ހއ. ދިއްދޫ ބަނދަރު ތަރައްގީކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ.
އެ މަސައްކަތްކުރާ އެމްޓީސީސީން މިއަދު ބުނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ދިއްދުއަށް ގެންގޮސްފައިވާ ކަމަށާއި އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ގާ އެތުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 616 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 185 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 4320 އަަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މި މަޝްރޫއުގެ އަގަކީ 69.8 މިލިއަން ރުފިޔާއެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.