ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑްކަޕް 2022: އުތުރު އެމެރިކާއާއި މެދުތެރޭ އެމެރިކާ އަދި ކެރީބިއަން ތަމްސީލު ކުރާނީ ކޮންބައެއް؟

އިމާދު ލަތީފު

ފީފާގެ ހަ ކޮންފެޑެރޭޝަނުގެ ތެރެެއިން ގައުމުތަކުގެ އަދަދަށް ބަލާއިރު އުތުރު އެމެރިކާޔާއި މެދުތެރޭ އެމެރިކާ އަދި ކެރީބިއަންގެ ގުޅިފައިވާ ކޮންފެޑެރޭޝަނަކީ ކުޑަ ޖަމިއްޔާއެއް ނޫނެވެ. މި ކޮންފެޑެރޭޝަނުގައި 41 ގައުމު ހިމެނެއެވެ. އެހެންނަމަވެސް ވޯލްޑްކަޕް އަދި މިހާތަނަށް ދުވަހަކުވެސް ކާމިޔާބު ނުކުރެވޭ ކޮންފެޑެރޭޝަނެކެވެ. މި ކޮންފެޑެރޭޝަނަށް ނިސްބަތްވާ ދެ ގައުމެއްގައި މިހާތަނަށް ތިންފަހަރު ވޯލްޑްކަޕް ބާއްވާފައިވެއެވެ. އެއީ މެކްސިކޯގައި ދެ ފަހަރު އަދި އެމެރިކާގައި އެއްފަހަރެވެ. އަދި ހަތަރު އަހަރު ފަހުން 2026 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވާނީވެސް މި ކޮންފެޑެރޭޝަނުގެ ތިން ގައުމެއްގައެވެ. ކެނެޑާޔާއި އެމެރިކާޔާއި މެކްސިކޯގައެވެ. އެހެންވީމާ މިފަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕުގައި ރަނގަޅު ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާތަކެއް ނެރެން އެބަޖެހެއެވެ.

މިކަން ކުރުމަށްޓަކައި ގަތަރު ވޯލްޑްކަޕަށް ނުކުންނައިރު މި ކޮންފެޑެރޭޝަނުން ފުރުސަތު ލިބިފައިވަނީ ނުވަތަ ކޮލިފައިވެފައިވަނީ ހަތަރު ޓީމެކެވެ. މިއީ މި ކޮންފެޑެރޭޝަނުގެ ރިކޯޑެކެވެ. މެންބަރު 41 ގައުމުގެ ތެރެއިން 11 ގައުމެއް ވޯލްޑްކަޕުގައި މިހާތަނަށް ކުޅެފައިވެއެވެ. އޭގެ ތެރެއިން އެންމެ އާއްމުކޮށް ފެންނަ ތިން ގައުމު މިފަހަރުވެސް ފެނިގެންދާނެއެވެ. އެއީ މެކްސިކޯއާއި އެމެރިކާއާއި ކޮސްޓަރީކާއެވެ. މީގެ އިތުރަށް ދެން ފެންނާނީ ކެނެޑާއެވެ. މި ހަތަރު ގައުމަށް ގަތަރުގައި ކިހާ ފަންވަރެއް ދައްކައިލެވޭނޭ ބާވައެވެ. މީގެކުރިން ދަތުރުނުކުރެވޭ ހިސާބަކަށް ދަތުރު ކުރެވިދާނޭބާވައެވެ. މި ސުވާލުގެ ޖަވާބު ލިބޭނީ ވޯލްޑްކަޕުންނެވެ. އޭގެކުރިން މި ޓީމުތަކުގެ ވަނަޔާއި މީގެކުރިން ކޮށްފައިވާ ތަޖުރިބާތަކަށް ބަލައިލަމާބަހީއެވެ.

1- އެމެރިކާ (ދަ ޔޭންކްސް)

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެމެރިކާގެ ޓީމު މަޝްހޫރުވެފައި އޮންނަނީ ދަ ޔޭންކްސްގެ ނަމުންނެވެ. މިއީ އެންމެ ކުރިން އެމެރިކާގެ އިރުއުތުރާއި ނިއުޔޯކުގައި ދިރިއުޅޭ މީހުންނަށް ނިސްބަތްކޮށްފައި ކިޔާން ފެށުނު ނަމެކެވެ. ފަހުން މުޅި އެމެރިކާގެ އެންމެނަށް ނިސްބަތްކޮށް ކިޔަނީއެވެ. ފީފާގެ އެންމެ ފަހުގެ ރޭންކިންގައި މާޗްމަސް ނިމުނުއިރު އެމެރިކާގެ ވަނަޔަކީ ފަނަރައެވެ. ފެބްރުއަރީގައި ތޭރަވަނައެވެ. ޖެނުއަރީގައި އެގާރަވަނައެވެ. އެހެންވީމާ މިވަގުތު އެމެރިކާ އެއޮތީ ފަހަތަށް ސޮއްސައިލުމުގެ އޮއިވަރެއްގައެވެ. މިފަހަރުގެ ވޯލްޑްކަޕަކީ އެމެރިކާގެ އެގާރަވަނަ ވޯލްޑްކަޕެވެ. މީގެ ތެރެއިން އެންމެ ކާމިޔާބު ފަހަރަކީ އެންމެ ފުރަތަމަ 1930 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕެވެ. އެފަހަރު ތިންވަނަ ލިބުނެވެ. އޭގެފަހުން 2002 ވަނަ އަހަރު ކުއާޓަރ ފައިނަލްގައި ކުޅުނެވެ.

2- މެކްސިކޯ (އެލް ޓްރީ)

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މެކްސިކޯގެ ޓީމު މަޝްހޫރުވެފައި އޮންނަނީ އެލް ޓްރީގެ ނަމުންނެވެ. މިއީ މެކްސިކޯގެ ތިން ކުލަޔަށް ނިސްބަތްކޮށްފައި ކިޔާ ނަމެކެވެ. ފެއްސާއި ރަތާއި ހުދެވެ. ފީފާގެ ރޭންކިންގައި މިވަގުތު މެކްސިކޯ އޮތީ ނުވަ ވަނައިގައެވެ. އެހެންވީމާ މި ކޮންފެޑެރޭޝަނުގެ އެއްވަނަ ޓީމަކީ މެކްސިކޯއެވެ. އަދި އެންމެ ތަޖުރިބާ ބޮޑު ޓީމަކީވެސް މެކްސިކޯއެވެ. މިފަހަރުގެ ވޯލްޑްކަޕަކީ މެކްސިކޯގެ ސަތާރަވަނަ ވޯލްޑްކަޕެވެ. އޭގެތެރެއިން ދެ ފަހަރަކު ކުއާޓަރ ފައިނަލުގައި ކުޅެފައިވެއެވެ. އެންމެފަހުން 1986ގައި އަމިއްލަ ގައުމުގައި ކުޅެގެންނެވެ. ގްރޫޕް ފިޔަވަހިން ހަތް ފަހަރު ކަޓާފައިވެއެވެ. އެންމެފަހުން އާޖެންޓީނާގައި ކުޅެގެން 1978 ގައެވެ. މިފަހަރުގެ ވޯލްޑްކަޕުގައި މެކްސިކޯ ހިމެނެނީ ޕޮލެންޑާއި ސައުދީ އަރަބިޔާއާއި އާޖެންޓީނާޔާއެކު ގްރޫޕް ސީގައެވެ.

3- ކޮސްޓަރީކާ (ލޮސް ޓީކޯސް)

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކޮސްޓަރީކާގެ ޓީމު ބޮޑަށް މަޝްހޫރުވެފައި އޮންނަނީ ލޮސް ޓީކޯސްގެ ނަމުންނެވެ. ޓީކޯސްއަކީ އާއްމު ގޮތެއްގައި ކޮސްޓަރީކާގެ ވަޒަންވެރީންނަށް ކިޔައިއުޅޭ ވަނަމެކެވެ. ފީފާގެ ރޭންކިންގައި މިވަގުތު ކޮސްޓަރީކާގެ ވަނަޔަކީ 49 ވަނައެވެ. މިފަހަރުގެ ވޯލްޑްކަޕަކީ ކޮސްޓަރީކާގެ ހަވަނަ ވޯލްޑްކަޕެވެ. މީގެ ތެރެއިން އެންމެ ކާމިޔާބު ފަހަރަކީ 2014 އެވެ. އެފަހަރު ކުއާޓަރ ފައިނަލުގައި ކުޅެފައިވެއެވެ. މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވި ބައްތިރީސްވަނަ އަދި އެންމެ ފަހު ޓީމަކީ ކޮސްޓަރީކާއެވެ. އެންމެފަހުން 2018 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕުގެ ގްރޫޕް ފިޔަވަހީގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއްމެޗު އެއްވަރުވެ ދެ މެޗުން ބަލިވެގެން ދިޔައީ ގްރޫޕުގެ ފުލަށެވެ. މިފަހަރު ކޮސްޓަރީކާ ހިމެނެނީ ޖަޕާނާއި ސްޕޭނާއި ޖަރުމަނީއާއެކު ގްރޫޕް އީގައެވެ.

4- ކެނެޑާ (ދަ ރެޑްސް)

ކެނެޑާ މިފަހަރުގެ ވޯލްޑްކަޕުގައި މިކުޅެނީ 36 އަހަރުގެ މެދުކެނޑުމަކަށްފަހުގައެވެ. މިހާތަނަށް ކެނެޑާ ކުޅެފައިވަނީވެސް އެންމެ ވޯލްޑްކަޕެއްގައެވެ. އެއީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވުނު ވޯލްޑްކަޕެވެ. އެފަހަރު ގްރޫޕް ފިޔަވަހީގައި ކުޅުނު ތިންމެޗުންވެސް ބަލިވެފައިވެއެވެ. މިފަހަރަކީ ވޯލްޑްކަޕުގައި ކެނެޑާ ކުރާ ދެވަނަ ތަޖުރިބާއެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކެނެޑާ މަޝްހޫރުވެފައި އޮންނަނީ ދަ ރެޑްސްގެ ނަމުންނެވެ. އެނަމުގެ އަސްލަކީ ކެނެޑާގެ ކުލައެވެ. ރަތްކުލައެވެ. ފީފާގެ ރޭންކިންގައި މިވަގުތު ކެނެޑާގެ ވަނަޔަކީ 38 ވަނައެވެ. ގަތަރު ވޯލްޑްކަޕުގައި ކެނެޑާ ހިމެނެނީ ބެލްޖިއަމާއި ކްރޮއޭޝިޔާއާއި މޮރޮކޯޔާއެކު ގްރޫޕް އެފްގައެވެ. އެހެންވީމާ ކެނެޑާގެ ފުރަތަމަ ތަޖުރިބާއެކޭ އެއްގޮތަށް މިފަހަރުވެސް އެންމެގާތީ ގްރޫޕުގެ ފުލަށް ދިއުންކަމަށް ވަނީ ހީކުރެވިފައެވެ.