ރަޝިޔާ އޮންނަނީ ދެ ކޮންޓިނެންޓެއްގައެވެ. ޔޫރަޕާއި އޭޝިޔާގައެވެ. ރަޝިޔާއަކީ ބިމުގެ ގޮތުން ދުނިޔޭގެ އެންމެ ބިޔަ ގައުމެވެ. އެގައުމުގެ ބިމުގެ 75 އިންސައްތަ އޮންނަނީ އޭޝިޔާގަައެވެ. އެކަމަކު ރަޝިޔާގެ އާބާދީކަމަށްވާ 144 މިލިޔަން މީހުންގެ ތެރެއިން 75 އިންސައްތަ ދިރިއުޅެނީ ޔޫރަޕު ފަޅީގައެވެ. ރޫސީ ސަހަރުތަކުގެ ތެރެއިން މޮސްކޯއާއި ސެންޓް ޕީޓާރސްބާގް ފަދަ ބޮޑެތި ސަހަރުތައް ހިމެނެނީވެސް ޔޫރަޕު ފަޅީގައެވެ. ވެރިކަން ހިންގަނީވެސް އެފަޅީގައެވެ. އެހެންވީމާ ސިޔާސީގޮތުން ރަޝިޔާ ބަލަމުން އަންނަނީ ޔޫރަޕުގެ އާއިލާގެ މެންބަރެއްގެ ގޮތުގައެވެ. އެކަމަކު ޔޫރަޕުން ރަޝިޔާ ބަލައިގަނޭ ބާވައެވެ. ރަޝިޔާގެ މަސްލަހަތަށް ރިއާޔަތްކުރޭ ބާވައެވެ. ފެންނަ މަންޒަރުތަކުން އެނގި ކަށަވަރުވަނީ ޔޫރަޕުން ރަޝިޔާ ބަލައިނުގަންނަ ކަމެވެ. މަސްލަހަތަށް ރިއާޔަތް ނުކުރާ ކަމެވެ.
މިހާރު ޔުކްރޭނުގައި ހިނގަމުންދާ ހަނގުރާމަޔާ ގުޅިގެން ޔޫރަޕުގެ އިއްތިހާދުން ރަޝިޔާއާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކާއި އެކަހެރިކުރަމުންދާ އެކަހެރިކުރުންތަކުގެ ސަބަބުން ރަޝިޔާ ވަނީ މާބޮޑަށްވެސް އޭޝިޔާއާ ގާތްވެފައެވެ. ގައުމުގެ 75 އިންސައްތަ އޮތީ އޭޝިޔާގައި ކަމަށްވުމާއެކު އޭޝިޔާ ވަންތަކަން މިދުވަސްވަރު ވަރަށް ބޮޑެވެ. ޔޫރަޕާއި ދުރަށް ޖެހިގެން ލިބޭ އިގްތިސާދީ ގެއްލުމަށްވުރެ އޭޝިޔާއާ ގާތްވި ގާތްވިހެން ލިބޭ މަންފާ މާބޮޑެވެ. ރަޝިޔާގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިންނަކީވެސް އޭޝިޔާގެ ގައުމުތަކެވެ. ޚާއްސަކޮށް ޗައިނާ އާއި އިންޑިޔާއެވެ. އީރާނާއި އިންޑޮނީޝިޔާއެވެ. އެހެންވީމާ ޔޫރަޕުގެ އިއްތިހާދުން އަޅާ ފިޔަވަޅަކުން ރަޝިޔާގެ އިގްތިސާދު ބޮއްސުންލައިގެނެއް ނުދާނެއެވެ. އެކަން ކުރެވޭނީ އޭޝިޔާގެ ބައިވެރިވުންވެސް އޮވެގެންނެވެ.
ޔުކްރޭނުގެ މައްސަލައިގައި ރަޝިޔާއާ ދެކޮޅަށް ޔޫރަޕުގެ އިއްތިހާދުން ހަލުވި ފިޔަވަޅުތަކެއް އަޅައި ހުރިހާ ވިޔުގަތަކުން ރަޝިޔާ ބޭރުކޮށްލީ ނިކަން އަވަހަށް ރަޝިޔާގެ އިގްތިސާދު ބޮއްސުންލައި ކުޑަކަކޫ މައްޗަށް ތިރިކޮށްލެވޭނެ ކަމުގެ އުއްމީދުގައެވެ. އެކަމަކު ނެރެވުނީ އެ ނަތީޖާއެއް ނޫނެވެ. ރަޝިޔާގެ ފައިސާ ބޭކާރު ކަރުދާހަށް ބަދަލުވެގެން ދިޔުމުގެ ބަދަލުގައި އިތުރަށް ވަރުގަދަވެ ބާރުގަދަވީއެވެ. ތެލާއި ގޭސް އެކްސްޕޯޓްކޮށްގެން ލިބޭ އާމްދަނީވެސްވީ އިތުރެވެ. އަދިވެސް ކިތަންމެ ކަމެކެވެ. ހަނގުރާމަޔަށް ހަތަރުމަސްވީއިރު ހީނަރުކަމެއް އައިސްފައިވާނަމަ އެ ހީނަރުކަމެއް ފެންނަނީ ޔޫރަޕުގެ އިއްތިހާދުންނެވެ. އެވެރިން އެތިބީ ތެލާއި ގޭހަށްވެސް ޖެހިފައެވެ. އަދި ކިޔެއްތަ، ކާބޯތަކެއްޗަށްވެސް ޖެހިފައެވެ. އެހެންވީމާ އައުގޮތަކަށް ވިސްނުން ބައްޓަންކުރަން ޔޫރަޕަށް ވަނީ ޖެހިފައެވެ.
ޔޫރަޕުގެ ގުޅިފައިވާ ވިސްނުމަކީ އަދިވެސް ރަޝިޔާއަށް ދަތިކުރުމެވެ. އެކަހެރިކުރުމެވެ. އަދަބު ދިނުމެވެ. ކުޑަކަކޫ މައްޗަށް ތިރިކުރުމެވެ. އެކަމަކު މިކަން ކުރެވޭންއޮތީ އޭޝިޔާއާއި އެފްރިކާޔާއި ދެކުނު އެމެރިކާގެ އެއްބާރުލުން ލިބިގެންކަން މިހާރު ގަބޫލުކޮށްފިއެވެ. ކުރިން ހީކޮށްގެންތިބީ ޔޫރަޕުން ނަމޫނާ ދެއްކީމާ އެހެން ބައްރުތަކުގެ މީހުންވެސް އެޔަށް ތަބާވެގެން އެމަގުން ކުރިއަށްދާނޭ ކަމުގައެވެ. އޭޝިޔާ އާއި އެފްރިކާ އަދި ދެކުނު އެމެރިކާއިން ޔޫރަޕަށް ތަބާނުވީމާ މިހާރު އެކުރާކަމަކީ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދި އާދޭސްކުރުމަށް މިދެންނެވި ގައުމުތަކަށް އެކިވަރުވަރުގެ ވަފުދުތައް ފޮނުވުމެވެ. ވިސްނައިދެވޭތޯ އުޅެނީ ޔޫރަޕުގެ ކޮންމެ މައްސަލަޔަކީ މުޅި ދުނިޔޭގެ މައްސަލައެއް ކަމެވެ. ދުނިޔޭގެ ހިތަކީވެސް ލަގޮނޑިއަކީވެސް އަދި ސިކުނޑިއަކީވެސް ޔޫރަޕުކަމެވެ.
އެފްރިކާގެ އެންމެ ބޮޑެތި އިގްތިސާދުތައް ކަމަށްވާ ދެކުނު އެފްރިކާޔާއި ނައިޖީރިޔާއަށް ޔޫރަޕުގެ އިއްތިހާދުގެ ވަފުދުތައް ފޮނުވައިފިއެވެ. ދެކުނު އެމެރިކާގެ އެންމެ ބޮޑު ދެ އިގްތިސާދު ކަމަށްވާ ބްރެޒިލް އާއި އާޖެންޓީނާއަށްވެސް ފޮނުވައިފިއެވެ. އޭޝިޔާގެ ބޮޑެތި ބާރުތަކުގެ ތެރެއިން ޗައިނާއާއި އިންޑިޔާ އަދި އިންޑޮނީޝިޔާއާއި ތައިލެންޑަށްވެސް ފޮނުވައިފިއެވެ. އެތަންތަނަށް ގޮސް ބުނެއެވެ. ވިސްނާށެވެ. ހޭއަރާށެވެ. ރަޝިޔާ އެއުޅެނީ ޔޫރަޕާއި ދިމާކޮށްލައިގެންނެވެ. ޔޫރަޕުގެ ކޮންމެ މައްސަލައެއް ހަގީގަތުގައިވާނީ މުޅި ދުނިޔޭގެ މައްސަލައަކަށެވެ. ކަލޭމެން އެންމެންގެ މައްސަލައަކަށެވެ. މިއަދު ރަޝިޔާ ނުހުއްޓުވައިފިނަމަ މާދަން ދިމާކުރާނީ ކަލޭމެންނާއެވެ. ކަލޭމެން މާދަމާ ރޯންޖެހޭނެއެވެ. އެގައުމުތަކުން ބުނެއެވެ. ނާހަމަތެދެއް ހެއްޔެވެ. އެކަމަކު ހީވެސްނުވެއެވެ.
ހީވެސް ނުވާނޭތާއެވެ. ސުވާލުވެސް ކުރާނޭތާއެވެ. އޭޝިޔާގެ މައްސަލަތަކާއި، އެފްރިކާގެ މައްސަލަތައް ހައްލުކުރަން ޔޫރަޕުން މިވަރަށް ބާރުއަޅާތީއެއް ނުފެނެއެވެ. އަފްޣާނިސްތާނާއި އިރާގާއި ސީރިޔާއާއި ލީބިޔާއާއި ސޮމާލިޔާފަދަ ގައުމުތައް ހިންދެމިލާނެ ފުރުސަތެއް ނުދީ ވީރާނާކޮށްފައި އެބައިތިއްބަނީ ހަމަ ޔޫރަޕުންނެވެ. އެކަމަކު މައްސަލަޔަކަށް މިހާރު މިވަނީ ދޮންމީހުންނަށް ދެރަގޮތް މެދުވެރިވާން ފެށުމުންނެވެ. ރެފިއުޖީންނަށްވާން ފެށުމުންނެވެ. އެކަން ހައްލުކޮށްދޭންވީވެސް އޭޝިޔާ އާއި އެފްރިކާއިންނެވެ. އިނގިރޭސީންނަށްޓަކައި ނޭޕާލުގެ ގުރުކާ ސިފައިންގެ ހަށިތައް ގުރުބާންކުރި ބީދައިންނެވެ. އަޖާއިބު ހީވެއެވެ. ޔޫރަޕުގެ އިސްތިއުމާރީ ފިކުރު އަދިވެސް ބަދަލު ނުވަނީއެވެ. އެހެންވީމާ އޭޝިޔާ އާއި އެފްރިކާއިން މިހާރު އެބުނަނީ މިހެންނެވެ. ހޯހޯއެވެ. ހޭއަރަންވީ ކަލޭމެންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ