ރާއްޖެއާއި އިންޑިއާގެ ގުޅުން ބިނާވެފައިވަނީ ތާރީހާއި ސަގާފަތާއި ދެގައުމުގެ ވެސް ގަބޫލުކުރުންތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިވަގުތު ރުވާންޑާގެ ކީގާލީގެ މެރިއޮޓް ހޮޓެލްގައި ހުންނެވި ރައީސް ސޯލިހުގެ އަރިހަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ބްރަމާނިއަމް ޖަޔަޝަންކަރު ވަނީ އިއްޔެ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި ޖަޔަޝަންކަރު ވަނީ ރާއްޖެ އާއި އިންޑިއާގެ ދޭދޭ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް ދެ ގައުމުން ވެސް ޝައުގުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.
ރައީސް ސޯލިހު ވަނީ ރާއްޖެއާއި އިންޑިއާއާ ދެގައުމުގެ ގުޅުން ބިނާވެފައިވަނީ ތާރީހާއި ސަގާފަތާއި ދެގައުމުގެ ވެސް ގަބޫލުކުރުންތަކުގެ މައްޗަށްކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ ބޭރު ގައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަކީ މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވަނީ ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައިފައެވެ. އަދި ދެގައުމުގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ސޯލިހު ރުވާންޑާއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުންނާއި އަދި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު