އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް، ޑިއޭގޯ މަރަޑޯނާގެ މަރާ ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރާ އަށް މީހެއްގެ މައްޗަށް "ގަސްދުގައި މީހެއް މެރިކަމުގެ ތަހުގީގު" ހިންގަން ކޯޓުން އަމުރު ކޮށްފިއެވެ.
ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ މަރަޑޯނާ މަރުވެފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މަރަޑޯނާގެ ކެރިއަރުގައި ކާމިޔާބު، އުފާވެރި ގިނަ ވަގުތުތަކެއް ހޭދަކުރި ނަމަވެސް، އޭނާގެ ކެރިއަރުގައި ކަޅު، ބަނަ ދުވަސްތަކެއް ވެސް ފެނިފައިވެއެވެ. 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދީ، މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މަރަޑޯނާ ސްޕެއިންގެ ބާސާއަށް ކުޅުނު ދުވަސްވަރު ވެސް އޭނާއަށް ކުރިމަތިވީ ޑްރަގުގެ މައްސަލަތެކެވެ.
ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ މަރަޑޯނާގެ ހަޔާތުގެ ފަހު ދުވަސްތައް ހޭދަކުރީ ހޮސްޕިޓަލުގައެވެ. ހިތުގެ މައްސަލަތައްވެސް ކުރިމަތިވި މަރަޑޯނާ މަރުވެފައިވަނީ އުމުރުން 60 އަހަރުގައި އާޖެންޓީނާގެ ބުއޭނޯސް އެއަރެސްގެ ހޮސްޕިޓަލެއްގައެވެ. މަރަޑޯނާ މަރުވި ކަމަށް ބުނެފައިވަނީ ހާޓް އެޓޭކެއްގައެވެ.
މަރަޑޯނާގެ މަރަށް ކުޑަ ދުވަސްކޮޅެއް ވީތަނާ އާޖެންޓީނާގެ ޕްރޮސެކިއުޓާ ޖެނެރަލް ވަނީ މަރުގެ ތަހުގީގު ކުރިއަށް ގެންދަން ނިންމައިފައެވެ. އެ ތަހުގީގުގައި 20 ތަޖުރިބާކާރުން ހިމެނެއެވެ. އެ ތަޖުރިބާކާރުން ނެރުނު ރިޕޯޓުން ބުނެފައިވަނީ މަރަޑޯނާގެ މަރާ ގުޅިގެން "މެޑިކަލް ޓީމުން ގަވާއިދާ ހިލާފު ގޯސްތަކެއް، އަވަސް އަރުވާލައިފައި،" ކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓުގައިވާ މައްސަލަތަކަށް ބަލައި، ކޯޓުން ތަހުގީގު ހިންގަން އަންގާފައިވާ މީހުންތަކުގެ ތެރޭގައި މަރަޑޯނާގެ ނިއުރޯ ސާޖަންއާއި ޕާސަނަލް ޑޮކްޓަރު ލެއޮޕޯލްޑޯ ލޫގޭ އާއި ސައިކެޓްރިސްޓެއްގެ އިތުރުން ސައިކޮލޮޖިސްޓް ދެ ޑޮކްޓަރުންނާއި ދެ ނަރުހެއް އަދި އެ ޑޮކްޓަރުންގެ މެނޭޖަރުވެސް ހިމެނެއެވެ. މަރަޑޯނާގެ މަރާ ގުޅިގެން އުފައްދާ ސުވާލުތަކަށް އެ ހުރިހާ ފަރާތްތަކަކުންވެސް ވަނީ އިންކާރު ކޮށްފައެވެ.
މަރަޑޯނާގެ މަރާ ގުޅިގެން ތަހުގީގު ހިންގާ ފަރާތަކަށް ގަސްދުގައި މީހަކު މަރާލި ކަމުގެ ތުހުމަތާއި، މީހެއް މަރުވުމުގައި އިހުމާލުތަކެއް އޮތް ކަމަށް ސާބިތު ވެއްޖެނަމަ، 25 އަހަރާ ގާތްކުރާ އަދަދަކަށް ޖަލު ހުކުމް އަންނާނެއެވެ. އާޖެންޓީނާގެ ޕީނަލް ކޯޑުގައިވާ ގޮތުން އެ ތަހުގީގުގެ އަޑު އެހުންތައް ފެށޭނެ ތާރީހެއް އަދި ނޭނގެއެވެ.
ޑިއޭގޯ މަރަޑޯނާ
ޑިއޭގޯ މަރަޑޯނާ
ޑިއޭގޯ މަރަޑޯނާ
ޑިއޭގޯ މަރަޑޯނާ