ރިޕޯޓް

މާކިންގެ ހާލު: އެންމެ ފުރަތަމަ ވީ ކުޑަކުޑަ އައްސިއެއް، މިހާރު ގެންގުޅެނީ އެނދުމަތިކޮށްގެން!

މަރިޔަމް ޝަފާ އިބްރާހިމް

1

ދަރިންނަކީ ކޮންމެ މަންމައެއްގެވެސް އަދި ބައްޕައެއްގެވެސް އަމިއްލަ ނަފުސަށްވުރެ ލޮބުވެތިކަން ބޮޑު، މުހިންމު ބައެކެވެ. އަމިއްލަ ގައިގައި އަޅާ ވޭނަށް ކެތްކުރެވުނަސް، ދަރިފުޅުގެ ގައިގައި އަޅާ ވޭން ދުށުމަކަށް އެމީހުންގެ ހިތަކަށް ކެތެއް ނުވެއެވެ. މިއީވެސް އެފަދަ ހާލަތެއް ތަހައްމަލު ކުރަމުން އަންނަ މަންމައަކާއި ބައްޕައެއްގެ ވާހަކައެކެވެ.

މއ.ބެލްޖިއަމްގޭ، މޫސާ ނާސިހު މިވަގުތު އުފުލަމުން ދަނީ މިދަންނަވާ ހިތްދަތިކަމެވެ. މޫސާ ނާސިހުގެ ފިރިހެން ދަރިފުޅު 18 އަހަރުގެ އަހުމަދު މާކިން ނާސިހުއަށް، މީގެ ދެއަހަރު ދިމާވި ސިއްހީ މައްސަލައަކީ މަންމައާއި ބައްޕަގެ ހިތް ހަލާކުކޮށްލައި ހިތާމައާއި ހިތްދަތިކަން ތަހައްމަލު ކުރަން ޖެހުނު މައްސަލައެވެ.

މަލްޓިޕަލް ސްކްލޮރޯސިސް (އެމްއެސް) އަކީ ލޭގައި ހިމެނޭ ނެގެޓިވް ސެލް ގިނަވުމުގެ ސަބަބުން، ސިކުނޑިން ހަށިގަނޑަށް ފޮނުވާ މެސެޖުތައް، ތަފާތު އެކިއެކި ކަންކަމާ ގުޅުން ހުރި މެސެޖުތައް، ހަށިގަނޑުގެ އެމެސެޖުތައް ދަތުރުކޮށް ވާސިލުވާން ޖެހޭ ހިސާބަށް ވާސިލު ނުވެ، އަނބުރާ ސިކުނޑިއަށް ދިއުމުން ދިމާވާ މައްސަލަތަކެވެ.

އެމްއެސް އެޓޭކެއްގެ ތެރޭގައި މައިލިން ފަޅައިގެން ދިއުމާއެކު، ޑިމައިލިނޭޝަން ކިޔާ ޕްރޮސެސްއެއް، ނާރުތަކުގެ ޕެޗްތައް ހާމަވެ، ދެން ލަކުނު އުފެދި، ނާރުތަކަށް މެސެޖުތައް ރަނގަޅަށް ފޮނުވޭގޮތް ނުވެއެވެ. އޭގެ ފަހުން ޑިޖެނެރޭޝަންގެ ނުރައްކާ ކުރިމަތިވެއެވެ. މާނައަކީ ސިކުނޑިއަށް ހަށިގަނޑުގެ އެހެން ބައިތަކާ ވާހަކަ ނުދެއްކޭތީ، އޭގެ ސަބަބުން މޮޓޯ ފަންކްޝަން ގެއްލުމާއި، (މާނައަކީ) ހިނގުމާއި އަތާއި އަތުގެ މަސައްކަތް ކުރުން، އިހުސާސް ގެއްލުމާއި، ރިހުން، ފެނުމަށް ބަދަލު އައުމާއި ވިސްނުމަށް އަންނަ ބަދަލުތައް އަދި ހަނދާނަށް މައްސަލަ ޖެހޭ ގޮތްވެއެވެ. އެމްއެސްގެ އަލާމާތްތައް ހަށިގަނޑުގެ އެކި ހިސާބުތަކުގައި ފެނިދާނެ ކަމަށާއި، އެއީ ސިކުނޑި، ލޮލުގެ ނާރު ނުވަތަ ބުރަކަށީގެ ކޮން ބަޔަކަށް އަސަރުކުރާ ކަމެއް ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ނާސިހު ކިޔައިދިނީ މީގެ ދެއަހަރު ކުރިން މާކިންގެ އުމުރުން 16 އަހަރުގައި ގޮތްނޭނގޭ މިމައްސަލަ ފެށިގެން އައި ގޮތެވެ. ކޮންމެ މައެއްގެވެސް އަދި ބައްޕައެއްގެވެސް ހިތަށް ނުހަނު އަސަރު ކުރާނެއެވެ. 2020ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި، ކުއްލިގޮތަކަށް، މާކިންގެ ކަނާތު ފައި އައްސިވާކަހަލަ ގޮތްތަކެއްވާން ފެށުމުން އޭޑީކޭއަށް ގެންދިޔައެވެ. ޑޮކްޓަރުންގެ ޓީމަކުން ތަހުލީލުތައްކޮށް އެމްއާރްއައި ހަދައި އަދި އިތުރު ލޭގެ ޓެސްޓްތައްވެސް ހެދިއެވެ. ވިޓަމިންގެ ބޭސްތަކެއް ދިނުމަށްފަހު، ޑޮކްޓަރުން އިރުޝާދު ދެއްވީ ފިޒިއޮތެރަޕީ ހެދުމަށެވެ.

ނަމަވެސް މަސް ދުވަސްވީއިރުވެސް، އެއްވެސް ބަދަލެއް ނައިސް ހުރުމުން އަނެއްކާވެސް އޭޑީކޭއަށް ގެންދެވުނެވެ. މިފަހަރު އެމްއާރްއައި ހައްދައި، އެއްމަސްދުވަހަށް ސްޓެރޮއިޑެއް ދިނެވެ. އެމްއާރްއައިން ދައްކާ ގޮތުގައި އެހެން ދިމާ އެވަނީ ލޭގައި ނެގެޓިވް ސެލް ގިނަވުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމުން ސިކުނޑިއަށް ނުބައި މެސެޖް ތަކެއް ލިބި ނާރުގެ ނިޒާމަށް އެޓޭކް، ކުރާތީއެވެ.

މިކަން ދިމާވުމުން އެންމެ ހިތްދަތި، އަސަރުކުރާވަރުގެ ކަމަކަށް ދިމާވީ، ކިޔެވުމުގެ ފަހު އަހަރު ސްކޫލުން ވަކިވާން ޖެހުމެވެ. ކުރާނެ ކަމެއް ނެތި މާކިން ޝުކުރުވެރިކަމާއެކު އެކަމާވެސް ކެތްތެރިވީއެވެ. ލޯބިވާ ބައްޕަގެ ހިތަށް ކުރާނެ އަސަރު އެނގުނަސް މާކިން ފަކީރުގެ ހިތަށް ތަދުވެއެވެ. ބައްޕައާއި ދަރިފުޅުގެ ގުޅުމަކީ ނަމޫނާ، ލޯބިވެތި ގުޅުމެކެވެ.

"ކުޑަކަމުދާން އުޅެންޖެހޭ ގޮތް ފެނިފަވެސް ރޮވޭ. ގައިގައިހުރި ހުރިހާ ބާރެއްލައިގެންވެސް ކުޑަކަމު ނުދެވޭ. އަނެއްބައި ފަހަރު ނޭނގި ހުއްޓާވެސް ގަޔަށް ކުޑަކަމު ދެވޭ ގޮތްވޭ. މިއީ ކޮންމެ ދުވަހެއްގެ ހާލު. ގެންގުޅެނީ އެނދުމަތިކޮށްގެން، ބަލީގެ ސަބަބުން އުނަގަނޑުން ތިރި އިހުސާސް ކެނޑިފައި ހުރުމުން، އެއްވެސް ވަރަކަށް ހިނގާބިނގާވެ ނޫޅެވޭ."
މޫސާ ނާސިހު (މާކިންގެ ބައްޕަ)

ސްޓެރޮއިޑްގެ އެއް މަސްދުވަސް ހަމަވުމުން ވެސް އެއްވެސް ބަދަލެއް ނާދެއެވެ. ދެން ވައަތު ފައިވެސް އައްސިވާ ގޮތް ވާންފެށީއެވެ. އިތުރަށް ގޯސްވީއެވެ. ދެން ހިނގަން ޖެހުނީ ވޯކަރ މެދުވެރި ކޮށެވެ. ފެބްރުއަރީ 2021 ގައި އަނެއްކާ އިތުރު ކަމެއް ފެނިގެން ދިޔައީ އެވެ. ކުއްލިކުއްލިއަށް ދެފައިވެސް މީހާގެ އިހުތިޔާރާ ނުލައި މައްޗަށް އަރަނީ އެވެ. މުޅި ފައިގެ ނާރަށް ވާންވެ ތަދުވާން ފެށީ އެވެ. އަމިއްލައަށް ފާހާނާ ކޮށް ފެންވަރައި ކަންތައްތައް ކުރުންވެސް ބޮޑު ވޭނަކަށް ވީއެވެ.

މިބައްޕަގެ ހިތުގައި އަޅާނެ ވޭނާއި ރިހޭނެ ރިހުން ތަސައްވުރު ކޮށްލައްވާށެވެ. ޒުވާންވަމުން އަންނަ ފިރިހެންދަރިފުޅެކެވެ. ބައްޕަގެ އަތުގައި ހިފައިގެން ފިޔަވަޅުއަޅަން ދަސްކޮށް، ދުނިޔޭގައި އުޅުމަށް އިސްއުފުލައިގެން ތެދުވެ، ހިނގައިގަންނަން ޖެހުނު ދުވަހު، ބަލިއެނދުގައި، އޮންނަން މަޖުބޫރުވީއެވެ.

އެހިސާބުން ދެން ގެންދިޔައީ އައިޖީމްއެޗަށް ކަމަށް ނާސިހު ބުންޏެވެ. އަނެއްކާވެސް ސްޓެރޮއިޑް އައިވީއެއް ގުޅުމަށްފަހު ގެޔަށް ފޮނުވައިލެވުނެވެ. އަދި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރު އިރުޝާދު ދިނެވެ. އެޔާއެކު އާސަންދަ، އެންސްޕާ އަދި އިތުރުން ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި "ޕްލަސްމާޕެރަސިސް" ހަދައި، އަދި އައިވިގް އިންޖެކްޝަން ޖެހުމަށްފަހު އެއްމަސްދުވަހުގެ ފަރުވާ ނިންމާލައި މާލެ އައީއެވެ.

އެންމެ ފަހުން ހެދި އެމްއާރްއައި ދެއްކި ގޮތުގައި މިހާރު އިތުރަށް އަލަށް އެޓޭކެށް އައިސްފައި ނެތުމުން، މާކިން މުޅިން އެކީ ރަނގަޅުވާނެކަމުގެ އުއްމީދު އާލާވެފައިވާތީ، އިތުރަށް ފަރުވާ ކުރުމަށް ގަސްދުކުރާ ނާސިހު ބުންޏެވެ. މިހެންވެ، ޑޮކްޓަރުންގެ ލަފަޔާއެކު ދެވަނަ "ޓްރީމެންޓްއަކަށް" އިންޑިއާއަށް ދިއުމަށް ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީއަކަށް އެދި ނާސިހު ވަނީ ނުހަނު އާދޭހާއެކު 'ފޭސްބުކް'ގައި ޕޯސްޓުތަކެއް ޝެއާ ކޮށްފައެވެ. ކޮންމެއަކަސް މިފަދަ ބޮޑު ހޭދައެއް އަމިއްލަ ޖީބުން، އެއްވެސް ފަރާތެއްގެ އެހީއަކާ ނުލައި ކުރުމަކީ ގިނަ ބަޔަކަށް މިއަދުވެސް ފަސޭހަ ކަމެއް ނޫނެވެ.

ހަމައެހެންމެ، ދަރިފުޅުގެ ތައުލީމީ ހަޔާތުގެ އެންމެ މުހިންމު ހިސާބުން، ކިޔެވުމަށް އަލްވަދާއު ކިޔަން ޖެހުމަކީ ނާސިހުގެ ހިތަށް ނުހަނު އަސަރުކުރުވާފައިވާ، ހިތުން ފިލައިނުގޮސް ހަރުލާފައިވާ ހިތްދަތިކަމެކެވެ. ތިމާގެ ދަރިފުޅު ކިޔަވައިގެން، މޮޅު، ކާމިޔާބު މީހަކަށް ވުމަށް ނޭދޭނެ މައެއްވެސް ބަފައެއްވެސް ނުހުންނާނެއެވެ. ކޮންމެ ހާލެއްގައި އުޅުނަސް، ތިމާގެ ދަރިފުޅު، އެއީ އެންމެ މޮޅު، އުދަރެހުގައި އެންމެ ބޮޑަށް ވިދާ ތަރިކަމުގައި ވާން ކޮންމެ މީހަކުވެސް އެދޭނެއެވެ. މިހާރުވެސް، ނާސިހު ދަރިފުޅު ގެންގުޅެނީ، އެނދުމަތިކޮށްގެން، އުނަގަނޑުން ތިރީގެ އެއްވެސް ބާރެއް، ހަރަކާތެއް، އިހުސާސެއް ނެތުމުން، ހަމަ ތުއްތު ކުއްޖަކު ގެންގުޅޭ ބީދައިންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ޒުވާން ފިރިހެންދަރިފުޅެއްގެ އެންމެ ފޮނި، އުފާވެރި އުމުރު މިފަދަ ގޮތަކަށް ވޭތުވާތަން ފެނުމުން ބައްޕައެއްގެ ހިތަށް، ލަގޮނޑިއަށް ކިހާ އަސަރެއް ކުރާނެތޯއެވެ.

މާކިންގެ ފަރުވާއަށް އެހީތެރިކަމެއް ފޯރުކޮށްދެއްވުމަށް އެދޭ ފަރާތްތަކުން ތިރީގައިމިވާ އެކައުންޓް ނަންބަރަށް ފައިސާގެ ދީލަތި އެހީތެރިކަން ވެދެއްވޭނެއެވެ. ވަން އިން އެދެނީ މާކިން އަށް އަވަސް ޝިފާއެކެވެ.

މޫސާ ނާސިހު، ގުޅޭނެ ނަންބަރު: 9908886
AHMED.M.NASIH
USD 7730000470490
MVR 7730000470489