ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ދެ ފިރިހެނަކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއަކާ ގުޅިގެން، އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތުގައި އިއްޔެ ފުލުހަށް ހާޒިރު ކުރި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ރާއްޖޭން ބޭރަށް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

އޭނާގެ ޕާސްޕޯޓް ހިފެހެއްޓިކަން ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ.

ފުލުހުން މިއަދު ބުނީ، އެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ނާޒިމްގެ ޕާސްޕޯޓް ރޭ ހިފާއްޓާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ނާޒިމްގެ މައްޗަށް ފުލުހުންގެ ބޮޑު ޖިނާއީ ތަހުގީގެއް ވަނީ ފަށައިފައެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ނާޒިމް ބިދޭސިއަކާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ ކަމަށް ބެލެވޭ ވީޑިއޯއެއް އާންމުވެފައެވެ.

އެ ވީޑިއޯއާ ގުޅިގެން ނޫސްވެރިން ފުލުހުންނާ ސުވާލުކުރަން ފެށުމުން ބުނީ، އެ ވީޑިއޯގެ މައްސަލަ އާއި އެފަދަ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލް ކުރާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ނާޒިމް ރޭގެ ވަގުތެއްގައި ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު ނުކުންނަ ވީޑިއޯއެއް ވެސް ނޫސްވެރިޔަކު ވަނީ އާންމުކޮށްފައެވެ.

ލީކު ކޮށްލާފައިވާ ވީޑިއޯ އާންމުވުމާއެކު ނާޒިމް ވަނީ ވީޑިއޯއިން ފެންނަނީ އޭނާ ކަމަށް އިންކާރުކުރައްވައިފައެވެ. ނަމަވެސް ގިނަބަޔަކު ވަނީ އެއީ ނާޒިމް ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމަށް ގޮވާލައިފައެވެ.

ނާޒިމް ވިދާޅުވީ، އެ ވީޑިއޯއަކީ މަޖިލިސް ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅުންހުރި މީހުންގެ މައުލޫމާތު އާންމުކުރާތީ އޭނާ ބަދުނާމުކުރުމުގެ ގޮތުން އާންމުކުރި ވީޑިއޯއެއް ކަމަށެވެ.

ނާޒިމް ސައްތާރަކީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މިދިޔަ އަހަރުގެ މެއި ހައެއްގައި ދިން ހަމަލާގެ މައްސަލައިގައި ނަޝީދު ތަމްސީލު ކުރައްވާ ވަކީލެވެ.