ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުން ބާއްވާފައިވަނީ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ ހަވާސާގައި ރުވާންޑާގެ ކިގާލީ މެރިއޮޓް ހޮޓެލްގައެވެ.

އެ ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ. އެގޮތުން ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއާއި މޮރިޝަސްގެ ހުރި އެއްގޮތް ކަންކަމަށް ވަނީ އަލިއަޅުއްވާލައްވައިފައެވެ.

މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި ދެގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއާއި މޮރިޝަސްއަކީ އދ. އާއި ކޮމަންވެލްތު އަދި އެއޯސިސް ފަދަ ބޮޑެތި ޖަމާއަތްތަކުގެ މެންބަރު ދެ ގައުމު ކަމަށާއި، ދެ ގައުމަކީވެސް ވިޔަފާރިއާއި އިގުތިސާދަށްޓަކައި އިންޑިއާ ކަނޑަށް ބަރޯސާވާ ދެ ގައުމުކަން ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ވެސް ރައީސް ސޯލިހު ވަނީ ކޮވިޑް-19 ގެ ސަބަބުން ދެގައުމުގެ ވެސް އިގުތިސޯދަށް ކޮށްފައިވާ އަސަރުތަކުން އަރައިގަތުމަށް އެއްގައުމު އަނެއް ގައުމުގެ ފަތުރުވެރިކަމުން ފިލާވަޅު ލިބިގަނެވޭނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މިހާރަށްވުރެ ބޮޑަށް ވިޔަފާރިއާއި އިގުތިސޯދީ ރޮނގުން ދެ ގައުމުގެ ގުޅުން ބަދަހިވާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

ރައީސް ސޯލިހު ރުވާންޑާއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުންނާއި އަދި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.