ކ. ގުޅީގައި ސްޓެލްކޯއިން ދެމުން އަންނަ ފެނުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެރަށަށް 50 ޓަނުގެ އާރުއޯ ޕްލާންޓެއް ގެންގޮސްފިއެވެ.

ސްޓެލްކޯއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ގުޅީގެ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް އެކުންފުނިން ފެބްރުއަރީ މަހު ހަވާލުވި އިރު، އެރަށުގައި ބެހެއްޓިފައިވާ 40 ޓަނުގެ ދެ އާރުއޯ ޕްލާންޓުން ރަށަށް ބޭނުންވާ ވަރަށް ފެން އުފައްދާ ފޯރުކޮށްދިނުމަށް ދަތިތަކެއް ދިމާވަމުން ދިޔަ ކަމަށެވެ.

އެ ދަތިތަކާ ގުޅިގެން ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެރަށަށް 50 ޓަނުގެ އާރުއޯ ޕްލާންޓެއް ގެންދެވިފައިވާ ކަމަށާއި އަންނަ ހަފުތާގެ ތެރޭގައި އެ ޕްލާންޓް ކޮމިޝަންކޮށް ބޭނުންކުރަން ފެށޭނެ ކަމަށެވެ.

ގުޅީގައި ސްޓެލްކޯއިން ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.