ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބުދުއްސައްތާރު ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން މިއަދު ބުނީ، ނާޒިމް ސައްތާރު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން އިރަކު ހިނގާފައިވާކަމެއް ކަމެއް ފުލުހުން ނުބުނެއެވެ.

ނާޒިމް ސައްތާރު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ބަލަމުންދާ އިރު، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުވެސް ނާޒިމްގެ މައްޗަށް ވަނީ ކޮށްފައެވެ.

އެއީ އޭނާއާ އަދި އެހެން ފިރިހެނެކާ ދެމީހުން ޖިންސީ ގުޅުން ހިންގާކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުކޮށްލުމާ ގުޅިގެންނެވެ. އަދި ފުލުހުން ކުރިއަށްގެންދާ ތަހުގީގަކާ ގުޅިގެން ނާޒިމްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ.

ފުލުހުން މިއަދު ބުނީ، އެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ނާޒިމްގެ ޕާސްޕޯޓް ރޭ ހިފަހައްޓާފައިވާ ކަމަށެވެ.

ނާޒިމް ބިދޭސީއަކާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގާކަަމަށް ބުނެ އިއްޔެ ސޯޝަލް މީޑިއާގައި ލީކުކޮށްލި މައްސަލައާ ގުޅިގެން ނޫސްވެރިން ފުލުހުންނާ ސުވާލުކުރަން ފެށުމުން ބުނީ، އެ ވީޑިއޯގެ މައްސަލަ އާއި އެފަދަ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލް ކުރާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ނާޒިމް ރޭގެ ވަގުތެއްގައި ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު ނުކުންނަ ވީޑިއޯއެއް ވެސް ނޫސްވެރިޔަކު ވަނީ އާންމުކޮށްފައެވެ.

ލީކު ކޮށްލާފައިވާ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯ އާންމުވުމާއެކު ނާޒިމް ވަނީ ވީޑިއޯއިން ފެންނަނީ އޭނާ ކަމަށް އިންކާރުކުރައްވައިފައެވެ. ނަމަވެސް ގިނަބަޔަކު ވަނީ އެއީ ނާޒިމް ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމަށް ގޮވާލައިފައެވެ.

ނާޒިމް ވިދާޅުވީ، އެ ވީޑިއޯއަކީ މަޖިލިސް ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅުންހުރި މީހުންގެ މައުލޫމާތު އާންމުކުރާތީ އޭނާ ބަދުނާމުކުރުމުގެ ގޮތުން އާންމުކުރި ވީޑިއޯއެއް ކަމަށެވެ.

ނާޒިމް ސައްތާރަކީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މިދިޔަ އަހަރުގެ މެއި ހައެއްގައި ދިން ހަމަލާގެ މައްސަލައިގައި ނަޝީދު ތަމްސީލު ކުރައްވާ ވަކީލެވެ.