ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މައްސަލައާ ގުޅިގެން އިތުރު ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި މީގެ ކުރި ފުލުހުން ހައްޔަރު ކޮށްފައިވާ މީހުންނާއެކު މިހާރު ޖުމުލަ ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 19 އަށް އަރައިފައެވެ.

ފުލުހުން މިއަދު ބުނީ، މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށްގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން މިދިޔަ ބުރާސްްފައތި ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެއީ މ. ފަޅުމަތީގެ، އަހުމަދު އަލީ (26އ) އާއި ގ. ކޮލަމްބިއާ، މުހައްމަދު ޒީޝާން ނާސިރު (30އ) އެވެ. އެމީހުންގެ ތެރެއިން އަހުމަދު އަލީ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާއިރު މުހައްމަދު ޒީޝާން ނާސިރު ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

އެ ދެ މީހުންގެ އިތުރުން އެ މައްސަލައިގައި އިއްޔެ ވަނީ އިތުރު ފަސް މީހަކު ހައްޔަރުކޮށްފައެވެ. އެއީ ނ. ވެލިދޫ/ މިލާނޯ، އިބްރާހީމް ޒިހާނު (25އ) އާއި އއ. މާޅޮސް/ ލަކީސްޓާ، އަލީ މިރުޝާދު (31އ) އާއި ލ. މުންޑޫ/ އަންނާރުމާގެ، މުހައްމަދު ޝާން (32އ) އާއި ގ. ފީނިކްސް، އަބްދުﷲ ނިޔާޒު (41އ) އަދި ތ. ތިމަރަފުށި/ އަލީއާބާދު، އަލީ މުހައްމަދު (36އ) ކަމަށްވެސް ބުނެފައިވެއެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ އެންމެންވެސް 45 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާއިރު، ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއްވެސް ވަނީ ގާއިމުކޮށްފައެވެ.

އެފަދަ މައުލޫމާތުތައް https://www.police.gov.mv/helpus/casetip އަށް ހިއްސާކުރުމަށް ފުލުހުން އެދެއެވެ.