހަށް ވިސްނިފައިނެތީ ކަމަށް ވެދާނެއެވެ. ކޮންމެއަކަސް ރަޝިޔާއިން ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން ރަޝިޔާއާ އެތިބީ ޖައްސާލައިގެންނެވެ. އެކަމަކު އޭގެ މާކުރިންވެސް ޗައިނާގެ ކަރަށް ފިތައިލެވޭތޯ ގަދަދެއްކުމުގެ ކުޅިވަރު އޮތީ ފެށިފައެވެ.
ރަޝިޔާއަކީ އަސްކަރީ ވަރުގަދަ ބާރަކަށްވިޔަސް އިގްތިސާދީ ސުޕަރ ޕަވަރެއް ނޫނެވެ. ރަޝިޔާގެ އިގްތިސާދަކީ ގާތްގަޑަކަށް ސްޕޭނުގެ އިގްތިސާދާ އެއްވަރުގެ މެދުފަންތީގެ އިގްތިސާދެކެވެ. އެހެންވީމާ އެމެރިކާގެ ދުރު ރާސްތާގެ ޕްލޭނުގައި އޮތީ ރަޝިޔާއަށް ބޮޑަށް ފޯކަސް ކުރުމެއް ނޫނެވެ. ޗައިނާއަށް ފޯކަސްކުރުމެވެ. މިކަމަށް ފޯކަސްކޮށްގެން މަސައްކަތްކުރާއިރު އެމެރިކާ ގިނިކަންޏާ އޮވެގެން މިކަން ކާމިޔާބެއް ނުވާނެއެވެ. ވަރަށް ގިނަ އެކުވެރިން ބޭނުންވާނެއެވެ. އެމެރިކާގެ މިތުރުންނަކީ އަބަދުވެސް ޔޫރަޕާއި ޖަޕާނާއި ދެކުނު ކޮރެޔާއާއި އޮސްޓްރޭލިޔާ އަދި ކެނެޑާއެވެ. މިވަރަކުން މިކަމެއް އަދިނުވާނެއެވެ. އަދިވެސް ކިތަންމެ ކިތަންމެ ގައުމެއް އެމެރިކާގެ ފަޅުވެރީންކަމުގައި ހަދަންޖެހޭނެއެވެ. ނުކުރެވޭނޭ ކަމަކީ މިއީއެވެ. ދުނިޔެއިން އެމެރިކާޔަށް އިތުބާރެއް ނުކުރެއެވެ.
އެމެރިކާއަކީ ދުނިޔޭގެ ގިނަ ގައުމުތަކުން މިއަދު އިތުބާރުކުރާ ގައުމެއް ނޫނެވެ. ބަރޯސާކުރަން ވިސްނާ ގައުމެއްވެސް ނޫނެވެ. އެމެރިކާގެ ހަގީގީ ކުލަޔަކީ ކޮބައިކަން ރައީސް ޓްރަމްޕުގެ ދައުރުގައި އޮތީ ފައުޅުކޮށް އެންމެނަށް ދައްކައިފައެވެ. އަމިއްލަ މަސްލަހަތުގެ ކުރިޔަށް އެހެން ބައެއްގެ މަސްލަހަތު ނުނެރޭނޭކަން އޮތީ އަންގައިފައެވެ. ސިޔާސަތަކީ "އެމެރިކާ ފަސްޓް" ސިޔާސަތެވެ. ޑިޕްލޮމަސީގެ ހަރުބަހަކީ "މަ އުޅޭގޮތް ބަލާނޭ ކަމެއް ނެތޭ، މަބުނާގޮތް ހެދީމާ ނިމުނީއޭ" މިބަހެވެ. ނަސްލީ ތަފާތުކުރުންވެސް އޮތީ ހައްދުން ނެއްޓިފައެވެ. ސިއްރިޔާތުގައި ފަރުދާވެގެން ތިބެ ކުރާކަމެއްވެސް ނޫނެވެ. ޓްރަމްޕުގެ ޒަމާނުގައި ބުޅާ އޮތީ ގޯނިން ބޭރުވެފައެވެ. ދެން އަލުން ގޯންޏަކަށް ނުލެވޭނެއެވެ. އެހެންވީމާ ދުނިޔޭގެ ކަންކޮޅުތަކުގައި އެމެރިކާއަށް ނަފްރަތުކުރުން މިހާރު ނުހަނު ބޮޑެވެ.
ދުނިޔޭގެ ގައުމުތަކަށް ލެކްޗަރުދޭން، އަދި މޮޅުގޮތް ކިޔައިދޭން، ޔޫރަޕާއި އެމެރިކާ ވަރަށް މޮޅުވާނެއެވެ. އެކަމަކު ނަމޫނާ ދައްކަންޖެހޭ ދަނޑިވަޅުގައި ހަމަސުމެކެވެ. ކޮވިޑު ވެކްސިނުގެ ކަންތަކަށް ބައްލަވާށެވެ. ހަމަސީދާ ނަސްލީ އިމްތިޔާޒުގެ ބޮޑު ފާރެއް ރާނައި އުސްކުރީއެވެ. ތިމާވެށީގެ ކަންކަމުގައިވެސް ހަމައެހެންނެވެ. މޮޅުގޮތް ދޮންމީހުންނަށެވެ. ދެރަގޮތް ކުލައަނދިރި މީހުންނަށެވެ. ލޯނު ދިނުމުގައިވެސް ހަމަ މިގޮތެވެ. ހުޅަނގުން ބުނެއެވެ. ޗައިނާގެ ލޯނުތަކަކީ ދަރަނީގެ ދަންތުރައެކެވެ. ނަމަނަމަ ގާތްނުވާށެވެ. އަޖާއިބެކެވެ. މިހުރިހާ ދުވަހު ހުޅަނގުންވެސް ޖެހީ އެސަކަރާތެވެ. މިހާރުވެސް ޖަހަނީ އެސަކަރާތެވެ. އެހެންވީމާ ދުނިޔެއަށް މޮޅުގޮތް ކިޔައިދޭނެ އަޚުލާގީ ހައިސިއްޔަތެއް ހުޅަނގަކަށް ނެތެވެ. މިހެން މިކަންއޮތީމާ އެމެރިކާޔާއި ޔޫރަޕު ބޭނުންވާހާ ގޮތަކަށް ދެން ކަންކަމެއް ނުހިނގާނެއެވެ. ނުކުރެވޭނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ